މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ކައުންސިލް އައު ދައުރަކަށް އިފްތިތާޙް ކޮށްފި

ސްކައުޓް ޙަރަކާތުގެ ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން މާލޭގައި އެންމެފުރަތަމަ ރަޖިސްޓްރީ ކޮށްގެން ހިންގަންފެށި ކޮމިއުނިޓީ ސްކައުޓް ގްރޫޕް ކަމަށްވާ މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ކައުންސިލް އައު ދައުރަކަށް އިފްތިތާޙް ކޮށްފިއެވެ. އެކަމަށްޓަކައި 14 އޮކްޓޯބަރ 2025 ވީ އަންގާރަ ދުވަހުގެރޭ ހިރިޔާ ސްކޫލްގެ ސްކައުޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެޓްރޯލް ލީޑަރސް ކައުންސިލަށް ހޮވުނު ސްކައުޓުން އިޤުރާރުގައި ސޮއިކުރުން ކުރިއަށް ދިޔައެވެ. އަދި އެކުދިންނަށް މަޤާމުގެ ލިޔުން ޙަވާލު ކުރުންވެސް ކުރިއަށް ދިޔައެވެ.

ސްކައުޓް ޙަރަކާތަކީ އެޙަރަކާތުގައި ބައިވެރިވާ ކުދިން އަމިއްލައަށް އެކުދިންނަށް ބޭނުންވާ ކަންކަން ރާވައި ހިންގުމުގެ ފަހި ފުރުޞަޠު ލިބޭ ޙަރަކާތެއްކަމުން، މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕްގެ ސްކައުޓް ސެކްޝަންގެ ކަންކަން އިންތިޒާމްކޮށް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާނީ މި އިފްތިތާޙް ކުރެވުނު ޕެޓްރޯލް ލީޑަރުންގެ ކައުންސިލުންކަމަށް އެ ސްކައުޓް ގްރޫޕުން މަޢުލޫމާތު ދެއްވައެވެ. ޕެޓްރޯލް ލީޑަރުންގެ ކައުންސިލްގައި ހިމެނެނީ އެ ސްކައުޓް ގްރޫޕްގެ ސީނިއަރ ޕެޓްރޯލް ލީޑަރާއި، ޕެޓްރޯލްތަކުގެ ލީޑަރުންގެ އިތުރުން ކޮންމެ ޕެޓްރޯލެއްގެ އެސިސްޓެންޓް ޕެޓްރޯލް ލީޑަރުންނެވެ. މި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމު ޙަވާލު ކުރެވުނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ. ނަމެވެސް އެ ދައުރު ހަމަވުމުން އަނެއްކާވެސް މަޤާމަށް ކުރިމަތިލައިގެން ޕެޓްރޯލް ތަކުގެ މެންބަރުންގެ ވޯޓު ލިބިއްޖެނަމަ އިތުރަށް މަޤާމުގައި ދެމިހުރުމުގެ ފުރުޞަޠު އޮވެއެވެ. މިއީ ސްކައުޓް ޙަރަކާތުގެ ތެރެއިން އިސްވާރުން ތަމްރީނުކޮށް ޒުވާން ކުދިންނަށް ކަންކަމުގައި އިސްވެ އުޅުމުގެ ފުރުޞަޠު ވަރަށް ބޮޑަށް ފަހިވާ ޙަރަކާތެކެވެ.

މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕަކީ އެއްވެސް ސްކޫލަކަށް ނިސްބަތްނުވާގޮތަށް ހިންގާ ކޮމިއުނިޓީ ސްކައުޓް ގްރޫޕެއްކަމުން، ކޮންމެ ކުއްޖަކަށްވެސް އެ ސްކައުޓް ގްރޫޕާ ގުޅުމުގެ ފުރުޞަޠު އެބައޮތް ކަމަށް އެ ސްކައުޓް ގްރޫޕުން ވިދާޅުވިއެވެ. މިހާރުވެސް އެ ސްކައުޓް ގްރޫޕްގައި މާލޭގެ އެކި ސްކޫލްތަކުގައި ކިޔަވާ ކުދިން އުޅެއެވެ. މިވަގުތު އެ ސްކައުޓް ގްރޫޕުގައި ސްކައުޓް ޙަރަކާތުގެ ދެ ސެކްޝަން ކަމަށްވާ ސްކައުޓް ސެކްޝަނާއި ރޯވަރ ސްކައުޓް ސެކްޝަން ހިންގައެވެ. ސްކައުޓް ސެކްޝަން ޚާއްޞަ ވަނީ ޢުމުރުން 12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ރޯވަރ ސްކައުޓް ސެކްޝަނަކީ ޢުމުރުން 18 އަހަރާ 26 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ ސެކްޝަނެކެވެ. މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް އުފައްދައިގެން ހިނގަމުން އަންނަތާ 3 އަހަރު ވުމާ ވަނީ ގާތްވެފައެވެ.

މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ކައުންސިލު މަޤާމްތަކަށް ހޮވުނު ފަރާތްތައް:

1- ޙުސައިން ދާއިން މާލިކު (ސީނިއަރ ޕެޓްރޯލް ލީޑަރ)
2- ޝައުން މުޙައްމަދު ޝަމްޢޫން (ޕެޓްރޯލް ލީޑަރ)
3- މުޙައްމަދު ޝިބަލް އަޙްމަދު މޫސާ (ޕެޓްރޯލް ލީޑަރ)
4- މުޙައްމަދު ރުހާން ރާޝިދު (އެސިސްޓެންޓް ޕެޓްރޯލް ލީޑަރ)
5- އަޙްމަދު އަނާލް ޢަބްދުﷲ ޢުމަރު (އެސިސްޓެންޓް ޕެޓްރޯލް ލީޑަރ)
6- މުޙައްމަދު ޒަހުދާން ފަޙްމީ (އެސިސްޓެންޓް ޕެޓްރޯލް ލީޑަރ)
7- ނަތާނިއަލް ޔުއާން އަމްޖަދު (އެސިސްޓެންޓް ޕެޓްރޯލް ލީޑަރ)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *