މާލީ މައުލޫމާތު ހިއްސާކުރުމާއި ދިރާސާތައް ކުރަން އެމްއެމްއޭ އާއި އެމްއެންޔޫއިން ގުޅިގެން މަސައްކަތް ކުރަނީ

މާލީ މައުލޫމާތު ހިއްސާކުރުމާއި ދިރާސާތައް ކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު އެމްއެމްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ގަވަރނަރ އަޙްމަދު މުނައްވަރެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ސަބަބުން، އެމްއެންޔޫގެ ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުޞަތުތަކާއި މަޢުލޫމާތު ޙިއްޞާކުރުމާއި އެކުގައި ދިރާސާކުރުމާއި ޕްރޮފެޝަނަލް ތަރައްޤީގެ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އެމްއެމްއޭ ފަދަ މުއައްސަސާތަކާއެކު އެމްއެންޔޫއިން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިއީ މާލީ އަދި ފައިސާގެ ސިޔާސަތުތައް ރަނގަޅު ގޮތުގައި އެކުލަވާލުމަށް މަސައްކަތްކުރުމުގައި ފެކަލްޓީތަކާއި ދަރިވަރުންނަށް ފުރުޞަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ގަވަރނަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މުހިންމު ސިޔާސަތުތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ފުންކޮށް ދިރާސާކުރުމާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމުމަށްޓަކައި، އެކަޑެމިކް ދާއިރާއާއެކު ގާތުން މަސައްކަތްކުރުމަކީ އެމަނިކުފާނު ބޭނުންވާ ކަމަށެވެ.

މި އެމްއޯޔޫއިން ދައްކުވައިދެނީ، އެކަޑެމިކް ދާއިރާއިން އުނގެނޭ ކަންކަމާއި ޢަމަލީ މައިދާނުގައި ބޭނުންކުރެވޭ ކަންކަމާ ދެމެދު ހުރި ގުޅުން ކައިރިކުރުމަށާއި، ސިޔާސަތުތަކާއި ޢަމަލީ މައިދާނުގައި ކުރެވޭ ކަންކަމާ ދެމެދު ހުރި ގުޅުން ވަރުގަދަކުރުމަށް އެމްއެންޔޫ އާއި އެމްއެމްއޭއިން ގުޅިގެން މަސައްކަތްކުރުމަށް އަޒުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *