މުހައްމަދު އަޒާން އަޙުމަދު، ޔޫސުފު ޙުސައިން، މުޙައްމަދު ނާއިމް ނަޖީޢު، ޙަސަންޒާމިލް މަސްއޫދު މިއީ ފޭދޫގެ ޒުވާން ޚަޠީބުންނެވެ.
"އިއްޔެ މިކުދިންނަކީ ޒުވާން އިމާމުންނެވެ. މިއަދު މިއީ ޒުވާން ޚަތީބުންނެވެ." ފޭދޫގެ ޒުވާން އިމާމުންނާއި ޒުވާން ޚަޠީބުން އުފެއްދުމަށް ފިކުރުކޮށް އެކަން ހަގީގަތަކަށް ހެދުމުގެ ޕްލޭން ކުރަހާލި ފޭދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވިއެވެ. "މާދަމާ މިކުދިންވާނީ މި ގައުމުގެ މުސްތަގުބަލަށް އަލިކުރާނޭ އަލިގަދަ ދަންމަރު ތަކަކަށެވެ."
2025، އޮކްޓޯބަރ 24 ވަނަ ދުވަހަކީ، ފޭދޫގެ ތާރީޚީ ސަފުހާއެއްގެ ފެށުން އައި ދުވަހެވެ. ޒުވާން ޖީލެއްގެ ހުނަރާއި ގާބިލްކަން ފޭދޫގެ މިސްކިތްތަކުން ފެނުމުން ރަށުގެ އެތައް ބަޔަކު ތިބީ އުފަލުންނެވެ. ޒުވާން ޚަޠީބުން ނުކުމެ މުޅި ރަށުގައި ހުކުރުކުރީއެވެ.

ފޭދޫގެ އެންމެ ބޮޑު މިސްކިތް މަސްޖިދުލް އަމާނީގައި ހުކުރު ކުރީ ޒުވާން ޚަޠީބް މުހައްމަދު އަޒާން އަޙުމަދެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ މަސްޖިދުލްކައުޘަރުގައި ހުކުރު ކުރީ ޒުވާން ޚަޠީބް ޔޫސުފު ޙުސައިނެވެ. މަސްޖިދުލް ނަޞްރުގައި ހުކުރު ކުރީ ޒުވާން ޚަޠީބް މުޙައްމަދު ނާއިމް ނަޖީޢު އެވެ. ހަސަން ޒަރީރު ވިދާޅުވީ، އެދުވަހު މިސްކިތަށް ދިޔަ މީހުން ޒުވާން ޚަޠީބުންނަށް ތައުރީފުކޮށްފައިވާ ކަމަށެވެ. ޚުޠުބާ އިއްވި ގޮތާއި ކިޔެވި ކިޔެވުން ވަރަށް ފުރިހަމަކަމަށް ހުކުރަށް ދިޔަ މީހުން ބުނެފައިވެއެވެ.

" ޒުވާން ޚަތީބުން ވުޖޫދު ވުމަކީ ލިބުނު އުފަލެއް. އެތައް ބައެއްގެ ބުރަ މަސައްކަތް ކާމިޔާބު ވުމަށް الله ތަޢާލާ އިރާދަ ކުރެއްވީތީ ޙަމްދު ކުރަން." ހަސަން ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ބިނާކުރުމަށް ހިންގެވި ޕްރޮގްރާމްގައި އެކުދިންނަށް ކިޔަވައިދެއްވައި މަގުދެއްކެވީ އައްޑޫގެ އިލްމުވެރި ބޭފުޅެއް ކަމުގައިވާ އައްޝައިޚް އަޙުމަދު ނާޒިޙް އެވެ. ދެން ފޭދޫގެ އިމާމް މުހައްމަދު ޝަފީގާއި ޤުރުއާން މުދައްރިސް މުހައްމަދު އަސްލަމެވެ.
"މިކުދިންގެ ފަރާތުން ފެނުނީ، ހުނަރާއި ޤާބިލުކަން." އިމާމް ޝަފީޤް ވިދާޅުވިއެވެ.
ފޭދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ ޒުވާން އިމާމުން އުފެއްދުމަށް ފޭދޫ އޮފީހުން އިސްނަގައިގެން މިދިއަ އަހަރު ވަނީ ކާމިޔާބު ޕްރޮގްރާމެއްވެސް ހިންގާފައެވެ. މި ޕްރޮގްރާމްގެ ފޮނިމީރުކަން ފޭދޫގެ މިސްކިތްތަކުން ދަނީ ފެންނަމުނެވެ. ރީއްޗަށް ޤުރުއާން ކިޔަވާ މޮޅު އިމާމުން ފޭދޫގެ މިސްކިތްތަކުން ދަނީ ފެންނަމުނެވެ.
advertisment
ހިޔާލު