އާޔަތްތައް ނުބައިކޮށް ލިޔެވިފައި ހުރީ ކީއްވެގެންކަން ދެ ހަފްތާގެ ތެރޭގައި ދެނެގަނެވޭނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓާރ
އާޔައްތައް ނުބައިކޮށް ހުރުމުން އެކަން ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

 

ޤުރުއާން ފޮތްތަކުގައި އާޔަތްތައް ނުބައިކޮށް ލިޔެވިފައި ހުރީ ކީއްވެގެންކަން ދެ ހަފްތާގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތަކުގައި ކުށެއް އޮތުމަކީ ވެދާނެ ކަމެއް ނަމަވެސް ޤުރުއާން ފޮތްތަކުގައި ޤުރުއާނުގެ އެންމެ އަކުރެއްވެސް ނުބައިކޮށް އޮވެގެން ނުވާނެ ކަމަށެވެ. އެކަން އެހެން ދިމާވީ ކޮންމެވެސް ބައެއްގެ އިހުމާލުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އާ މަންޖަހުގެ ދަށުން އެކުލަވާލި ފޮތްތަކުގައި ހުންނަން ނުޖެހޭ ކުށްތަކެއް ހުރިކަން އެ މިނިސްޓްރީއަށް ފާހަގަކުރެވުނީ ހުސްވި ހަފްތާގެ ތެރޭގައި ކަމަށާއި، އެ ފޮތްތައް ޗާޕްކުރުމުގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީން ޗެކުކޮށް ފާސްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުށްތައް ހުރި ފޮތްތައް ބޭނުންކޮށްގެން ކިޔަވައިދޭތާ ފަސް އަހަރު ވެފައިވާ ކަމަށާއި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންވެ އެހާ ދިގު މުއްދަތެއް ފާއިތުވިއިރު ކުށްތައް ފާހަގަނުކުރެވި، އަދި އެފަދަ ކުށްތަކެއް ހުންނަން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައްސަލަ ދިމާވީ ގުރޭޑް އެކެއްގެ ޤުރުއާން ފޮތުގެ ސޫރަތެއްގައި ދެ އާޔަތެއް އެކުވެފައި އޮތުމުންނެވެ. އޭގެ ފަހުން ގުރޭޑް ދޭއް އަދި ބާރައިގެ އިސްލާމް ފޮތުގައިވެސް ޤުރުއާންގެ އާޔަތެއް ވަނީ އޮޅިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަނީ މި ފޮތްތަކުގައި ހުރި ކުށްތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ފޮތްތައް ކުދިންގެ އަތުން އަތުލައި، މައްސަލަ ދިމާވި އާޔަތްތައް އިސްލާހުކޮށް އެ ފޮތް ތަކުގައި ތަތްކުރަން ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ހުރިހާ ގްރޭޑްތަކެއްގައި ގުރުއާނާއި އިސްލާމްގެ ފޮތްތަކުގައި އިތުރު ކުށްތައް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރަނީ އެކަމަށްޓަކައި އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *