ފަތުރުވެރިންނާ މުޢާމަލާތް ކުރަން ޓުއަރ ގައިޑުންނަށް ބިދޭސީ ހަތް ބަހަކުން ތަމްރީނު ދިނުމަށް ރާއްޖޭގެ ދެ ޔުނިވަރސިޓީއާއެކު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބޭރުގެ ބަސްބަހުން ތަމްރީނު ހިންގަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއިކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވަރސިޓީ (އައިޔޫއެމް) އާއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ރާއްޖެއަށް ކޮންމެ އަހަރަކު މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކީ މެންޑަރިން، އަރަބި، ފްރެންޗް، ޖާރމަން، ރަޝިއަން އަދި ކޮރިއަން ފަދަ ބަސްބަހުން މުޢާމަލާތުކުރާ ފަތުރުވެރިންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދިވެހީންތަކެއް ވަޒީފާއަދާކުރަމުން ދާއިރު، ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ބަސްބަހުން މުޢާމަލާތު ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ދިވެހީން މަދުވުމެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާ ފަތުރުވެރިންނާ ދެމެދު މި އޮތް މުޢާމަލާތުކުރުމުގެ ދަތިކަން ނައްތާލެވިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ޓިއުޝަން ފީ ހަމަޖައްސައި ދެނީ މަތީ ތައުލީމާ ބެހޭ ވުޒާރާއިންނެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މިއަދު ސޮއިކުރި ފަހުމުނާމާގެ މަޤްޞަދަކީ، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކޮށް، މި ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމެވެ.
ތަމްރީނު ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ، ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށެވެ.
މި ފަހުމުނާމާގެ ދަށުން އެމްއެންޔޫއިން ބިދޭސީ ހަ ބަހަކުން 425 މީހުންނަށް ތަމްރީނު ދޭނެއެވެ. އެ ޔުނިވަރސިޓީން ތަމްރީނު ދޭނީ:
މެންޑަރިން ބަހުން – 200 ފަރާތަށް
ޕްރެންޗް ބަހުން – 50 ފަރާތަށް
ޖަރމަން ބަހުން- 50 ފަރާތަށް
ޖަޕަނީޒް ބަހުން- 50 ފަރާތަށް
ޢަރަބި ބަހުން 50 ފަރާތަށް
އިޓަލިއަން ބަހުން 50 ފަރާތަށް
އައިޔޫއިން ތަމްރީނު ދޭނީ ޢަރަބި ބަހުން 200 ފަރާތަށެވެ.
ހިޔާލު