އެޗްއެސްސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ އިދާރީ މަސައްކަތް ކުރާނެ މީހުން ހޯދަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން އިއުލާން ކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، މަތީ ސާނަވީގެ ދިވެއްސާއި އިސްލާމް މާއްދާގެ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތަށް ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި 14 މުވައްޒަފުން ބޭނުންވާ ކަމަށެވެ. މަސައްކަތް ކުރަން ޖެހެނީ އަންނަ ޑިސެމްބަރު މަހުގެ 15އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހަށެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށައަޅަން ޖެހެނީ މި މަހުގެ 9ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުން، ކްލެރިކަލް މާކިންގ މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރައަކީ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުމާއި ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވަނީ:
- ކްލެރިކަލް މުވައްޒަފުންނަކީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިމްތިޙާނު ހޯލުގައި ކުރެވޭ އެންމެހައި އިދާރީ މަސައްކަތް ކުރާ ފަރާތެވެ.
- ކްލެރިކަލް މުވައްޒަފުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކަރުންނަށް ބާއްވާ ޓްރެއިނިންގ އާއި މާކިން ހޯލުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ކްލެރިކަލް ގެ އެންމެހާ މަސައްކަތްތައް ކުރުމެވެ.
- ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.
- ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
4.1 މިއިމްތިޙާނުގައި މާކުކުރާ ކޮންމެ މާކަރަކު މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރިކަން ކަށަވަރުކުރަންވާނެއެވެ.
4.2 މާކިން މަސައްކަތަށް މާކަރު ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ޖެހިކަން ކަށަވަރުކުރަންވާނެއެވެ.
4.3 ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުން (ޗީފް އެގްޒޭމިނަރު، ލީޑް އެގްޒޭމިނަރުން، މޮޑަރޭޓިން އެގްޒޭމިނަރުން، އޮޑިޓިން އެގްޒޭމިނަރުން) އާއި މާކަރުންގެ ޙާޟިރީ ބަލަހައްޓަންވާނެއެވެ.
4.4 މާކަރުންނަށް ބާއްވާ މާކިން ޓްރެއިނިންއަށް ބޭނުންވާ ކަރުދާސްތައް ބެހުމާއި، މާކުކޮށް ނިމުމުން ކަރުދާސްތައް ނަގަންވާނެއެވެ.
4.5 މާކިން މަސައްކަތް ފެށުމުން ޖަވާބު ކަރުދާސްތައް (ޕޭޕަރތައް) ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
4.6 މާކިން ހިނގަމުންދާއިރު، އެގްޒޭމިނަރުންގެ ޓީމާއި މާކަރުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބަލަހައްޓަންވާނެއެވެ.
4.7 މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރުންނަށް ކަރުދާސް ޙަވާލުކުރަންވާނެއެވެ. އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަންނަން ވާނެއެވެ.
4.8 އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރު މާކު ކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސް ޝީޓްގައިވާ ޢަދަދު ދިމާވޭތޯ ޗެކްކުރަންވާނެއެވެ. އަދި މާކު ނުކުރާ ސުވާލެއް އޮތްތޯއާއި ދޭންވާ ވަރަށްވުރެ އިތުރަށް މާކްސް ދީފައިވޭތޯ ޗެކްކުރަންވާނެއެވެ.
4.9 ޗެކްކޮށް ނިމޭ ކަރުދާސްތައް އެ ގްރޫޕެއްގެ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއި ޙަވާލުކުރަންވާނެއެވެ. އަދި އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާހަށް ލިބުނު މާކުސްތައް އެންޓަރކުރަންވާނެއެވެ.
4.10 މާކިން ހިނގަމުންދާއިރު، ދުވަހުން ދުވަހަށް ތަކެތި (އެ ގްރޫޕެއްގައި ހިމެނޭ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރު ފަދަ ތަކެތި) ހަމަކޮށް ގަޑިއަށް މާކިން ފެށޭވަރަށް ހޯލް ތައްޔާރުކުރަންވާނެއެވެ.
4.11 މާކިން ހިނގަމުންދާއިރު، އިދާރީގޮތުން މާކިން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.
މުވައްޒަފުން ހޯދުމުގައި ބަލަނީ ތަޖރިބާއަށާއި ތައުލީމަށެވެ. ކޮންމެ ބަޔަކަށް ވެސް ކަނޑައަޅާފައި ވަނީ 50 އިންސައްތަ މާކުހެވެ.
ހިޔާލު