މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަން ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.
ވޮކޭޝަނަލް ހައި ސްކޫލް ހުޅުވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. އެތަނުގައި ސްކޫލް ހިންގަން ޖާގަ ހަމަޖައްސާދީފައިވާއިރު، ދަރިވަރުންނަށް ބޭނުންވާ ވަރަށް ހުރިހާ ވަޞީލަތެއް ވެސް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ރޭ ވިދާޅުވިއެވެ.
ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 65 އިންސައްތަ ޖާގަ ފުލްވެފައިވާ ކަމަށާއި ހައި ސްކޫލަށް ވަނުމުގެ މުއްދަތު އިތުރުކުރީ ބާކީ ހުރި ޖާގަތަކަށް ވަންނަން ބޭނުންވާ ކުދިންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެކަޑިމިކް ޕާޓްވޭއަށް ވަދެވޭ މިންވަރަށް ފާސްވެފައިވާ ދަރިވަރުން ވެސް ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަން ފޯމް ހުށައަޅާފައިވެއެވެ. އެއިން އެނގިގެން ދަނީ ވޮކޭޝަނަލް ހައި ސްކޫލަކީ ހަމައެކަނި ދަށް ނަތީޖާ ލިބޭ ކުދިން އިތުރު ގޮތެއް ނެތިގެން ވަންނަން އޮތް ދާއިރާއެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު ޤަބޫލުކުރާ ކުރުން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.
ޛޫޝާން ވިދާޅުވީ، ވޮކޭޝަނަލް ހައި ސްކޫލުގައި ހިންގަން އިއުލާން ކުރި ދިހަ ކޯހުގެ ތެރެއިން ފަސް ކޯހެއް ފަށަން ބޭނުންވާ މިންވަރަށް ކުދިން ހަމަވެފައިވާ ކަމަށެވެ. މުއްދަތު އިތުރު ކުރުމާއެކު އިތުރު ކޯސްތަކަށް ވަންނަން ބޭނުންވާ ކުދިންނަށް ފުރުޞަތު ލިބި އެ ކޯސްތައް ވެސް ފެށިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ވެސް އޭނާ ވިދާޅުވިއެވެ.
ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދާނީ އެ ސްކޫލަށް ޚާއްޞަ ޕްރިންސިޕަލެއްގެ ބެލުމުގެ ދަށުންނެވެ. ކިޔަވައިދޭނީ ހެނދުނުގެ ދަންފަޅީގައެވެ. ދަރިވަރުން ސްކޫލަށް ދާނީ އެ ސްކޫލަށް ޚާއްޞަ ބެޖެއް ހިމެނޭ ޔުނީފޯމެއްގައެވެ. ދަރިވަރަކު ކިޔަވާ ކޯހުގައި ހިމެނޭ މާއްދާތަކުގެ އިތުރުން ދިވެއްސާއި އިސްލާމް ކިޔަވާނެއެވެ.
މި މަހުގެ ތެރޭގައި ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފެށުމަށް އެޑިޔުކޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު