ތަޢުލީމާއި ސަޤާފީ ތަޖުރިބާ ދަތުރެއްގައި ރާއްޖޭގެ "ސީނިއަރ އެޑިޔުކޭޓަރުން"ގެ ޓީމެއް ޗައިނާއަށް ފުރައިފިއެވެ. މިއީ ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރު (ސީއެލްސީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދަތުރެކެވެ.
މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ޕްރައިވެޓް ތިން ސްކޫލާއި ސަރުކާރުގެ ތިން ސްކޫލާއި ބައެއް ކައުންސިލްތަކުން ބައިވެރިވާ ދިހަ ބޭފުޅުންނެވެ. ފުރުމުގެ ކުރިން، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އެކްސެލެންސީ މިސްޓަރ ކޮންގ ޝިއަންހުއާއާ މި ވަފުދުގެ ބޭފުޅުން އޮކްޓޯބަރު 14 ވަނަ ދުވަހުގެ ހެނދުނު ބައްދަލުކުރައްވާފައިވެއެވެ.
އެ ބައްދަލުކުރުމުގައި، ސަފީރު ކޮންގ ވިދާޅުވެފައި ވަނީ "ތަޢުލީމަކީ މުސްތަޤުބަލު ބައްޓަންކުރާ ކަމެއް" ކަމަށާއި، ތަޢުލީމީ އެއްބާރުލުމަކީ ޗައިނާ-ދިވެހިރާއްޖެ ދެމެދުގެ ރަޙުމަތްތެރިކަން އިތުރަށް އާލާކުރަން އެޅޭ ފާލަމެއް ކަމަށެވެ.
އޮކްޓޯބަރު 15 އިން 21 އަށް ކުރިއަށް ގެންދާ މި ދަތުރުގައި، ޗައިނާގެ ބައެއް އިންޓަނޭޝަނަލް ސްކޫލުތަކާއި ޔުނިވަރސިޓީތަކާއި އަދި ސަގާފީ މުއައްސަސާތަކަށް ޒިޔާރަތްކުރާނެއެވެ. މީގެ ތެރޭގައި ބެއިޖިންގގައި ހުންނަ ޗައިނާ ސައިންސް އެންޑް ޓެކްނޮލޮޖީ މިއުޒިއަމާއި އާކިއޮލޮޖިކަލް މިއުޒިއަމްގެ އިތުރުން ޝީއާންގައި ހުންނަ ޗަންގްއާން ޔުނިވަރސިޓީއާއި އެހެނިހެން ތަޢުލީމީ މުއައްސަސާތައް ހިމެނެއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ އެކަކު އަނެކަކު ދެނެގަތުމަށް މަގުފަހިކޮށް، އެއްބާރުލުން އިތުރުކޮށް، އަދި މާނަހުރި މަޝްވަރާތަކާއި ބަދަލުކުރުންތަކުގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގެ ތަޢުލީމީ އަދި ސަގާފީ ގުޅުންތައް ވަރުގަދަކުރުމެވެ.
ހިޔާލު