ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގައި ޓިވެޓް ސެންޓަރެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރީ، ގދ. ތިނަދޫގައި ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމަށާއި ވިލިނގިލީގައި ޓިވެޓް ސެންޓަރަކާއި ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށް ކަމަށާއި، ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 13 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 13 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައެވެ.

ވިލިނގިއްޔާއި ތިނަދޫގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރުގެ އިތުރު ތަފުޞީލެއް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ދީފައިނުވެއެވެ.
ޓިވެޓް ސެންޓަރުތައް އަތޮޅު ތެރޭގައި ޤާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ޓިވެޓް ސެންޓަރުތަކަށް ބޭނުންވާ އިކްއިޕްމަންޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެތަންތަނުގައި ކިޔަވައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
advertisment
ހިޔާލު