މުދައްރިސުންގެ ދުވަހު ބެލެނިވެރިން ހަދިޔާ ކުރީ ހއ. އޭއީސީގެ ކޮންމެ މުދައްރިސަކަށް ވޯކް ސްޓޭޝަނެއް

މުދައްރިސުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކޮންމެ މުދައްރިސަކު މަސައްކަތް ކުރާނެ "ވޯކް ސްޓޭޝަން" އެއް އެ ސްކޫލުގެ ބެލެނިވެރިން ހަދިޔާކޮށްފިއެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން އެ މުދައްރިސުން އުފުލަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދީ، މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައިދިނުމަށް ބެލެނިވެރިންގެ ފަރާތުން ދިން ހަދިޔާއެކެވެ.

ބެލެނިވެރިންގެ ފަރާތުން އެ ސްކޫލުގެ ސްޓާފްރޫމުގައި ޤާއިމްކުރި ވޯކްސްޓޭޝަންތައް އިފްތިތާޙްކޮށް ދިނީ، ހއ. އޭއީސީގެ އެންމެ ގިނަ ދުވަސްވީ ދެ މުވައްޒަފުންނެވެ. އެއީ އަބްދުއް ސައްތާރު އަބްދުއްރަހީމާއި މުއުމިނާ ލަތީފެވެ. މި ދެ މުދައްރިސުންނަކީ 1989 އަހަރުން ފެށިގެން އެ ސްކޫލުގައި ކިޔަވައިދެމުން ގެންދާ ދެ މުދައްރިސުންނެވެ.

ހއ. އޭއިސީގެ މުދައްރިސުން ބޭނުން ކުރަމުން އައި ސްޓާފް ރޫމް ތަޅާލީ އެ ސްކޫލުގައި 12 ކުލާސްރޫމް ހިމެނޭ އިމާރާތެއް އަޅަންވެގެންނެވެ. ލައިބްރައީގައި ހުރި ފޮތްތައް ވަގުތީ ގޮތުން ހޯލަށް ބަދަލުކޮށް، ސްޓާފްރޫމެއްގެ ގޮތުގައި މުދައްރިސުން މަސައްކަތް ކުރަމުން އައީ ލައިބްރަރީގައި، ކޮންމެ ދެ މުދައްރިސަކު މޭޒެއްގައި ތިބެގެންނެވެ.

"ވަރަށް ދަތީގައި މުދައްރިސުން މަސައްކަތް ކުރަމުން އައީ. ބައެއް ފަހަރު މޭޒުމަތިން ޖާގަނުލިބޭ ފަހަރު އުނގުމަތީގައި ފޮތް ބާއްވައިގެން މާކުވެސް ކުރަންޖެހޭ ހާލަތަށް ދޭ" ހއ. އޭއީސީގެ ޕްރިންސިޕަލް އަޙްމަދު އަސްލަމް ވިދާޅުވިއެވެ.

"މުދައްރިސުންގެ އިތުރުވުމާއެކު ގުދަނުގައި ހުރި މޭޒެއްގެ މަތީގައި ފިލާއަޅައިގެން ވެސް މަސައްކަތް ކުރަންޖެހުނު"

ހާހެއްހާ އާބާދީއެއް ކިޔަވަމުންދާ ސްކޫލަށް އިތުރުކުރި 12 ރޫމުގެ ކުލާސްރޫމް ހުޅުވިއިރު ފަރުނީޗަރެއް ހަމަނުޖެހޭތީ، ކައުންސިލުގެ އެހީތެރިކަމަށް ވެސް އެ ސްކޫލުން އެދުނެވެ. އެ ރަށު ކައުންސިލުން ހަމަޖައްސައި ދިނީ 50،000 ރުފިޔާގެ އެހީއެކެވެ. އާ އިމާރާތުގެ ސްޓާފު ރޫމުގައި ވޯކް ސްޓޭޝަންތައް ހަދަން ބޮޑު ޚަރަދެއްދެއެވެ. ސްޕޮންސަރެއްގެ އެހީގައި ވެސް އެކަން ކުރެވޭތޯ ބެލިއެވެ.

"އަޅުގަނޑުމެން ބެލިން ސްޕޮންސަރެއް ހޯދައިގެން ވެސް އެކަން ކުރެވޭތޯ. އަހަރެއްހާ ދުވަސް ވިއިރުވެސް އެކަމެއް ނުވި. އެންމެ ފަހުން ބެލެނިވެރިން އިސްވެ ނުކުމެ މަސައްކަތު ދުވަހެއް ފާހަގަކޮށްގެން 150،000 ރުފިޔާ ހޯދީ މުދައްރިސުންނަށް ރަނގަޅު ގޮތެއް ހޯދައިދޭން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަސައްކަތު ދުވަހުން އެއްކުރި ފައިސާއިން ކޮންމެ މުދައްރިސަކަށް ވޯކް ސްޓޭޝަން  ހައިދޭން ދިއްދޫގައި ތިބި ވަޑިން ނުކުތީ ހިލޭ ސާބަހަށެވެ. އެ މަސައްކަތުގައި އެމީހުންނަށް އަތްގާތް ކޮށްދޭން ނުކުތީ ފެނަކައާއި ކައުންސިލާއި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ.

"ތިން ދުވަހުގެ ތެރޭގައި 84 ވޯކް ސޭޓޭޝަން ނިންމީ 25 މީހުންގެ މަސައްކަތުން. ކޮންމެ ވޯކް ސްޓޭޝަނަނަކަށް ކަރަންޓް ޕޮއިންޓެއް އަޅައި ދިނީ ފެނަކައިން"

މަސައްކަތް ކުރިއަށް ދިޔައިރު، ތިންއިރު ކެއިންބުއިމުގެ ކަންތައްތައް ބެލެހެއްޓީ ވެސް އެ ސްކޫލުގެ ބެލެނިވެރިންނެވެ.

ޕީޓީއޭގެ އިސްނެގުމާއެކު ހއ. އޭއީސީގެ މުދައްރިސުންނަށް ހޯދައިދިނީ އެމީހުން އެދެމުން ދިޔަ ފަދަ ހިތްގައިމު މާހައުލެކެވެ. ކޮންމެ މުދައްރިސަކަށް ހަމަޖެހިލައިގެން އިށީދެލާނެ ޖާގައެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *