ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އަލުން ހުޅުވި ފަހުން، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަޑުޖައްސާލާފައެވެ. އެމިނިސްޓްރީން ބުނީ އެ ޕްރޮގްރާމް މެދުކަނޑާލީ ކޮވިޑްގެ ހާލަތާ ގުޅިގެން ސްކޫލްތަކުގައި އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ.
އިއްޔެ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރާއެކުގައ ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދިޔައީ ކޮވިޑްގެ ހާލަތަށް ބަލައި ކުދިންގެ ރައްކާތެރި ކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. ނަމަވެސް ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ސްކޫލްތައް ބަންދުކުރުމަށްފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އޭރު އެ ޕްރޮގްރާމް ފެށީ 24 ސްކޫލެއްގައެވެ. އެ އަހަރުގެ ދެވަނަ ޓާމުން ފެށިގެން އިތުރު ސްކޫލްތަކުގައި ވަނީ އެ ޕްރޮގްރާމް ފަށާފައެވެ. މެދުކަނޑާލިއިރު، 203 ސްކޫލެއްގައި ނާސްތާ ދެމުން ގެންދެއެވެ. ނާސްތާ ފޯރުކޮށްދެނީ އެކަމަށް އެދޭ ދަރިވަރުންނަށެވެ. އެ ޕްރޮގްރާމަށް ސަރުކާރުން 140 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނާސްތާ ޕްރޮގްރާމުގެ ސަބަބުން، ކުދިންގެ ހިތްއަލިވެ، މުރާލިވެ، ރޫފަޖެހި، އިސްކޮޅުން ދިގުވެ، ދިވެހިރާއްޖެ އާ އުސްމިނަކަށް އުފުއްލައިލާނޭ މުލައްދަނޑީގައި ބާރު ހުރި، ބުންވަރުގައި ޖޯރު ހުރި، ފަހުލަވާނުންތަކަކަށް އެ ކުދިން ވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު