ޕާކިސްތާނުގެ ޤިރާއަތު ކޮމްޕެޓިޝަން ޤުރްއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވާނެ ފަރާތެއް ހޯދަނީ

ޕާކިސްތާނުގެ ޤިރާއަތު ކޮމްޕެޓިޝަން ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިއަކު ހޯދަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

"ފަސްޓް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ޤުރްއާން މުބާރާތް ބާއްވަނީ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒް އެންޑް އިންޓަރފެއިތު ހަރމަނީ އިން އިންތިޒާމުކޮށްގެންނެވެ. މުބާރާތް ކުރިއަށް ގެންދަނީ އަންނަ ނޮވެމްބަރު މަހުގެ 24ން 29 އަށެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތުގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ،  ދިވެހި ރައްޔިތަކަށްވުމާއި، ފިރިހެނަކަށްވުމާއި ޢުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދުގެ މީހަކަށްވުމާއި ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުމުގެ އިތުރުން  ޤިރާއަތްތަކަށް ކިޔަވަން އެނގުމެވެ. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށް އިސްކަން ދޭނެ ކަމަށް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން  ކުރި އިއުލާނުގައި ބުނެފައިވަނީ،  މި މުބާރާތަކީ ހަމައެކަނި ފިރިހެން ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށާއި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ލިބިފައި ވަނީ އެންމެ ފުރުސަތެއް ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތަށް ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދޭނެއެވެ. މިގޮތުން މުބާރާތް އިންތިޒާމުކުރާފަރާތުން މި އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނީ ހަމައެކަނި ބައިވެރިވާ ފަރާތަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު މި މަހު 12 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން  ގޫގްލް ފޯމް ފުރިހަމަކޮށް ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *