ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް މަރިޔަމް ސުހައިދާ ހަމަޖައްސައިފިއެވެ. ދަރަވަންދޫއަށް އުފަން މަރިޔަމް އެންމެ ފަހުން ހުންނެވީ ތ. މަޑިފުށީ ސްކޫލުގެ ޕްރިންސިޕަލުގެ މަޤާމުގައެވެ.
"ރަށު ސްކޫލަށް {ބ. އަތޮޅު މަދަރުސާ} އަށް ޚިދުމަތް ކުރަން ފުރުޞަތު ލިބުމަކީ ހިތްހަމަޖެހުމެއް، ބޮޑު އުފަލެއް. ބޭނުންވަނީ ރަށުގެ ތައުލީމަށް ޚިދުމަތްކޮށް ރަނގަޅު ނަތީޖާއެއް ނެރެދޭން" ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މީޑިއާއަށް ފުރަތަމަ ފަހަރަށް މަރިޔަމް ވިދާޅުވިއެވެ.
ޑިޕްލޮމާ ނިންމައި ޓީޗިން ކެރިއަރ 2005 އަހަރު މަރިޔަމް ފެށީ ވެސް ބ. އަތޮޅު މަދަރުސާގައެވެ. އޭގެ ފަހުން ބެޗްލާސް ޑިގްރީއަށްފަހު ވެސް މަސައްކަތް ކުރަމުން ދިޔައީ އެ މަދަރުސާގައެވެ. ހަ އަހަރު ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހުޅުވާލި ސްކޮލަރޝިޕްގެ ދަށުން މެލޭޝިއާއިން މާސްޓަރސް ހެއްދެވިއެވެ. ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ މަޑިފުށީ ސްކޫލުގައެވެ. 2023ން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އެ ސްކޫލުގައި މަސައްކަތް ކުރެއްވިއެވެ.

"ބ. އަތޮޅު މަދަރުސާގައި ހުންނެވި ޕްރިންސިޕަލް އެބޭފުޅާގެ ރަށު ސްކޫލަކަށް ބަދަލުވެވަޑައިގެންނެވުމުން ހިތަށް އެރީ މިއީ އަޅުގަނޑުވެސް ރަށަށްގޮސް ރަށުގެ ތައުލީމަށް ޚިދުމަތްކޮށްދޭން ލިބުނު ފުރުޞަތެކޭ" މަރިޔަމް ވިދާޅުވިއެވެ.
ބ. އަތޮޅު މަދަރުސާގައި 200 އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
ހިޔާލު