ޤައުމީ ޤުރްއާން މުބާރާތުގެ ގޮފިތަކުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށްފި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށްފިއެވެ.

ޤައުމީ ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ ތިން ގޮއްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ އިތުރުން ހާފިޒުންގެ ބައެވެ. މިއިން ކޮންމެ ކޮއްޕަކުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދޭ ފައިސާގެ އިނާމް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑުކޮށްފައެވެ.

އެ މިނިސްޓްރީން މިއަދު ގެނައި ބަދަލާއެކު، ކޮންމެ ގޮއްޕަކުން އެއްވަނައަށް އަންނަ ބައިވެރިއަކަށް 75,000 ގެ ފައިސާގެ އިނާމެއް ދޭނެއެވެ. ކޮންމެ ގޮއްޕަކުން ދެވަނައަށް ހޮވޭ ބައިވެރިއަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ކޮންމެ ގޮއްޕަކުން ތިންވަނައަށް ދާ ފަރާތަކަށް ދެނީ

35,000 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ފައިސާގެ އިނާމަށް ބަދަލުގެނައި ނަމަވެސް ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތައް ކަމަށެވެ. ވުޒާރާގެ އިނާމުތަކަކީ އިތުރަށް ދެވޭ އިނާމްތައް ކަމަށާއި އެ އިމާމްތަކުގެ އިތުރުން އުމްރާދަތުރުތައް ވެސް ހިމެނޭނެ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި މުޅި މުބާރާތުން ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވެއެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގެ ކިޔެވުން ނިމިފައިވާއިރު، އެ މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ މި  މަހު 11 ވަނަ ދުވަހުއެވެ. މި އަހަރުގެ މުބާރާތުގައި 1023 ބައިވެރިން ކިޔަވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *