އިންކްލޫސިވް ކްލާސްރޫމްތައް ސްކޫލްތަކުގައި ޤާއިމްކޮށް، ވޮކޭޝަނަލް ހައި ސްކޫލެއް އިމާރާތް ކުރަނީ

އިންކްލޫސިވް ކްލާސްރޫމްތައް ހުރިހާ ސްކޫލެއްގައި ޤާއިމުކޮށް، މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް ވެގެންދާނެ ކަމަށެއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ރައީސް ޑރ. މުއްޒު ރޭ އިއުލާން ކުރެއްވިއެވެ. އެގޮތުން، ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަސްމީ ތައުލީމު އޮންނަނީ އުމުރުން 16 އަހަރާ ހަމައަށް ނަމަވެސް، 18 އަހަރާ ހަމައަށް ގާނޫނީ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ބަލާތީ، އެ ކުދިންނަށް ބޭނުން ދާއިރާއަކުން ތައުލީމު ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތައުލީމީ ގޮތުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު، އަދި މަސައްކަތުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް، ތައުލީމާ އެކު އެ ހުނަރުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެކަން ފުރިހަމަ ކުރެއްވުމަށް، އެ އުމުރުގެ ކުދިންނަށް ހާއްސަކޮށްގެން ވޮކޭޝަނަލް ހައި ސްކޫލެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޯ ލެވެލް ނިސްބަތް  50 އިންސައްތަ އާ މިހާރު ގާތް ކުރާ ކަމަށާއި ދުނިޔޭގެ އެންމެ ރަނގަޅަށް ތައުލީމު ދޭ ގައުމުތަކުގައި ވެސް އެ ނިސްބަތް އުޅެނީ 60-65 އިންސައްތައާ ދެމެދުގައި ކަމަށެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ޓާގެޓަކަށް ހަދަން، އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން، އެ ކުއްޖަކު ކިޔަވަން ބޭނުންވާ ޕާތުވޭއަކުން ކިޔަވަން ފުރުސަތު ދޭން. އެއީ ވޮކޭޝަނަލް އެޑިއުކޭޝަން ވިޔަސް އަދި އެކަޑަމިކަލީ ވިޔަސް" ރައީސް ވިދާޅުވި އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *