ސްކޫލްތަކުގައި ހުންނަންޖެހޭ މިނިމަމް އިންފްރާސްޓްރަކްޗަރ ސްޓޭންޑަރޑްސް އެކުލަވާލަނީ

ސްކޫލްތަކުގައި ހުންނަންޖެހޭ "މިނިމަމް އިންފްރާސްޓްރަކްރ ސްޓޭންޑަރޑްސް" ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މި މަސައްކަތަށް ބޭނުންވާ ކޮންސަލްޓެންޓެއް ހޯދަން އެ މިނިސްޓްރީން ވަނީ އިއުލާން ވެސް ކޮށްފައެވެ.

އެ އިއުލާނާއެކު ހިއްސާކޮށްފައިވާ ކަރުދާހުގައި ބުނެފައިވާ ގޮތުން، މި ކޮންސަލްޓެންސީގެ މަޤްޞަދަކީ ޔުނިވަރސަލް ޑިޒައިން އެލެމެންޓްސް ހިމެނޭ އަދި އިންކްލޫސިވް އެޑިޔުކޭޝަންގެ ބޭނުންތައް ފުއްދައިދޭ ޤައުމީ އިންފްރާސްޓްރަކްޗަރ ސްޓޭންޑަރޑްސް ފްރޭމްވޯކެއް އެކުލަވާލުމާއި މިހާރު ހުރި އިންފްރާސްޓްރަކްޗަރ އާއި އެކުލަވާލާ އިންފްރާސްޓްރަކްޗަރ ސްޓޭންޑަރޑްސް އާ އަޅާކިޔައި ޤައުމީ ފެންވަރުގައި އެސެސްމަންޓެއް ހެދުމާއި އެސިސްޓިވް ޑިވައިސްތަކާއި ޓެކްނޮލޮޖީތަކާއި ސަޕޯޓް ޕާސަނަލް ހިމެނޭ ގޮތަށް އިންކްލޫސިވް އިންޓަރވެންޝަންތަކުގެ ސްޓޭންޑަޑައިޒްޑް ސެޓެއްގެ ޚަރަދު އަންދާޒާކުރުމެވެ.

އެޑިޔުކޭޝަން ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ފިޒިކަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޫލްތަކުގެ މިނިމަމް އިންފްރާސްޓްރަކްޗާ ސްޓޭންޑާޑް (އެމްއައިއެސް) ނެތުންކަން އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެފަދަ ސްޓޭންޑަޑެއް އެކުލަވާލާފައި ނެތުމުގެ ސަބަބުން އުނގެނުމުގެ މާހައުލުގެ ފެންވަރަށް ބޮޑެތި ތަފާތުތަކެއް އައިސް، ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އުނގެނުމުގެ ބޭނުންތައް ހުންނަ ކުދިންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިނިމަމް އިންފްރާސްޓްރަކްޗާ ސްޓޭންޑަޑަކާ ނުލައި، ދަރިވަރުން ކްލާސްރޫމްތަކުގައި ކިޔަވަން މަޖުބޫރުވެ، އެކުދިންގެ ފޯކަސް ބުރޫ އަރާ، އުނގެނުމަށް ހުރަސް އެޅޭކަމަށާއި އިންފްރާސްޓްރަކްޗާ ދަށްވުމުގެ ސަބަބުން ބައެއް ސްކޫލްތަކުގެ އިމާރާތްތައް ރައްކާތެރި ނޫން ނުވަތަ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އިމާރާތް ނުކުރެވުމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ޖިސްމާނީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން، ސްޓޭންޑަޑައިޒްޑް އިންފްރާސްޓްރަކްޗަރ ނެތުމުގެ ސަބަބުން ދިގު މުއްދަތަކަށް ނުކުޅެދުންތެރިކަން ކުރިމަތިވެ، ސްކޫލްތައް މަރާމާތު ކުރުމުގެ ސަބަބުން މެއިންޓެނެންސް ޚަރަދު ބޮޑުވެ، އެތަންތަނުގެ ފެސިލިޓީތައް ރަނގަޅަށް މެނޭޖް ކުރުމުގައި ދަތިތަކާ މަތީވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އަދި އެއާއެކު، ދަރިވަރުންގެ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާއި މިސާލަކަށް، އެކަށީގެންވާ އިންފްރާސްޓްރަކްޗާ ނެތުމާއި، ކްލާސްރޫމްތައް ނުލިބުމާއި، އެކަށީގެންވާ ފެންވަރުގައި ނަރުދަމާގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ކުދިން ސްކޫލަށް ދިއުމަށް ހިތްވަރަކަށް ނުވާކަމަށް ވެސް ބުނެފައިވެއެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުދިންނަށް މި މައްސަލަ ވަރަށް ބޮޑު ކަމަށާއި ޚާއްޞަކޮށް، ޖެންޑަރ ސެންސިޓިވް ހައިޖީން ފެސިލިޓީތައް ނެތުމުގެ ސަބަބުން އަންހެން ކުދިންގެ އެންރޯލްމަންޓަށާއި، އެޓެންޑެންސަށާއި، ކިޔެވުމަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަކުރެވޭ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މިކަންކަން ޙައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިނިމަމް އިންފްރާސްޓްރަކްރ ސްޓޭންޑަޑެއްގެ ކޮސްޓްޑް ފްރޭމްވޯކެއް އެކުލަވާލުމުގެ ޕްރޮޖެކްޓެއް ފަށާފައިވާކަމަށެވެ. މި ފްރޭމްވޯކް އެކުލަވާލާނީ ޔުނިވާސަލް އެކްސެސިބިލިޓީ ސްޓޭންޑަޑްތަކުގެ މައްޗަށް ބިނާކޮށްގެކަން ފާހަގަކޮށް އެމިނިސްޓްރީން ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ އަންހެން ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، އިންފްރާސްޓްރަކްޗާ އަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވާ ޖެންޑަރ ސްޕެސިފިކް ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތެއްގައި ހައްލު ހޯދައިދެވޭނެ ކަމަށެވެ.

މި ފްރޭމްވޯމްވާކާއެކު "ކޮސްޓެޑް އިމްޕްލިމެންޓޭޝަން ޕްލޭން" އެކުލަވާލުމުން، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައްކާތެރި، އެންމެން ޝާމިލުވާ، އުނގެނުމުގެ މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *