ސްކޫލްދަރިވަރުން "ކޭމްޕްކުރާ ސަރަހައްދެއް" ކަނޑައަޅައި އެތަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
ކްރެސްރޯޑްގައި ކަނޑައަޅާފައިވާ މި ސަރައްދަކީ، މި ފާއިތުވި 15 އަހަރަށްފަހު، ސްކޫލްތަކުގެ ޔުނީފޯމް ބޮޑީސްއަށް ޚާއްޞަ ކޮށްގެން ތަރައްޤީކޮށްފައިވާ ސަރަހައްދެކެވެ.
ކޭމްޕްކުރާ ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީޢު ވިދާޅުވީ، ދަރިވަރުން ކޭމްޕްދާނެ ރަސްމީ ސަރަހައްދު މާލެ ސަރަހައްދުން ދިޔަތާ 15 އަހަރުވެއްޖެ ކަމަށާއި، މިއަދު ހުޅުވި ކޭމްޕް ސަރަހައްދުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޔުނީފޯމް ބޮޑީގެ ހަރަކާތްތަކުގެ ގޮތުގައި ސްކޫލްތަކުގައި ހިންގާ ހަރާކާތްތަކުގެ ތެރެއިން ކޭމްޕް ދަނީ ސްކައުޓުންނާއި ކެޑެޓުންނާއި ގާލް ގައިޑުންނެވެ.
ކޭމްޕް ސައިޓްގެ ސަބަބުން ޔުނިފޯމް ބޮޑީތަކުގެ ހަރަކާތްތައް އިހުނަށްވުރެ ރަނގަޅުވެގެންދާނެ ކަމަށާއި ކޭމްޕް ކުރުމުގެ އިތުރުން އެކިއެކި ފީލްޑް ޓްރިޕްސްތަކުގައި ބޭނުންކުރާނެ ރަސްމީތަނެއްގެ ގޮތުގައި އަމާން ވެއްޓެއް ލިބިފައި އޮތުމަކީ ބެލެނިވެރިންނަށް ވެސް ލިބިފައި އޮންނާނެ ހިތްހަމަޖެހުމެއް ކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ. އޭގެ ސަބަބުން ޔުނީފޯމް ބޮޑީގެ ހަރަކާތް ކުރިއަށް ގެންދާ މުދައްރިސުންނަށާއި އިސްބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަބަދަކު ކެޑޭޓުންނާއި ސްކައުޓުންނާއި ގާލްގައިޑުން ކޭމްޕްގައި ނުތިބޭނެ ކަމަށާއި އެތަން އޮންނާނީ ތައުލީމީ އެކިއެކި ހަރަކާތްތައް ވެސް ހިންގާނެ ތަނެއްގެ ގޮތުގައި ކަމަށެވެ. ފިޝަރީޒް ސައިންސް ޓްރިޕާއި ތިމާވެއްޓާ ގުޅުން ހުރި ދިރާސާތައް ދަރިވަރުން ކުރުމާއި ހަފްތާ ބަންދުގައި ބެލެނެވެރިން، ދަރިވަރުންނަށް މާހައުލުން އުނގަންނައިދިނުމަށްޓަކައި ބޭނުންވާ އެކިއެކި ހަރަކާތް ތަކަށް ވެސް އެތަން ބޭނުން ކުރެވެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާލު