ށ. ގޮއިދޫ ސްކޫލުގެ މުދައްރިސުން މަސައްކަތް ކުރާނެ "ވޯކިން ސްޓޭޝަން" ތައް އެރަށު ކައުންސިލުން ހަދައިދޭން ނިންމައިފިއެވެ. މިއީ އިއްޔެ ފާހަގަކުރި މުދައްރިސުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި އެ ރަށު ކައުންސިލުން ކޮށްދޭ ކަމެކެވެ.
ށ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝާހިދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ކައުންސިލުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް މިހާރު ވެސް ކުރަމުން އަންނަނީ ރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި މި އަހަރުގެ ތެރޭގައި ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮށްލައިގެން ތިބޭނެ "ބެލެނިވެރިންގެ ހިޔާ" އެއް މި އަހަރުގެ ތެރޭގައި ތަރައްޤީކޮށްދީފައިވާ ކަމަށެވެ. ސްކޫލާއެކު ބޭއްވޭ ބައްދަލުވުންތަކުގައި އެންމެ ދަތި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުދައްރިސުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުމުގެ މައްސަލަކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު މަސައްކަތް ކުރަނީ މޭޒެއްގައި ތިން ހަތަރު މުދައްރިސުން ތިބެގެން. ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން މުދައްރިސުން މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ހޯދައިދޭން ޖެހޭ. އެހެންވެ އަޅުގަނޑުމެން ކައުންސިލުން ނިންމީ އަންނަ އަހަރުގެ ތެރޭގައި ކޮންމެ މުދައްރިސަކަށް ވަކިން މަސައްކަތް ކުރާނެ ވޯކިން ސްޓޭޝަނެއް ހަދައިދޭން" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަށް ބޮޑު ޚަރަދެއް ދާނެ ކަމަށާއި ބޭނުންވާ ބޮޑު ޚަރަދެއް ކޮށްގެން ނަމަވެސް މުދައްރިސުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކޮށްދޭން ކަމަށެވެ.
ގޮއިދޫ ސްކޫލުގައި 34 މުދައްރިސުން މިހާރު މަސައްކަތް ކުރަމުން ގެންދެއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ވޯކިން ސްޓޭޝަންތައް ނިންމާލަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން ކުރަން އޮތް ހުރަހަކީ ބަޖެޓް ޕްރޮސަސްކުރުމުގައި އޮތް ތާށި ކަމެވެ.
"އުއްމީދަކީ ދިރާސީ އާ އަހަރު ފެށޭއިރު މަސައްކަތް ނިންމުން. އެހެން ނަމަވެސް ބަޖެޓްގެ ކަންތައް ހުރިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ދިގުދެމިގެން ހިނގައިދާނެ" ޝާހިދު ވިދާޅުވިއެވެ.
ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ ހައިދަރު ވިދާޅިވީ، މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކީ އެރަށު ކައުންސިލުން ދޭ މުހިންމު ހަދިޔާއެއް ކަމަށާއި އެ ހަދިޔާގެ ސަބަބުން މުދައްރިސުންގެ މަސައްކަތްތައް ހަލުވެ ކިޔަވައި ދިނުމާއި ދަރިވަރުންނަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ. ދެންނެވި ކޮންމެ ކަމެއްގައި ފަސްޖެހުމެއް ނެތި ކައުންސިލުން ކޮށްދެއްވާކަމާއި ހުރިހާ މެމްބަރުންނާއި ކައުންސިލް މުވައްޒަފުންނަކީ ސްކޫލުގެ އެކި އެކި ކަންކަމުގައި ކޮންމެ ދުވަހަކުމެ ހަރަކާތްތެރިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ގޮއިދޫ ސްކޫލުގައި ގުރޭޑް 10އާ ހަމައަށް 120 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު