ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ކުދިންނަށް ލިބޭ ފުރުޞަތު ކުޑައެއް ނުވާނެ: އެޑިޔުކޭޝަން މިނިސްޓަރު

ވޮކޭޝަނަލް ހައި ސްކޫލުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތުގެ ބޭނުން ހިފުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގައި އަލަށް "މާލޭ ވޮކޭޝަނަލް ހައި ސްކޫލް" ގެ ނަމުގައި ސްކޫލެއް ހުޅުވަން ނިންމައި އެ ސްކޫލަށް ވަންނަން ހުޅުވާލުމާ ގުޅިގެން ފޭސްބުކް ޕޭޖުގައި އެމަނިކުފާނު ލިޔުއްވާފައި ވަނީ، އެޑިޔުކޭޝަން މިނިސްޓްރީން ފަހިކޮށް ދީފައިވަނީ ވޮކޭޝަނަލް ހައި ސްކޫލްގައި (ވޮކޭޝަނަލް ޕާތުވޭއަށް) ކިޔެވުމުގެ ފުރުސަތެއް ކަމަށެވެ.

ކިޔަވާ ކުދިންގެ ކިބައިން މިނިސްޓަރު  އެދިވަޑައިގެންނެވީ އެ ފުރުސަތުގެ ބޭނުން ހިފުމަށެވެ. ވޮކޭޝަނަލް ހައި ސްކޫލުން ވޮކޭޝަނަލް ޕާތުވޭ ނިންމާ ދަރިވަރުން ބޭނުންނަމަ ކިޔެވުން ނިންމާފައި ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހަދަން ޔުނިވަރސިޓީ އަކަށް ނުވަތަ ވަޒީފާއަކަށް ދާން ބޭނުންނަމަ އެފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ޑރ. ޝަފީއު ލިޔުއްވާފައިވެއެވެ.

އެކަޑަމިކް ޕާތުވޭއަށްވުރެ ވޮކޭޝަނަލް ޕާތުވޭއިން ލިބޭ ފުރުސަތު ކުޑަނުވާނެ ކަމަށާއި ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން އެ ފުރުސަތުގެ ބޭނުންހިފުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޑރ. އިސްމާއިލް ވިދާޅުވީ، އަމާޒަކީ މަތީ ޘާނަވީއަށް މިހާރު ކަނޑައަޅާފައިވާ 3 ޕާތުވޭގެ ފުރުސަތު އިތުރުކޮށް ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލުމާއެކު، އުފެއްދުންތެރި، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ ޒުވާނެއް އުފެއްދުން ކަމަށެވެ.

އޭލެވެލް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ތިން ޕާތްވޭއަކީ، އެކަޑަމިކް ޕާތުވޭ އާއި ސްކޫލްތަކަށް ހާޒިރުވެގެން ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ ޓީވެޓް ޕާތުވޭ އާއި އަދި ވަޒީފާގެ މާހައުލުގައި ހުރެގެން ކިޔެވުމަށް ހަމަޖެހިފައިވާ، ވާރކް ބޭސްޑް ޓީވެޓް ޕާތުވޭއެވެ.

" ގްރޭޑު 10 ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާ (ގްރޭޑް 11 އަދި 12) ގައި އިތުރުކޮށް އުފެއްދުންތެރި، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް މިއަދު އިތުރު ފުރިހަމަކަމެއް ލިބި އެކަމުގެ އުފާވެރިކަން ލިބިގެން ހިނގައްޖެ" ވޮކޭޝަނަލް ހައި ސްކޫލަށް އަމާޒުކޮށް މިނިސްޓަރު ވިދާޅުވިއެވެ.

އޭލެވެލް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އޯލެވެލް ނިންމާ ދަރިވަރުން އޭލެވެލްއަށް ކިޔަވަމުންދާ ނިސްބަތް އިތުރުވެފައިވާކަން ތަފާސް ހިސާބުގެ އަލީގައި ޑރ. ޝަފީޢު ވަނީ ހާމަކޮށްދެއްވާފައެވެ. އެ ހިސާބުތަކަށް ބަލާއިރު،

2023ވަނަ އަހަރު މަތީ ސާނަވީގައި ކިޔަވަން އަލަށް ގުޅުނީ އެ އަހަރު ގްރޭޑް 10ގައި ތިބި 6700 ދަރިވަރުންގެ ތެރެއިން 2100 އެއްހާ ދަރިވަރުންނެވެ. މިއީ ގްރޭޑް 10ގައި ތިބި ދަރިވަރުންގެ 31 އިންސައްތައެވެ.

މި ނިމުނު ގްރޭޑު 10ގައި ތިބި 6500 ދަރިވަރުންގެ ތެރެއިން 3200 ދަރިވަރުން މިހާރުދަނީ (އެކަޑަމިކް ޕާތުވޭއަށް) މަތީ ޘާނަވީގައި ކިޔަވަމުންނެވެ. މިއީ ގްރޭޑު 10ގައި ތިބި ދަރިވަރުންގެ 49 އިންސައްތަ ދަރިވަރުންނެވެ. 2023އާއި އަޅާބަލާއިރު ގްރޭޑް10ގައި ތިބި ދަރިވަރުންގެ ނިސްބަތުން 18 އިންސައްތައިގެ ކުރިއެރުމެކެވެ.

"މި ދެއަހަރު ކުރެވުނު މަސައްކަތުން، ﷲގެ ވާގިފުޅާއި ރަޙުމަތްފުޅުން މިހިނގާ 2025ވަނަ އަހަރު މަތީ ޘާނަވީ އަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވިއްޖެ" މިނިސްޓަރު ލިޔުއްވާފައިވެއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ވޮކޭޝަނަލް ޕާތުވޭއަށް ކިޔަވަން ބޭނުންވާ ދަރިވަރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ. މި ސްކޫލަށް ވަނުމުގެ ޝަރުޠަކީ 2024 ނުވަތަ 2025 ވަނަ އަހަރު ގުރޭޑް 10 ނިންމާފައިވުމާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 18 އަހަރު ފުރިފައި ނުވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *