އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލުގެ ޕްރިންސިޕަލަކަށް މަޖީދިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ

ދެވަނަ ފިޔަވަހީގައި ހުޅުވާ ޝަހީދު އަލީ ސްކޫލުގެ ޕްރިންސިޕަލަކަށް ޝީޒާ އަލީ ހަމަޖައްސައިފިއެވެ. ޕްރިންސިޕަލުގެ ބެއްލެވުމުގެ ދަށުން އެ ސްކޫލަށް ވަންނަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވަނީ ވިދާޅުފައެވެ.

28 އަހަރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޝީޒާ އެންމެ ފަހުން ހުންނެވީ މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައެވެ. 13 އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ދެމި ހުންނެވިއެވެ. އޭގެ ކުރިން އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލުގައި ލީޑިންގ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. ތައުލީމީ ދާއިރާއާ ޝީޒާ ގުޅިވަޑައިގެންނެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އިނގިރޭސި މާއްދާއިން ސެކަންޑްރީ ޓީޗިންގ ހެއްދެވިއެވެ.

މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ވަޑައިގެންނެވީ، އެޑިޔުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއިން ޔުނިވަރސިޓީ އޮފް މަލާޔާގައި މާސްޓަަރސް ހެއްދެވުމަށްފަހު 2011 ވަނަ އަހަރުއެވެ.

ޝީޒާއަކީ ގުރޭޑް 1ން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދެއްވައި، ސްކޫލް ހިންގުމުގެ ދާއިރާގައި ގިނަދުވަސްވީ ތަޖުރިބާކާރު ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލު ހިންގެވުމުގައި އެއް އަހަރު ހެޑް އޮފް ސްކޫލުގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ޝަހީދު ޢަލީ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން އިއުލާން ކުރީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. ޝީޒާގެ އިތުރުން ފަސް ފަރާތަކުން ޝަހީދު ޢަލީ ސްކޫލުގެ ޕްރިންސިޕަލުގެ މަޤާމަށް ކުރިމަތިލިއެވެ.

އެޑިއުކޭޝަން މިނިސްޓަރު، ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން 900 އެއްހާ ދަރިވަރުން މާލޭގެ ސްކޫލްތަކަށް މިހާރު ވެސް އަންނަމުންދާ ކަމަށާއި އެ ހުރިހާ ކުދިންނަށް ޝަހީދު އަލީ ސްކޫލުން ޖާގަ ދެވޭނެ ކަމަށެވެ.

އެ ސްކޫލަށް ކުދިން ވެއްދުމަށް ކުރަންޖެހޭ މަސައްކަތް ޕްރިންސިޕަލުގެ ބެއްލެވުމުގެ ދަށުން މިހާރު ކުރިއަށް ދާ ކަމަށް ވެސް އެ ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޝަހީދު އަލީ ސްކޫލަށް ބޭނުންވާ މުވައްޒަފުން ނަގަން ވެސް އިއުލާން ކޮށްފައެވެ. އެ ސްކޫލުގެ ކިޔެވުން ފަށާނީ އަންނަ ދިރާސީ އައު އަހަރުއެވެ. ސްކޫލް ހުޅުވަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *