ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރފެކަލްޓީ ބެޑްމިންޓަން މުބާރާތް 2025 ގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހޯދައިފިއެވެ.
އެފް.އީ އިން މުބާރާތުގެ ތަށި އުފުލާލާފައިވަނީ ފައިނަލުގައި ރޭ ފެކަލްޓި އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އާ ބައްދަލު ކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ވިމެންސް ޑަބަލްސް، މެންސް ސިންގަލްސް، އަދި މިކްސްޑް ޑަބަލްސްގެ ޓައިތައް ކާމިޔާބުކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ.
މިމުބާރާތުގެ ފައިނަލުގައި ބައްދަލުކުރި ދެޓީމު ކަމަށްވާ ފެސްޓް އަދި އެފް.އީ ވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ޖުމްލަ 10 ފެކަލްޓީއަކުން މުބާރާތުގައި ވާދަކުރިއިރު، މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ ދެ ގްރޫޕަކަށް ބަހާލެވިގެންނެވެ. ދެ ގްރޫޕުން ވެސް 1 ވަނަ އަދި 2 ވަނަ ޓީމުތަކުގެ މެދުގައި ސެމީފައިނަލް މެޗުތައް ވަނީ ކުޅެވިފައެވެ. ސެމީ ފައިނަލުގައި ނާކާމިޔާބުވެ މުބާރާތުގެ 3 ވަނަ ލިބިފައިވަނީ ސްކޫލް އޮފް މެޑިސިން އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރފެކަލްޓީ ބެޑްމިންޓަން މުބާރާތަކީ 2023 ވަނަ އަހަރުން ފެށިގެން ޔޫނިއަނުން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ މިމުބާރާތް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ 3 ވަނަ އަހަރެވެ. މުބާރާތް ފެށުނީންސުރެން ފާއިތުވެދިޔަ 3 އަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ ނޮވެމްބަރ 1 އަކުން 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

advertisment
ހިޔާލު