ކާމިޔާބީގެ ސިއްރަކީ ކޮންމެ ދުވަހަކު ޤުރްއާނުން ފޮތެއް ކިޔަވައި، ހަފްތާއަކު އެއްފަހަރު މުޅި ޤުރުއާނުން އެނގޭ މިންވަރު ވަޒަންކުރުން
37 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހޯދީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރެވެ. މިއީ އޭނާ ޤައުމީ ޤުރްއާން މުބާރާތުގެ ޙާފިޡުންގެ ބައިން އެއްވަނަ ހޯދާތާ ހަތަރުވަނަ އަހަރެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން ޝާޔާގެ ހިތުގައި އުފެދުނީ، އުމުރުން އެންމެ 3 އަހަރުގައެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ ޤުރްއާން ހިތުދަސްކުރައް ފެށީ 7 އަހަރުގައެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑިއިރު ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކޮށް، އުމުރުން 9 އަހަރުގައި ޤުރްއާން ހިތުދަސްކޮށް ނިންމައި، މުރާޖަޢާ ކުރުމުގެ މަސައްކަތް 2019 ފަށައި އިމްތިޙާނު ކޮމިޓީއަށް ކިޔައިދިނީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ޝާޔާގެ އުމުރަކީ 10 އަހަރެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ޝާޔާއަށް ލިބުނީ 2019 އަހަރުއެވެ.
އަޙްމަދިއްޔާ ސްކޫލުގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުންދާ ޝާޔާ ބުނީ، ކޮންމެ ދުވަހަކު ވެސް ޤުރުއާނުން ފޮތެއް ކިޔަވާ ކަމަށާއި ހަފުތާއަކު އެއްފަހަރު މުޅި ޤުރުއާނުން އެނގޭ މިންވަރު ވަޒަން ކުރާކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް ޤުރުއާނުގެ ތެރޭގައި ވަކިވަގުތެއް ހޭދަކުރަންޖެހޭ. އެހެންވެ މަދުވެގެން ފޮތެއް ކިޔަވަނީ. އެއާއެކު ހަފްތާއަކު އެއްފަހަރު މުޅި ޤުރުއާނުން އެނގޭ މިންވަރު ވަޒަންކުރަން. އެކަން ކުރަނީ އެހެން މީހަކު ލައްވައި ޤުރުއާނުގެ އެކި ތަންތަނުން ސުވާލުކޮށްގެން" ޝާޔާ ބުންޏެވެ.
"ކޮންމެ ދުވަހަކު ކިޔަވާތީ ޤުރްއާން މުބާރާތަށް މާބޮޑު ފަރިތަކުރުންތަކެއް މިހާރު ކުރާކަށް ނުޖެހޭ."
ޙާފިޡުންގެ ބައިން އެއްވަނަ ހޯދުމުން ޕީއެޗްޑީއާ ހަމައަށް ކިޔަވަންދޭ ސްކޮލަރޝިޕާއި 1ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވެސް ޝާޔާއަށް ވަނީ ލިބިފައެވެ. ޤައުމީ މުބާރާތުގައި ބައިވެރިވިއިރު ވެސް އެފަދަ އިނާމެއް ލިބިދާނެ ކަމަށް އާނާގެ ހިތަކަށް ނާރައެވެ.
" الحمد لله ވަރަށް އުފާވި އެފަދަ ބޮޑު އިނާމެއް ލިބުނީމާ." ދަރިވަރު ނޫހަށް ޝާޔާ ބުންޏެވެ.
ކުރިއްސުރެ ސާޔާ ބޭނުންވީ ޑޮކްޓަރީކަން ކިޔަވާށެވެ. ޕީއެޗްޑީއަށް ކިޔަވަން ލިބުނު ސޮކޮލަރޝިޕާއެކު ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު އޭނާއަށް އޮތީ ފަހިވެފައެވެ. އެއީ ވެސް އޭނާއަށް ލިބުނު ހިތްހަމަޖެހުމެކެވެ.
ޝާޔާ ބުނިގޮތުގައި، ޑޮކްޓަރީކަން ކިޔެވި ޔަސް ޤުރުއާން ކިޔެވުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި ވަގުތު ހޯދައިގެން އެހެން މީހުންނަށް ޤުރްއާން ކިޔެވައި ދިނުމަކީ ވެސް ކުރަން ބޭނުންވާ ކަމެކެވެ. ސާނަވީ އިމްތިޙާނު ނިންމައި މަތީ ސާނަވީއަށް ކިޔަވަން ފެށުމުގެ ކުރިން އޭނާ ވަނީ އެއްކުއްޖަކަށް ޤުރްއާން ކިޔަވާދީފައެވެ.
ރާއްޖެއިން ބޭރުގައި ބޭއްވި އެތަކެއް މުބާރާތެއްގައި ވެސް ޝާޔާ ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން 2023 އަހަރުގެ އެޕްރީލް މަހު، މިސްރުގައި ބޭއްވި ޤުރުއާން މުބާރާތަކުން ދެ ވަނަ ހޯދާފައިވެއެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުމެލޭޝިއާގައި ބޭއްވި "މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" (އެމްޓީއެޗްކިއުއޭ) މުބާރާތުން ތިން ވަނަ ހޯދާފައިވެއެވެ. އެ މުބާރާތުގައި 52 ޤައުމަކުން 76 ފަރާތަކުން ވާދަކުރިއެވެ.
ޤުރްއާން ކިޔެވުމުގައި ކުރިއަށް ދިއުމުގައި ސާޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ދެނީ މަންމައާއި ބައްޕައެވެ. އަދި އާއިލާގެ އެންމެން އެކަމުގައި ޝާމިލުވެ ދެމުން ގެންދާ ހިތްވަރެވެ. އެއް މިސްރާބަކަށް ދިއުމަށް ހިތްވަރު ލިބެނީ އެހެންވެ. އަދި އެއާއެކު އޭނާއަށް ކިޔަވައިދެއްވި ހުރިހާ ޓީޗަރުންގެ ނަން ވެސް ފާހަގަކުރިއެވެ.
ހިޔާލު