އޭނާގެ މޮޓޯއަކީ ދިވެހި ބަހުގެ އުސްތާޒް ޢަބްދުﷲ ޞާދިޤް (ސޯދުބެ) ވިދާޅުވާހެން، މަޖަލާއެކީ ކިޔަވާ އެއްޗެއް އަޖަލާ ޖެހެންދެން ކުދިންގެ ހަނދާނުގައި ބެހެއްޓުމެވެ.
އިސްލާމް މާއްދާއަށް ދަރިވަރުންގެ ޝައުޤުވެރިކަން އުފައްދައިދީގެން ކިޔަވައިދިނުމުގައި މަދްރަސަތުލް އިފްތިތާޙުގެ ލީޑިންގ ޓީޗަރު ޢަލީ ޙަނޫން ޙުސައިން ސަރ ގެންގުޅޭ އުކުޅުތަކާއި ހުނަރުތައް ތަފާތެވެ. ކުދިންގެ ޝައުޤުވެރިކަން ހޯދަން އޭނާ ގެންގުޅޭ އާލާތްތައް ވެސް ތަފާތެވެ. ކުޅުމާއި އުފަލާއި ސަކަރާތުގެ ތެރެއިން އޭނާ ހޯދަނީ ކުދިންގެ އިތުބާރެވެ.
ބޭނުންވީ ނަރުހަކަށްވާން، އެކަމަކު ވެވުނީ މުދައްރިސަކަށް
2008 ވަނަ އަހަރު މަދްރަސަތުލް އިފްތިތާހުން އޯލެވެލް ނިންމި ނަމަވެސް އޭލެވެލް ފެށުމަށްފަހު، ފުރިހަމަ ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ. އާއިލާގެ އޭރުގެ ހާލަތަށް ބަލައި ކޯހެއް ހަދާލައިގެން ވީހާވެސް އަވަހަކަށް ވަޒީފާއަކަށް ދާން މަޖުބޫރުވީއެވެ. އޯލެވެލް ނިންމިއިރު ހިތުލައިގެން ހުރީ ނަރުހަކަށް ވާށެވެ. ފިރިހެން ނަރުހުން ލިބުމުން ދަތިވުމާއި ސައިންސް ސްޓްރީމުގެ ތެރެއިން ސިއްޙީ ދާއިރާއަށް ހިތްދޫވި ނަމަވެސް ބައްޕަ އެދުމަކަށްވީ އިސްލާމް ޓީޗަރަކަށް ވެގެން ރަށު ސްކޫލުގައި ކިޔަވައިދިނުމެވެ.
"އަޅުގަނޑުގެ މުނިކާފައަކީ ދިވެހި ބަހުގެ އަދީބެއް، އަދި ދީނީ ޢިލްމްވެރިޔާ މައުލަވީ ހުތްޢަލިދީދީ. ޢަލީ އެނަންވެސް އަޅުގަނޑަށް ދީފައިވަނީ މުނިކާފަގެ ހަނދާނަކަށް. އެހެންވެ ބައްޕަ ބޭނުންވީ ދީނީ ޢިލްމު ފޯރުކޮށްދޭ މީހެއްގެ ގޮތުގައި އިސްލާމް މާއްދާ ކިޔަވައިދޭން." ޙަނޫން ސަރ ހުއްޓުނީ ދެ ކަފި މަގަކަށެވެ.
އިފްތިތާޙުގެ 11 ވަނަ ކުލާހުގެ ފުރަތަމަ ޓާމުގެ އިމްތިހާނު ނިމުމާއެކު ސްކޫލުން ވަކިވެގެން މާލެ ދިޔައީ ނަރުސްކަން ކިޔަވާށެވެ. އެކަމަކު އުމުރުން 19 އަހަރުގައި އޭނާ އެނބުރި ރަށަށް ދިޔައީ އިސްލާމް މުދައްރިސްކަމުގެ ޑިޕްލޮމާ ސަނަދު ހިފައިގެންނެވެ.
ރަށަށް ދިޔައިރު ރަށު ސްކޫލުގައި ވަޒީފާއެއް ނެތެވެ.
"19 އަހަރުގައި ކައިވެނިކޮށްފިން. ރަށުން ވަޒީފާއެއް ލިބޭކަށް ނެތް. އޭރު އަންހެނުން އިނީ އަލަތު ދަރިފުޅަށް ބަލިވެ. ވަޒީފާއެއް ހޯދަން މަޖުބޫރުވެއްޖެ."
ޙަނޫން ސަރއަށް ވަޒީފާއެއް ހަމަޖެހުނީ ވަގުތީ މުދައްރިސެއްގެ ގޮތުގައި ރ. ދުވާފަރު ރ. އަތޮޅު މަދްރަސާއިންނެވެ. އެ ސްކޫލުގައި ދެ އަހަރާއި ބައި ހޭދަކުރުމަށްފަހު، ދާއިމީ ވާން ބެލިއިރު ވާދަކުރަން ޖެހުނީ އެ ސްލޫލަށް އޭނާ ގެންދިޔަ އެންމެ ގާތް އެކުވެރިޔާއާއެވެ. އެންމެ ގާތް އެކުވެރިޔާއަށް، ރަށުގެ ވަޒީފާ މުހިންމުވާނެކަމަށް ދެކި ދެން ބަދަލުވީ ނ. މަނަދޫއަށެވެ. ދާއިމީ މުދައްރިސެއްގެ ވަޒީފާއަށް ހަމަޖެހުނީ ނ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން ގެންދަނިކޮށް 2014 ވަނަ އަހަރުއެވެ. އެ އަހަރު ސްކޫލްތަކުގެ ފްރޭމްވާކަށް އައި ބަދަލާ ގުޅިގެން އިތުރު މަޤާމަކަށް މުދައްރިސަކު ނެގުމުގެ ފުރުޞަތު މަދްރަސަތުލް އިފްތިތާޙަށް ލިބުނެވެ. ހަމަ އެދުވަސްވަރު އުސޫލަށް ގެނައި ބަދަލަކާއެކު އިއުލާން ކުރުމެއް ނެތި އެއް ސްކޫލުން އަނެއް ސްކޫލަށް މުދައްރިސުންނަށް ބަދަލުވުމުގެ ފުރުޞަތު ވެސް ފަހިވެގެން ދިޔައެވެ.
އިފްތިތާޙުގެ އޭރު ޕްރިންސިޕަލުގެ އެހީތެރިކަމާއެކު ޙަނޫން ސަރއަށް ރަށަށް ބަދަލުވެވުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ދުވަހަށް ފަހު ޙަނޫން ސަރއަކީ އިފްތިތާޙަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމުގައި މުހިންމު ބައިވެރިއެވެ. މިހާރު އެއީ އިސްލާމް ޑިޕާޓް ބަލަހައްޓުންދާ ގްރޭޑް 10 ގެ ލީޑިންގ ޓީޗަރެވެ. މިއީ އެ މަސައްކަތުގައި ދެމިހުންނަތާ ހަތަރުވަނަ އަހަރެވެ.
އޭރާއި މިހާރު ތަފާތު، ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަކުރާންޖެހޭ
އޭރާއި މިހާރުގެ އެންމެ ބޮޑު ތަފާތަކީ ދަރިވަރުންގެ އަޚްލާޤަށް އަންނަމުންދާ ބަދަލެވެ. ކުލާސްރޫމުގެ ތެރޭގައި ބަސްއަހައިގެން އޭރު ކުދިން ތިއްބަސް މިހާރުގެ ކުދިން ނުތިބެއެވެ. ދަރިވަރުން އުޅޭ އުޅުމާއި ކުރާކަންތައްތަކާއި ބަލާ ބެލުމާއި މިފަދަ ހުރިހާ ކަމެއްވެސް މިހާރު ތަފާތު ވެއްޖެއެވެ. ބަވަނަވެފައި އޮތް ދުނިޔެއަށް ކުއްޖާ ލޯ ހުޅިވިގެން ދަނީ ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކަށެވެ. އެއިން ނޭދެވޭ އަސަރުކުރަނީ ކިޔެވުމާއި އަޚްލާޤާއި ޢަޤީދާއަށެވެ.
"މަޖަލާ ސަކަރާތާއި ތަފާތު ހަރަކާތްތަކާއި އިންޓްރެކްޓިވްކޮށް ވީޑީއޯ ފަދަ ތަކެތި ހިމަނައިގެން ކުދިން ހިތް ޖައްސައިގެން، ކުދިން އޭގެތެރެއަށް ގެނެސްގެން ނޫނީ މިހާރު ވޯކެއް ނުކުރާނެ. ޖެންޒީ ކުދިންނަށް ކިޔަވައިދޭއިރު އެކުދިން ބޭނުންކުރާ ލަފުޒުތަކާއި އެކުދިން ކިޔާ ފޮތްތަކާއި އެކުދިންގެ އިބާރާތްކުރުންތަކާއި ކަންކަމާ މެދު އެކުދިން ދެކޭގޮތްތައް ދެނެގެން ނޫނީ އަޅުގަނޑުމެންނަށް ކުދިން ތަރުބިއްޔަތެއް ނުކޮށްދެވޭނެ" ޙަނޫން ސަރ ކިޔަވައި ދިނުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރަނީ އެހެންވެއެވެ.
"ކުއްޖާ ބަލަނީ ކޮން އެއްޗެއްތޯ؟ ކުއްޖާ ކުޅެނީ ކޮން ގޭމެއްތޯ؟ އޭގައި ގޯހެއް އުޅޭނަމަ ނޫނީ ރަނގަޅު ކަމެއް ހުރިނަމަ އެކަން ވެސް ބަލަންޖެހޭ."
ޙަނޫން ސަރ ދެކޭގޮތުގައި މާއްދާއެއް ކިޔަވަން ފޫހިވެގެން ދަނީ އެ މާއްދާއަކަށް ދަރިވަރުންގެ ޝައުޤުވެރިކަން ނުއުފެއްދިގެންނެވެ. ކޮންމެ މުދައްރިސަކަށް ވެސް ލިބެނީ މާއްދާއަކަށް 35 މިނެޓެވެ. ލިބިފައި އޮންނަ މަދު ގަޑިތަކެއްގެ ތެރޭގައި މަސައްކަތްކޮށްގެން ސިލަބަސް ނިންމަން ޖެހެއެވެ. އަދި އޭގެތެރެއިން ރިވިޝަންވެސް ވަގުތު ހުސްކުރަންޖެހެއެވެ. ކުދިންނަށް ފަސޭހައިން ފިލާވަޅުތައް ފަހުމުކޮށްދޭން ތަފާތު ގޮތްތަކެއް ގެންގުޅެން ޖެހެނީ އެ ލިބޭ ވަގުތުގެ ތެރޭގައި ފަސޭހައިން އެކަން ކުރުމުގެ ބޭނުމުގައެވެ.
"ގުރޭޑް 9-10 އަދި ގްރޭޑް 11-12 އަށް ބަލާއިރު ވަރަށް ބޮޑެތި ފިލާވަޅުތައް ހުންނާނީ. މިސާލަކަށް އައުޓްކަމްސްތަކާއި އިންޑިކޭޓަރ ތަކަށް ވިސްނައިގެން އެބައިތައް ހިމަނައިގެން ގޭމެއް ހަދައިފިއްޔާ ކުޅުވަން ފަސޭހަވެފައި ދަރިވަރުންނަށްވެސް ފިލާވަޅު ނަގައިގަންނަން ފަސޭހަވާނެ. ދަރިވަރުން ބޭނުން ކޮށްގެން ގޭމާއި ޕަޒުލްއާ އަރަތާއި ޓްރެޝަރ ހަންޓްގޭމް ހުންނާނެ ހަދާފައި، އެތަކެތި ބޭނުންކޮށްގެން ކިޔަވައިދެމުން ފިލާވަޅު ވެސް ނިންމަން ފަސޭހަވެގެންދޭ"
ޙަނޫން ސަރ ދެކޭގޮތުގައި އިސްލާމް ޓީޗަރުންނަށް ދިމާވާ އެންމެ ބޮޑު ޗެލަންޖަކީ ހަމައެކަނި ފޮތުގައި އޮންނަ މިންވަރަކުން ނިންމާލުމުގެ ބަދަލުގައި އިތުރަށް މަސައްކަތް ކުރަން ޖެހުމެވެ. އިސްލާމް ޓީޗަރެއްނަމަ ދަރުސްތައް އަޑުއަހަންޖެހެއެވެ. ފޮތްތައް ކިޔަންޖެހެއެވެ. މައުލޫމާތު ހޯދަންޖެހެއެވެ. އަރަބި ބަސް ނޭނގެންޏާ އިނގިރޭސި ބަހުން ހުންނަ މައުލޫމާތު ވެސް ކިޔައި ހޯދައި ކުރިއަށްދާން ޖެހެއެވެ.
"ހިތާމައާއެކު ބުނަން ޖެހެނީ ބައެއް ފަހަރު ބައެއް މުދައްރިސުންނަށް ކުރަންޖެހޭ ވަރަށް މަސައްކަތް ނުކުރެވޭ. މި ދޭތެރެއަކުން އަޅުގަނޑު ދިޔަ ރަށެއްގައި، އިސްލާމް ޓީޗަރު ނެތް ދަރިވަރުންގެ ފޮތުގައި އިތުރަށް މަސައްކަތެއް ކޮށްލާފައިވެސް. އެހެން ހެދުމުން ކުދިންނަށް އެ މާއްދާ ވިސްނިފައި އޮންނަ ގޮތް ވެސް ތަފާތުވޭ. ކިޔަވަން ފޫހިވޭ."
ކިޔަވައި ދިނުމުގައި ޙަނޫން ސަރ ގެންގުޅޭ ހުނަރުގެ ސަބަބުން ކުދިން އޭނާއާ ގަޔާވެއެވެ.
"ބައެއް ފަހަރު އިސްލާމް މާއްދާ ވަރަށް ފޫއްސޭ އެކަމަކު ސަރ ކިޔަވައިދޭ ގޮތުން ލޯބި އެބަޖެހެއޭ. އެއީ އަބަދުވެސް ދަރިވަރުންގެ ފަރާތުން ލިބޭ ފީޑްބެކެއް. ބައެއް ފަހަރު ކުލާސްތަކާއި ކޭމްޕްތައް ފަށާއިރުވެސް ބުނަން ސޯދުބޭ ވިދާޅުވެއޭ، މަޖަލާއެކީ ކިޔަވާއެއްޗެއް އަޖަލާ ޖެހެންދެން ހަނދާނުގައި ހުންނާނެއޭ. އެއީ އަޅުގަނޑުގެ މޮޓޯއަކީ"
ޙަނޫން ސަރ ފާހަގަކުރި ގޮތުގައި ޒަމާނާ އެއްވަރަށް ފައިހަމަކުރަން ވިސްނަން މުދައްރިސުންނަށް ފުރުޞަތު ފަހިވީ ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައެވެ. ކޮވިޑްއާ ގުޅިގެން ޓެކްނޮލޮޖީއާއި ކިޔަވައިދިނުމުގެ ތަފާތު ހުނަރުތަކުގެ ތެރެއަށް ވަންނަން މަޖުބޫރުވިއެވެ. އޮންލައިނާއި ޓެލިކިލާސްތަކުން އޭރު އިންދުނު މުޑުވައް ކިޔަވައިދިނުމުގައި އެތައް މުދައްރިސުންނެއް ދަނީ ބޭނުންކުރަމުންނެވެ.
ޙަނޫން ސަރ އެންމެ އުފާވި ދުވަހަކީ ފެއިލް ވަމުން ދިޔަ ދަރިވަރަކަށް އިސްލާމް މާއްދާއިން އޭ ލިބުނު ދުވަހެވެ.
"އެންމެ އުފާވި ދުވަހަކީ އަޅުގަނޑުގެ ދަރިވަރެއް، އިސްލާމް މާއްދާއިން ފެއިލްވަމުން ދަނިކޮށް އޭ އަކާ ހިސާބަށް ގެންދެވުމުން. އިމްތިޙާނުގެ ނަތީޖާއަށް ބަލައި ޕްރިންސިޕަލް އަޅުގަނޑު ގެންދަވާފައި ވިދާޅުވި. އިސްލާމް މާއްދާއިން ގްރޭޑް 9 އަދި 10 ގައި ފާސްވެސްނުވާ ދަރިވަރު އޭއެކޭ މިއޮތީ ހޯދާފައި. އެ ދުވަހު ލިބުނު އުފާ ބުނަން ވެސް ނޭނގޭ. މިހާރު އެ ދަރިވަރަށް އޭލެވެލްގައި ކިޔަވައިދެނީވެސް އަޅުގަނޑެއް ނޫން. އެކަމަކުވެސް އަމިއްލަ ގޮތުން ކިޔަވައި އެބަދެން. ދެންވެސް ރަނގަޅު ނަތީޖާއެއް އެ ދަރިވަރަށް ހޯދައިދޭން ބޭނުންވާތީ."
ޙަނޫން ސަރ އެންމެ ދެކެން ބޭނުންވަނީ މުދިމުންނާއި އިމާމުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ގެންދަވާފަދަ ޕްރޮގްރާމްތަކެއް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭ އިސްލާމް މުދައްރިސުންނަށް އަމާޒުކޮށްގެން ބާއްވާނެ ދުވަހެކެވެ. ގިނަ މުދައްރިސުން ގުޅިގެން މަސައްކަތް ކުރާނެ ދުވަހެކެވެ. ޒަމާނަށް އަންނަ ބަދަލަށް ލޯހުޅުވައި ދެވޭނެ ފަދަ ގޮތްތަކެއް ފަހިވެފައި އޮންނާ ދުވަހެކެވެ.
ހިޔާލު