އިނގިރޭސި މާއްދާއިން ރާއްޖެ އާއި ދުނިޔެއިން އެއްވަނަ ހޯދި ޝައިޙާއަށް ހއ. އަތޮޅު މަދަރުސާއިން ވެސް އެއްވަނަ

ފާއިތުވި ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ފާޠިމަތު ޝައިޙާ ޢަލީ ހޯދައިފިއެވެ.

ހއ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދެވެ.

ސާނަވީގައި ޝައިހާ ހެދި އަށް މާއްދާގެ ތެރެއިން ހަތަރު މާއްދާއިން އޭ ސްޓަރ އަދި ހަތަރު މާއްދާއިން އޭ ހޯދިއެވެ. އޭ ސްޓަރ ހޯދީ، އިސްލާމާއި އިނގިރޭސި އާއި ބިޒްނަސް އާއި ޓްރެވަލް އެންޑް ޓޫރިޒަމުންނެވެ. އޭ ލިބުނީ، ދިވެއްސާއި ހިސާބާއި އެކައުންޓިންގ އާއި އިކޮނޮމިކްސްއިންނެވެ.

އިނގިރޭސި މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދުމުގެ އިތުރުން، ކޭމްބްރިޖް އިނގިރޭސި މާއްދާއިން އެއްވަނަ ހޯދާ އައުޓްސްޓޭންޑިންގ ލަރނާސް އެވޯޑް ޝައިޙާ ހޯދާފައިވެއެވެ.

ގުރޭޑް 9ގައި ކިޔަވަމުން ދިޔައިރު ހައުސްކެޕްޓަންކަން ކުރި ޝައިހާ ގުރޭޑް 10 ނިންމީ ސްކޫލު ކެޕްޓަންކަމުގެ ޒިންމާ ވެސް އެންމެ ފުރިހަމައަށް އަދާކޮށްފައެވެ.

ދަރިވަރު ނޫހަށް ޝައިހާ ބުނީ، އެންމެ ކުޑައިރުއްސުރެ ވެސް ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދުމަކީ އެއީ އަޒުމެއް ކަމަށާއި އެކަން ކުރަން ދުރާލާ ބުރަކޮށް މަސައްކަތް ވެސް ކުރި ކަމަށެވެ. އޭނާ ވާދަކުރަން ޖެހުނީ ވެސް ކިޔެވުމާއި އިތުރުހަރަކާތްތަކުގައި ވެސް މޮޅެތި ކުދިންނާ ކަމަށާއި އުފާވަނީ ވަދަވެރި މޮޅު ކުދިންނާ ވާދަކޮށް ސްކޫލުގެ އެންމެ މޮޅު ދަރިވަރަށް ވުމުން ކަމަށް ޝައިޙާ ބުންޏެވެ.

ޝައިޙާ ބުނީ، އިނގިރޭސި މާއްދާއަށް ޝައުޤު އުފައްދައި ރަނގަޅު ނަތީޖާއެއް ހޯދައިދިނުމުގައި ޓިއުޝަން ޓީޗަރެއްގެ ގޮތުގައި ޝައިރާ މިސް ކޮށްދެއްވި މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ނުކުރާއިރު މުދައްރިސުން އުއްމީދު ކުރި އެންމެ މޮޅު ދަރިވަރަށް ހޮވޭނެ ކަމަށް" ހއ. އަތޮޅު މަދަރުސާގައި އޭނާއަށް ކިޔަވައި ދެއްވި މުދައްރިސުންނަށް ވެސް ޝައިޙާ ޝުކުރުއަދާކުރިއެވެ.

ޝައިޙާ ބުނީ، އޭނާއަށް ލިބުނު ކާމިޔާބީގައި މަންމައާއި ބައްޕަ އަދި އާއިލާގެ ހިއްސާ ބޮޑު ކަމަށާއި އަދި އާއިލާގެ އިތުރުން ރައްޓެހިންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނު ކަމަށެވެ.

"އެ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ" ޝައިޙާ ބުންޏެވެ.

ސީއެޗްއެސްއީ ހުޅުމާލެ ގުރޭޑް 11 ގައި  މިހާރު ކިޔަވަމުންދާ ޝައިހާ ކުރިއަށް ދާން ބޭނުންވަނީ ފައިނޭންސްގެ ދާއިރާއިންނެވެ. އޭނާގެ މިހާރުގެ އުއްމީދަކީ ޓޮޕް އެޗީވަރސް އެވޯޑް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *