އޯލެވެލް އިމްތިޙާނަށް 100 ދުވަސް: ސްކޫލްތަކުން ކައުންޓް ޑައުން ފަށައިފި

އޯލެވެލް އިމްތިޙާނަށް 100 ދުވަސް ވުމުން ސްކޫލްތަކުން ކައުންޓް ޑައުން ފަށައިފިއެވެ.

އޯލެވެލް އިމްތިޙާނަށް 100 ދުވަހުގެ ކައުންޓް ޑައުން ފެށުމުގެ ގޮތުން ޚާއްޞަ އެސަމްބްލީއެއް މިއަދު ހެނދުނު ހިރިޔާ ސްކޫލުގައި ބާއްވާފައިވެއެވެ. މި އެސެމްބްލީގައި ގުރޭޑް 10ގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ.

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ނައީމާ ވިދާޅުވީ، 100 ދުވަހުގެ ކައުންޓް ޑައުން ފެށީ މިދިޔަ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ ޢަޒުމުގައި ކަމަށާއި އަންނަ ޖެނުއަރީގައި އޯލެވެލް ހަދާ ބެޗާމެދު އުއްމީދު ބޮޑުކަމަށެވެ.

އެ ސްކޫލުން 140 އެއްހާ ދަރިވަރުން އަންނަ އަހަރު ބާއްވާ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާނެއެވެ.

ގުރޭޑް 10 ނިންމާ، އެސްއެސްސީ އިމްތިޙާނާއި އާއި އޯލެވެލް އިމްތިޙާނު ފަށާނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އިސްކަންދަރު ސްކޫލުން ވެސް ބުނީ، އޯލެވެލް އިމްތިޙާނުގެ ކައުންޑައުން، ރަސްމިއްޔާތެއްގައި ނުބޭއްވި ނަމަވެސް ދަރިވަރުންނަށް އެކަން ހަނދާކޮށްދީ، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އަދި މިދިޔަ އަހަރަށްވުރެ މި އަހަރުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

އިސްކަންދަރު ސްކޫލުން 200އަށްވުރެ ގިނަ ދަރިވަރުން އޯލެވެލް އިމްތިޙާނުގައި އަންނަ އަހަރު އިށީންނާނެއެވެ.

އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުން މިހާރު ވެސް ދަނީ ސްޓަޑީ ކޭމްޕްތައް ބާއްވަމުންނެވެ. ބައެއް ސްކޫލްތަކުން އެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕްތައް ބާއްވާއިރު ސްކޫލްތައް ގުޅިގެން ވެސް މިފަދަ ކޭމްޕްތައް ބާއްވައެވެ.

ލ. ގަމުގައި ހުންނަ ޚަމަދު ސްކޫލުގައި އެ އަތޮޅުގެ ފަސް ސްކޫލަކުން ގުޅިގެން ދިވެއްސާއި އިސްލާމް މާއްދާއަށް ޚާއްޞަކޮށްގެން ސްޓަޑީ ކޭމްޕެއް ބާއްވާފައިވެއެވެ.

އއ. ބޮޑުފޮޅުދޫ ސްކޫލާއި އުކުޅަހު ސްކޫލާ ގުޅިގެން ވެސް ސްޓަޑީ ކޭމްޕެއް ބާއްވާފައިވެއެވެ. މި ކޭމްޕްގައި ކުރިއަށް ގެންދިޔައީ އެކައުންޓިންގ އާއި ބައޮލޮޖީއެވެ.

މި އަހަރު ކުރީކޮޅު ބޭއްވި އޯލެވެލް އިމްތިޙާނުގައި މި އަހަރު 7133 ދަރިވަރުން ބައިވެރިވިއެވެ. އެސްއެސްސީ އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވިއެވެ.

ސާނަވި އިމްތިހާނު މި އަހަރު ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށް ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *