އިލްމީ ދިރާސާތަކާއި މުވައްޒަފުންގެ ތަރައްޤީއަށް އައިއައިޔޫއެމްއާއެކު އެމްއެންޔޫއިން މަސައްކަތް ކުރަނީ

އިލްމީ ދިރާސާތަކާއި މުވައްޒަފުންގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރަން އައިއައިޔޫއެމްއާއެކު އެމްއެންޔޫއިން މަސައްކަތް ކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، މި ފަހުމުނާމާގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ އެމެރިޓަސް ޑޭޓުކް ޑރ. އުސްމާން ބަކަރުއެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު، އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އައިއައިޔޫއެމް ވަނީ ސަރަޙައްދުގެ އެންމެ އިސް ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީގެ ގޮތުގައި ޙައްޤު ނަމެއް ހޯދާފައި ކަމަށާއި އެފަދަ ޔުނިވަރސިޓީއަކާއެކު ކުރިއަށް ދިއުމަކީ ލިބިވަޑައިގަންނަވާ މުހިންމު ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، އައިއައިޔޫއެމްއާއެކު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިއާގެ ދެމެދުގައި އޮތް ވަރުގަދަ އަދި ދެމިގެންދާ ރަޙްމަތްތެރިކަން ދައްކުވައިދޭ ކަމަށާއި އަޅުގަނޑުމެންގެ ދެ ޤައުމު ގުޅިފައިވަނީ ހިއްސާކުރެވޭ ދީނަކާއި، ސަޤާފީ ގާތްކަމާއި، ތަޢުލީމީ އެއްބާރުލުމުގެ ދިގު ތާރީޚަކުން ކަމަށެވެ. އެތައް ދިވެހިން މެލޭޝިއާއިން ތައުލީމު ޙާޞިލްކޮށްފައިވާ ކަމަށާއި އަދި އައިއައިޔޫއެމްއިން ދިވެހިރާއްޖެ ހިމެނޭގޮތަށް މުސްލިމު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ދަރިވަރުންނަށް މަގުދައްކާ އަލިމަގަކަށް ވެފައިވާކަން ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، އައިއައިޔޫއެމްއަކީ ފިކުރީ މަސައްކަތާއި ރޫޙާނީ އަދި އަޚްލާޤީ މަޤްޞަދު އެއްކޮށްލުމަށް މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށާއި އެމްއެންޔޫއިން ކުރިއަށް ދާނީ ވެސް ހަމަ އެ އުންމީދުގައި ކަމަށެވެ. އެއީ ހަމައެކަނި ޢިލްމުވެރި ދަރިވަރުން އުފެއްދުން ނޫން ކަމަށާއި އެއީ ތެދުވެރިކަމާއި، އޯގާތެރިކަމާއި، އެމީހުންގެ މުޖުތަމަޢުތަކަށް ޚިދުމަތްކުރުމުގެ އިޙްސާސާ އެކު ކުރިއަށްދާ ދަރިވަރުން އުފެއްދުން ކަމަށެވެ.

ސޮއިކުރެވުނު ފަހުމުނާމާއާއެކު ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރާނީ އެކުގައި ކުރެވޭ ދިރާސާތަކާއި، އިޤްތިޞާދީ ބަދަލުކުރުންތަކާއި، ޤާބިލުކަން އިތުރުކުރުމާއި، މުވައްޒަފުން ތަރައްޤީކުރުމާއި، އައު އީޖާދުތަކާއި ސަޤާފަތްތަކުގެ ދެމެދުގައި އޮންނަ ގުޅުން ކުރިއެރުވުމަށް މަގުފަހިކުރާ ޕްރޮގްރާމްތައް އުފެއްދުމަށް ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ. އެ އެއްބާރުލުންތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް އައު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ޑރ. އުސްމާން ބަކަރު ވިދާޅުވީ، އަވަސް ބަދަލުތައް އަންނަމުންދާ މިއަދުގެ ދުނިޔޭގެ މަޝްރަޙުގައި، މަތީ ތަޢުލީމުގެ ދާއިރާގައި އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ގުޅުންތަކުން މުއައްސަސާތަކަށް ތަޖުރިބާ ޙިއްޞާކުރުމާއި، ޚިޔާލު ބަދަލުކުރުމާއި، ދުނިޔެއާއި ސަރަޙައްދީ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.

ފަހުމުނާމާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ "އެއީ ހަމައެކަނި ރަސްމީ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ ދަރިވަރުންނާއި މުވައްޒަފުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ފަސޭހަ އެކަޑަމިކް މަގުތަކެއް އުފެއްދުމަށާއި، ދިރާސާތަކުގެ އެއްބާރުލުން ވަރުގަދަކުރުމަށާއި، ޖިއޮގްރަފީގެ ސަރަޙައްދުތަކުގެ ތެރެއިން ނުކުމެ އެއްބައެއްވަންތަކަމުގެ ތަޢުލީމު ކުރިއެރުވުމަށް އަޅުގަނޑުމެން އެކުގައި ކުރާ މަސައްކަތުގެ ހެއްކެއް" ކަމަށެވެ. މި ގުޅުމުގެ ސަބަބުން ދެފަރާތަށް ވެސް ފައިދާތަކެއް ކުރާނެކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއި، ދެފަރާތުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކުން އެކުގައި ދިރާސާކުރުމުގެ ފުރުޞަތުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ޢިލްމު ހޯދުމަށާއި އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ވަކާލާތުކުރާ ދިރުންހުރި އެކަޑަމިކް މުޖުތަމަޢުއެއް ބިނާކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގުޅުމަކީ ތަޢުލީމީ ދަތުރުގައި ކުރިއަށްދިއުމުގެ ވިސްނުމުގައި، ފެންވަރު ހިފެހެއްޓުމާއި، ތެދުވެރިކަމާއި، އަޚްލާޤީ އަގުތަކުގެ މައްޗަށް ބިނާކޮށް އުފެދިފައިވާ ގުޅުމެއް. ދެ މުއައްސަސާއިންވެސް ޤަބޫލުކުރާ ގޮތުގައި މަތީ ތަޢުލީމުން އުފައްދަންވާނީ ޢިލްމީ ގޮތުން ޤާބިލު، އަޚްލާޤީ ގޮތުން މަތިވެރި، އަދި އިޖްތިމާޢީ ގޮތުން ޒިންމާދާރު ފަރުދުން. މީގެ އިތުރުން، މި މަސައްކަތަކީ މެލޭޝިޔާގެ ޤައުމީ މަތީ ތަޢުލީމުގެ އެޖެންޑާއާ ވެސް ގުޅުވައިދޭ ކަމެއް. އެ އެޖެންޑާގައި ބައިނަލްއަޤްވާމީވުމާއި، އެކުލެވިގެންވުމާއި، ފެންވަރު ރަނގަޅު ތަޢުލީމު ލިބުމުގެ މުހިންމުކަން ފާހަގަކޮށްފައިވޭ" ޑރ. އުސްމާން ވިދާޅުވިއެވެ.

ޑރ. އުސްމާން ވިދާޅުވީ، ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ގައުމުތަކުގެ ސަރަޙައްދުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ތެރެއިން، އަޅުގަނޑުމެން އެކުގައި މަސައްކަތްކުރަނީ ސަރަޙައްދީ ޤާބިލުކަން އިތުރުކުރުމަށާއި ދުނިޔޭގެ ޢިލްމީ މުޖުތަމަޢު ކުރިއެރުވުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެ ޔުނިވަރސިޓީއަކީ ވެސް ކުރީއްސުރެ އެކުވެރި އެކަޑަމިކް ގުޅުމެއް އޮތް، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ދެ މުއައްސަސާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތުން މަޢުލޫމާތު ބަދަލުކޮށް، މަޝްވަރާކުރައްވާފައެވެ. ކުރިއަށް އޮތްތަނުގައި، ކުރިއަށް އޮތްތަނުގައި ވެސް ބަލާނީ އެކުގައި ދިރާސާކުރުމުގެ މަޝްރޫޢުތަކާއި، އެކަޑަމިކް މަޢުލޫމާތު ބަދަލުކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ފަދަ އައު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތައް ހޯދުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *