ޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އެޑިޔުކޭޝަނުން އިލްތިމާސްކޮށްފި

ޝަހީދު ޢަލީ ސްކޫލުގެ ޖާގަތައް ފުރެމުންދާތީ، އެ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލު މެދުވެރިކޮށް ލަސްނުކޮށް ފޯމް ހުށައެޅުމަށް އެޑިޔުކޭޝަނުން އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޝަހީދު ޢަލީ ސްކޫލުގެ ގުރޭޑް 1ން 10އަށް ވަންނަން ހުޅުވާލަމުން އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، މާލެ ސަރަޙައްދު ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުން ޝަހީދު ޢަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެ ދަރިވަރު މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމް ހުށައެޅުމަށެވެ.

ފޯމް ހުށައަޅަން މުއްދަތު ދިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝަހީދު ޢަލީ ސްކޫލް ހުޅުވަން ތައްޔާރުވަމުން އަންނައިރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސާފައި ވަނީ މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅަކު މީގެ ކުރިން ވިދާވެފައިވަނީ، މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންނާއި އަތޮޅުތެރެއިން މާލެއަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 700 އެއްހާ ދަރިވަރުން ބަދަލުވާނެ ކަމަށް ބެލެވޭއިރު، އެލްކޭޖީ އަށް 1800 އެއްހާ ދަރިވަރުން، ގުރޭޑް 1އަށް 2000 އެއްހާ ދަރިވަރުން ވަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ގިނަ އަދަދެއްގެ ކުދިންނަށް ޖާގަ ދޭންޖެހޭއިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުން ޖާގަ ކަށަވަރުކުރުމަށް ދުރާލާ މަސައްކަތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުން އަންނަ ކަމަށެވެ.

މި އަހަރު ގުރޭޑް 1ގައި 5000 އެއްހާ ދަރިވަރުން ކިޔެވުން ފެށިއިރު، އޭގެ ތެރެއިން 2000 އެއްހާ ދަރިވަރުންނަކީ މާލޭގެ ސްކޫލްތަކަށް ވަން ދަރިވަރުންނެވެ.

ރާއްޖޭގެ މަދަރުސީ ތައުލީމުގައި، ސަރުކާރުގެ 117 ސްކޫލެއްގައި 84000 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *