އަންނަ ދިރާސީ އަހަރު ދަރިވަރުން ކިޔަވާނީ އޭސީ ކުރެވިފައިވާ ކުލާސްރޫމްތަކުގައި ކަމަށް ރައީސުލްޖުމްހޫރިއޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މަހިބަދޫގައި އެރަށު ރައްޔިތުންނާ ބައްދަކޮށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުލާސްރޫމުގެ އިތުރުން ސްޓާފްރޫމްތައް ވެސް ހުންނާނީ އޭސީކޮށްފައި ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި ސޯލާ ޕެނަލް ހަރުކޮށް ވީހާވެސް ޚަރަދު ކުށަކޮށެވެ.
ދެ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމުތައް އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހުއެވެ.
" އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި."ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ރޭ ވިދާޅުވީ، ކޫލް ސްކޫލު މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯލްތައްވެސް އޭސީ ކުރަން ނިންމާފައިވާނެ ކަމަށެވެ.
"ވަރަށް ހާލުގައި ހުރި ތަންތަން ފަހަރަކު ތަނެއް އޭސީކޮށް ނިންމަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ތައުލީމީ ދާއިރާގެ ޢުމްރާނީ މަސައްކަތްތައް އެއްފަހަރާ ކުރިއަށް އެބަގެންދާ ކަމަށާއި އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ހިމެނޭކަމަށެވެ.
advertisment
ހިޔާލު