ޝަބާއަށް ޤައުމީ ޤުރްއާން މުބާރާތުން ފުރަތަމަ ވެސް އެއްވަނަ

ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ފަހަރު ނޫނީ ވަނައެއް ނުލިބެއެވެ. އެއީ ހުއްޓައިނުލައި ކުރަމުން އައި މަސައްކަތާއި ހިތްވަރުގެ ނަތީޖާއެވެ. މި އަހަރު  ބޭއްވި ޤައުމީ ޤުރްއާން މުބާރާތުން ޢުމުރުފައިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުމަކީ އެއީ ށ. މިލަންދޫ ސްކޫލުގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުން އަންނަ ޢާއިޝަތު ޝަބާގެ އެންމެ ބޮޑު ކާމިޔާބީ ވެސް މެއެވެ.

"ޤައުމީ ޤުރްއާން މުބާރާތުން އެއްވަނަ ލިބުމަކީ އެއީ ސަޕްރައިޒެއް. އެއީ އެއްވެސް ވަރަކަށް އުއްމީދު ވެސް ކުރިކަމެއްނޫން. އުއްމީދު ކުރީ ތިން ވަނަ އާ ހިސާބަށް ދެވޭނެ ކަމަށް" ނިމިގެން ދިޔަ ޤައުމީ ޤުރްއާން މުބާރާތުގައި ށ. އަތޮޅު ކައުންސިލް ތަމްސީލުކުރި ޝަބާ، ވަނައަކަށް އުއްމީދު ކުރި ނަމަވެސް އެއްވަނަ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރެއެވެ.

ޤައުމީ ޤުރްއާން މުބާރާތަށް އޭނާ ދިޔައީ އަތޮޅު ޤުރްއާން މުބާރާތުން ނުބަލައި ކިޔުމުން ޢުމުރުފުރައިން އެއްވަނައާއި މުޅި މުބާރާތުން ނުބަލައި ކިޔުމުން ދެވަނަ ހޯދައިގެންނެވެ.

އަށް އަހަރުން ފެށިގެން ސްކޫލާއި އަތޮޅު ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ޝަބާ ދިޔައީ ބައިވެރިވަމުންނެވެ. މީގެ ކުރިން ސްކޫލް ޤުރްއާން މުބާރާތާއި އަތޮޅު މުބާރާތުން ވެސް އެއްވަނަ ލިބިފައިވެއެވެ.

ޝަބާ ބުނި ގޮތުގައި އަބަދުވެސް އުޅެވެނީ ޤުރްއާނުގެ ތެރޭގައި ކަމަށާއި ކޮންމެ ދުވަހަކު ދެ ގަޑިއެއްގައި ޤުރްއާން ފަރިތަކުރުމުގައި ވަގުތު ހޭދަކުރާ ކަމަށެވެ. އެއީ ފަތިހާއި ރޭގަނޑެވެ. ޤުރްއާން މުބާރާތް ގާތް ވުމުން، މުބާރާތަށް އަމާޒުކޮށްގެން ކިޔަވަނީ މުޤައްރަރަށް ބަލައިގެންނެވެ. އެކަމުގައި އޭނާއަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދެނީ އަޙްމަދު ފިރާޤް (ފިރާޤް ސަރ) އެވެ.

"ވަނައަކާ ހަމައަށް ދިއުމުގައި ފިރާޤް ސަރގެ އެހީތެރިކަމާއި ދެއްވި ހިތްވަރާއި ކޮށްދެއްވި މަސައްކަތް ޝުކުރުވެރިމާއެކު ފާހަގަކުރަން. އެއާއެކު މަންމައާއި ބައްޕަ އާދި އާއިލާއާއި ސްކޫލުން ދިން އެހީތެރިކަމަށް ވެސް ޝުކުރުއަދާކުރަން" ޝަބާ ބުންޏެވެ.

ޝަބާ ބުނި ގޮތުގައި، މިހާރު އެންމެ ބޭނުންވަނީ ޤުރްއާން ހިތުދަސްކުރުން ކަމަށާއި އޭލެވެލް ނިންމާފައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެއެވެ. މިހާތަނަށް ޤުރްއާނުން ދެބައިކުޅަ އެއްބަޔަށް ވުރެވެސް ބޮޑުބައި ހިތުން ދަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޤުރްއާން ހިތުދަސްކުރުން އެއީ މިހާރުގެ އެންމެ ބޮޑު "ޑްރީމް"އަކީ" ޝަބާ ބުންޏެވެ.

ޤައުމީ ޤުރްއާން މުބާރާތުން ނުބަލައިކިޔުމުން އެއްވަނަ ލިބުމުން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަށް ކިޔަވަން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕެއް ޝަބާއަށް ވަނީ ލިބިފައެވެ. އަދި އެއާއެކު ފައިސާގެ އިނާމްގެ ގޮތުގައި 175،000 ރުފިޔާގެ އިނާމެއް ވެސް އޭނާއަށް ލިބިފައިވެއެވެ.

ޝަބާ ބުނީ، ކުރިއަށް ދާނެ ދާއިރާއެއް އަދި ނުވިސްނާ ކަމަށެވެ.

"އޭލެވެލް ނިމްމާފައި ކުރިއަށް ދާނެ ދާއިރާއަކާ މެދު ވިސްނާނީ. މިހާރު ބޭނުންވަނީ ފުރަތަމަ އޭލެވެލް ނިންމަން" ޝަބާ ބުންޏެވެ.

ޝަބާ ބުނީ، މުބާރާތަކުން ވަނައެއް ނުލިބުމަކީ ހިތްވަރު އެލުވާލަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަށް އެދިގެން މަސައްކަތް ކުރާނަމަ ބޭނުންވާ ހިސާބަށް ދެވޭނެ ކަމަށެވެ.

"މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ނޫނީ ދެވަނަ އަދި ތިންވަނަ ފަހަރުވެސް ވަނައަކަށް ނުދެވިދާނެ. އޭގެ މާނައަކީ ނުވިއޭ ކިޔާފައި ހުއްޓާލުމެއް ނޫން. ކުރަންވީ ކަމަކީ ކަމެއް ޙާޞިލްކުރަން ބޭނުންވާ ނަމަ ހުއްޓާނުލައި ގަދައަޅައި މަސައްކަތް ކުރުން" ޝަބާ ބުންޏެވެ.

ޝަބާގެ ކާމިޔާބީއަކީ ވެސް އެއީއެވެ. ހުއްޓައިނުލައި އޭނާ ކުރި މަސައްކެތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *