ބައްޕަގެ ގާނާ ވޯކްޝޮޕުގައި 16 އަހަރުގެ ޝާދިން އުފެއްދީ އަމިއްލަ ކާރެއް

ކާރުގައި ބޭނުންކުރީ ބަރޯގެ ފްރޮޅާއި ސައިކަލެއްގެ އިންޖީނެއް

ބ. ގޮއިދޫ ސްކޫލުގެ ގުރޭޑް 10ގައި  މިހާރު ކިޔަވަމުންދާ މުޙައްމަދު ޝާދިން ޝާކިރު ކުޑައިރު އުޅުނީ ކުދިކުދި ކާރުތައް ރޫޅައި ހެދުމުގައެވެ. އޭގެ ފަހުން ވަނީ ސައިކަލު މަރާމާތު ކުރާ ބައްޕަގެ ގަރާޖަށެވެ. ސްކޫލުން ގެއަށް އައިސް ފިލާވަޅުތައް ނިންމާފައި ލިބޭ ކޮންމެ ވަގުތެއް ހޭދަކުރަމުން އައީ އެ ގަރާޖުގައެވެ. ޝައުޤުވެރި އެ މަސައްކަތުގެ ތެރެއިން ޝާދިން ހެދީ އޭނާގެ އަމިއްލަ ކާރެކެވެ. އަމިއްލަ ޑިޒައިނަކަށެވެ. ކާރު ހަދަން ބޭނުން ކުރީ އެ ގަރާޖުތެރެއިން ނެރުނު ބައެއް ސާމާނާއި މާލެއިންނާއި ރަށުތެރެއިން ހޯދި ސާމާނުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަށުތެރެއަށް އޭނާ ނުކުތީ އެ ކާރުގައެވެ. ޓެސްޓް ބުރަކަށެވެ. އޭގެ ފަހުން ބައެއް ރައްޓެހިންނާއެކު ވެސް ބުރުޖެހިއެވެ. ރަށުގެ ރައްޔިތުންނާއި ދަންނަ ރައްޓެހިންގެ ފަރާތުން އޭނާގެ އެ މަސައްކަތަށް ލިބުނި ތައުރީފެވެ.

"ވަރަށް އުފާވި އަމިއްލައަށް ކާރެއް ހަދައިގެން އެއަށް އަރައިގެން ބުރެއް ޖަހާލެވުނީމާ" ދަރިވަރު ނޫހަށް ޝާދިން ކިޔައިދިނެވެ.

ކާރުގައި ޓެސްޓް ބުރަށް ނުކުތީ އުނދަގޫ އެތައް މަރުހަލާއެއް ގިރާކޮށްފައެވެ. ތިން މަހުގެ އެ މަސައްކަތް ކާމިޔާބު ކުރެވުނީ ނާކާމިޔާބީގެ ހިތިކަން ވެސް ތަޖުރިބާ ކޮށްފައެވެ.

ޝާދިން ބުނި ގޮތުގައި، ކާރެއް ހެދުމުގެ ޚިޔާލު އައިސް އޭގައި އަޅާނެ އިންޖީނަކަށް ފުރަތަމަ ބޭނުން ކުރީ ފެންޕަންޕެކެވެ. ފެންޕަންޕް ބޭނުން ކުރަން އުޅެގެން ފެއިލްވީއެވެ. ދެން ބޭނުން ކުރީ ސައިކަލެއްގެ އިންޖީނެކެވެ. އެކަން ކާމިޔާބު ވިއެވެ.

"އިންޖީނަކަށް ފެންޕަންޕެއް ބޭނުންކުރަން ކުރި މަސައްކަތް ކާމިޔާބު ނުވީމާ ބައްޕަ ގެންގުޅުނު ސައިކަލެއްގެ އިންޖީނު ބޭނުން ކުރީ" ޝާދިން ބުންޏެވެ.

ޝާދިން ބުނި ގޮތުގައި، ކާރު ހެދުމުގައި އެންމެ އުނދަގޫވީ ޑިޒައިނިންގ މަސައްކަތެވެ. އަދި ބޭނުންވާ ސާމާނު ހަމަކުރަން ޖެހުނީ ވެސް ރަށުގެ އެތައް މިތަނުން އެއްޗެހި ހޯދައިގެންނެވެ. ރަށުން ނުލިބުނު ބައެއް ސާމާނު މާލެއިން ވެސް ގެންނަން ޖެހުނެވެ.

"ޑިޒައިނިންގ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ހޭދަވި ވަރަށް ބޮޑަށް އޭގެތެރެއަށް ވަދެވި ވިސްނަން ޖެހުނު" ކާރު ހެދުމުގައި ބޭރުގެ އެއްވެސް ނަކަލެއް ޝާދިން ނުބަލައެވެ. ހުރިހާ މަސައްކަތެއް ރޭވީ ވެސް އޭނާގެ އަމިއްލައަށެވެ. އެކަމުގައި އޭނާއަށް އެހީވީ ގަރާޖުގައި މަސައްކަތް ކުރާ މީހުންނެވެ.

ޝާދިން ބުނި ގޮތުގައި، ކާރުގައި ބޭނުން ކުރި ސައިކަލެއްގެ ކާބްރޭޓަރަކީ ވެސް ހަލާކުވެގެން އެއްލާލާފައި އޮތް އެއްޗެކެވެ. އެ ނަގައިގެން ރޫޅާލައިގެން ހެދީއެވެ.

"ގަރާޖުގައި އުޅޭ ބިދޭސީ މަސައްކަތު މީހާ ވެސް ބުނި އެ ކާބްރޭޓަރަކީ ހަލާކުވެފައި އޮތް އެއްޗެކޭ މަސައްކަތެއް ނުކުރާނެއޭ. އެކަމަކު ވެސް ބޭނުންވި ރަނގަޅު ކުރެވޭތޯ ބަލާލަން. އެ ރޫޅާލައިގެން، ވަރަށް މަސައްކަތުން ހެދުނީ. އެއީ ވަރަށް އުފާވި ވަގުތުކޮޅެއް" ޝާދިން ހުރީ އުނދަގޫ ހާލަތުގައި ވެސް އޭނާގެ މަސައްކަތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.

"ކުރިއަށް ނުގެންދެވިގެން މަސައްކަތް ހުއްޓާލާނަމަ ހުއްޓާލަން ޖެހޭ އެތައް ކަމަކާ ކުރިމަތިވި. އެކަމަކު ވެސް ހުއްޓާނުލައި ކުރި މަސައްކަތުން ކުރިއަށް ދެވުނީ"

ޝާދިން ބުނީ، ކާރުގެ މަސައްކަތް ކާމިޔާބު ކުރުމުގައި ބައްޕަ އާއި ގަރާޖުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަންމައާއި ގާތް އެކުވެރިންގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ޓެސްޓަށް ރަށުތެރެއަށް ނެރުނީ ކާރުގެ މަސައްކަތް އެކީ ނުނިންމައެވެ. މިހާރު އޮތީ ކާރުގެ ކަވަރުސެޓްގެ މަސައްކަތް ނިންމުމެވެ.

ކާރުގެ ކަވަރުސެޓް ހެދީ ފޯމް ބޯޑުންނެވެ.

"ގާނާ ޕެއިންޓްކުރުން ދެން އޮތީ. އޭރުން މަސައްކަތް އެކީ ނިންމާލެވޭނީ" ޝާދިން ބުންޏެވެ.

ޝާދިން ދެކޭ އުއްމީދަކީ އޭނާގެ އަމިއްލަ އުފެއްދުން ރަޖިސްޓްރީ ކުރެވި އެހެން މީހުން ކާރު ދުއްވާހެން ދުއްވޭނެ ދުވަހެކެވެ.

"18އަހަރު ފުރި ލައިސަންސް ނަގައިގެން އަމިއްލަ ކާރެއްގެ ގޮތުގައި އެ ދުއްވަން ބޭނުން. އެއީ މިހާރު ކުރާ ވަރަށް ބޮޑު އުއްމީދެއް" އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނަ 15 އަހަރުގެ ޝާދިން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *