އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޡާކަމުގެ ސަނަދު މަރިޔަމް ރައްޔާ އަޙްމަދު ހާސިލުކޮށް ކުލަޖެއްސީ، އެންމެ 4 އަހަރުއްސުރެ ދެކެމުން އައި ހުވަފެނެއްގައެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޙިފްޡް ކޮމިޓީއަށް ރައްޔާ ޤުރްއާން ހިތުން ކިޔައިދީ ނިންމީ ހުސްވި މަހުގެ 29 ވަނަ ދުވަހުއެވެ. ފާސްވީ އެއްވަނަ ދަރަޖައިގައެވެ.
ދަރިވަރު ނޫހަށް ރައްޔާ ބުނީ، އިހަވަންދޫގެ ފުރަތަމަ ހާފިޡާއަކަށް ވުމަށް އަބަދުމެ އޭނާ ދުޢާކުރަމުން ދިޔަ ކަމަށާއި އެ ފުރުޞަތު ލިބުނީ ކުރި ދުޢާ އާއި ބުރަކޮށް ކުރި މަސައްކަތުން ކަމަށެވެ.

"ވަރަށް އުފާވި އެހާ ކުޑައިރު ދެކެމުން އައި ހުވަފެނުގައި ކުލަޖެހި ރަށުގެ ފުރަތަމަ ހާފިޡާއަކަށް ވުމުން" ދަރިވަރު ނޫހަށް ރައްޔާ ބުންޏެވެ.
ރައްޔާ ބުނީ ކުޑައިރުއްސުރެ ޤުރްއާނަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދުނު ކަމަށެވެ. 15 ފޮތް ދަސްކޮށްފައި ވަނިކޮށް ހުއްޓުނީ ސްކޫލުގައި ކިޔަވަމުން ވަގުތު ހޯދަން ދަތިވެގެން ކަމަށާއި ފަހުން އޭލެވެލް ނިންމައި އާ ހިތްވަރެއް ލައި ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް ރައްޔާ ބުންޏެވެ.
"އޭލެވެލް ނިންމާފައި އެހެން ހުރިހާ ކަމަކުން ދުރުވެ ޤުރްއާން ހިފްޡްކުރަން ހުސްވީ. އޭރު ކުރިން ދަސްކުރި ބައިތައް ވެސް ހުރީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައި. ކުރިން ދަސްކުރި ބައި މުރާޖައާ ކުރަމުން ބަކީ އޮތް 15 ފޮތް ވެސް ދަސްކޮށް ނިންމީ ދެ އަހަރުގެ ތެރޭގައި ކުރި މަސައްކަތުން" ރައްޔާ ބުންޏެވެ.
ރައްޔާ ބުނީ، ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރީ ރޭގަނޑުގެ ވަގުތު ތަކުގައި ކަމަށާއި އޭގެ އިތުރުން ކޮންމެ ދުވަހަކުހެން ތިން އިރަށް ކިޔަވަން، އޭނާގެ ބައްޕަ ހިންގާ ނޫރުލް ޤްރުއާން ކުލާހަށް ދިޔަ ކަމަށެވެ.

ހާފިޡާކަމުގެ ސަނަދު ހޯދުމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝާހީމް ޢަލީ ސަޢީދު ރައްޔާއާއި އޭނާގެ ޢާއިލާއާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވާފައިވެއެވެ. އަދި އިހަވަންދޫ ކައުންސިލުން ވެސް އޭނާއަށް މަރުޙަބާ ކިޔާފައިވެއެވެ. ރައްޔާ ހޯދި ފަޚުރުވެރި ތާރީޚީ ކާމިޔާބާއެކު 50،000 ރުފިޔާގެ ހަދިޔާއެއް ވެސް ދޭން އެރަށު ކައުންސިލުން ނިންމާފައިވެއެވެ.
ރައްޔާ ބުނީ، ޤުރްއާން ހިތުދަސްކޮށް ހާފިޡަކަށް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަން ކުރަން ބުރަކޮށް ދުނިޔެއާއި އާޚިރަތުގެ ވެސް ހެވަށް އެދިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ވަރުގަދަ އަޒުމެއް އޮންނަންޖެހޭނެ. ދުނިޔެއާއި އާޚިރަތަށް އެދިގެން ޝަޢުޤުވެރިކަމާއެކު މަސައްކަތް ކުރުން ވަރަށް މުހިންމު" ރައްޔާ ބުންޏެވެ.
ހާފިޡަކަށް ވުމުގެ ދަތުރުގައި ރައްޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަންމައާއި ބައްޕައާއި ދޮންތަ އަދި ޤުރްއާން މުދައްރިސްގެ ފަރާތުންނެވެ. ޚާއްޞަ މަންމައާއި ބައްޕަ ކޮށްދިން ކަންތައްތައް އޭނާ ފާހަގަކުރިއެވެ.
"ޤުރްއާން ހިތުދަސްކުރުމުގައި މަންމަގެ ދައުރު ވަރަށް ބޮޑު. އެންމެ ކުޑައިރުއްސުރެ ހިތުދަސްކޮށް ނިމެންދެން ވެސް މަންމަގެ އެހީތެރިކަން އަބަދުމެ ލިބެމުންއައީ. ހިފްޡް ކޮމިޓީއަށް ކިޔައިދެމުން ދިޔައިރު މާލެއައިސް ކައިރީގައި ހޭދަކުރި ވަގުތަކީ ވެސް ވަރަށް މުހިންމު ވަގުތުކޮޅެއް"
ރައްޔާ ނިންމައިގެން ހުރީ ޤާރީ ކޯސް ނިންމައިގެން ޤުރްއާނުގެ ދާއިރާއިން ކުރިއަށް ދާށެވެ.
"ޤުރްއާނުގެ ތެރޭގައި އުޅެވޭ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވަނީ. އެހެންވެ މިހާރު ވިސްނުން ހުރީ ޤާރީ ކޯހަކާ ދިމާލަށް ދާން" ރައްޔާ ބުންޏެވެ.

advertisment
ހިޔާލު