އެސްއެސްސީ އިމްތިހާނަށް ދަރިވަރުން ތައްޔާރކުރުމުގެ ގޮތުން ހަމަދު ސުކޫލުން އިންތިޒާމުކޮށްގެން ސްޓަޑީ ކޭމްޕެއް ބާއްވައިފިއެވެ. ފަނާރުގެ ނަމުގައި ގުރޭޑް 10ގެ ދަރިވަރުންނަށް މި ކޭމްޕް ކުރިއަށް ގެންދިޔައީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައި އޮކްޓޯބަރު 11އިން 12އަށެވެ.
މި ކޭމްޕްގައި ލާމު އަތޮޅުގެ ސްކޫލްތަކުގެ ތެރެއިން 5 ސްކޫލަކުން 110 ދަރިވަރުން ބައިވެރިވިއެވެ. އެއީ، ހަމަދު ސުކޫލާއި ލާމު އަތޮޅު ދަރުސާ އާއި ދަނބިދޫ ސްކޫލާއި މާމެންދޫ ސުކޫލުގެ އިތުރުން ހިތަދޫ ސުކޫލެވެ. ކުނަހަންދޫ ސްކޫލަށް މި ކޭމްޕްގައި ބައިވެރިނުވެނުނީ މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
ޙަމަދު ސްކޫލުން ބުނީ، މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ:
• ސާނަވީ އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުން.
• ސާނަވީ އިމްތިޙާނުގެ ވަކިވަކި މާއްދާތަކުން ދަރިވަރުންނަށް އޮޅުންއަރާ ބައިތައް އިތުރަށް ކިޔައިދިނުން.
• އިމްތިހާނުގެ ކަރުދާހަށް ދަރިވަރުން އަހުލުވެރިކުރުވުން.
• ވަގުތަށް ކަރުދާސް ނިންމަން ފަރިތަކޮށްދިނުމާއި އިމްތިހާނުތަކުގައި ދަރިވަރުންނަށް އާންމުކޮށް ހެދިފައި ހުންނަ ކުށްތައް ފާހަގަކޮށް އޭގެ ރަނގަޅުގޮތްތައް ބުނެދިނުން.
މިކޭމްޕގައި ކިޔަވައިދެއްވާފައިވަނީ ހަމަދު ސުކޫލުގެ އިސްލާމް އަދި ދިވެހި ޑިޕާޓްމެންޓްގެ މުދައްރިސުންނެވެ.
ހަމަދު ސުކޫލުގެ ޕްރިންސިޕަލް ޝައުކަތު މަޢުލޫމާތު ދެއްވިގޮތުގައި އޯލެވެލް އިމްތިހާނުގެ މާއްދާތަކަށް ޚާއްސަކޮށްގެން ،އަތޮޅުގެ ސްކޫލުތަކަށް ފުރުސަތުދީގެން މި ދިރާސީ އަހަރުގެ ކުރިއަށް މިއޮތް ދުވަސްތަކުގައި ގްރޭޑް 10 ގެ ދަރިވަރުންނަށް މިފަދަ އިތުރު ސްޓަޑީ ކޭމްތަކެއް ހަމަދު ސުކޫލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ރޭވާފައިވެއެވެ.
މި ކޭމްޕް ކުރިއަށް ގެންދިއުމުގައި ޙަމަދު ސްކޫލުގެ މުވައްޒަފުންނާއި އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ހިޔާލު