ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލަށް 34 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރިވަރުންގެ ޓްރޭޑް ޝޯވއެއް ބާއްވައިފިއެވެ.
"ލީޑް 2025″ (ލާރން، އެންގޭޖް، އެޕްލައި، ޑިސްކަވަރ)ގެ ނަމުގައި މި ޓްރޭޑް ފެއަރ ކުރިއަށް ގެންދިޔައީ މިއަދު ހަވީރު އެ ސްކޫލުގައެވެ.
މިއީ ހުނަރުވެރިކަމާއި، އީޖާދީ ގޮތްތަކާއި، އަމަލީ ތަޢުލީމު ދައްކުވައިދިނުމަށް ބޭއްވުނު ވަރަށް ފޯރިގަދަ، އެއްދުވަހުގެ ދަރިވަރުންގެ ޓްރޭޑް ޝޯއެކެވެ.
އެމް.އެން.ޔޫ.ބީ.އެސް ގެ ގޯތިތެރޭގައި ކުރިއަށް ގެންދިޔަ މި ޓްރޭޑް ޝޯވއިން ޢިލްމާއި، ވިޔަފާރީގެ ހުނަރު ފާހަގަކުރުމުގެ ޚާއްޞަ މި ހަރަކާތުގެ ސަބަބުން ދަރިވަރުންނާއި، ފެކަލްޓީންނާއި (ޓީޗަރުންނާއި)، ކުރީގެ ދަރިވަރުންނާއި، މަސައްކަތުގެ ދާއިރާގެ މާހިރުންނާއި، ދަޢުވަތު ލިބިފައިވާ މެހެމާނުން އެއްތަނަކުން ދިމާވެ ދަރިވަރުންނަށް އަމަލީ ގޮތުން ތަޖުރިބާތަކެއް ލިބިގެން ދިޔައެވެ.
ކްލާސްރޫމްތަކާއި ކެމްޕަސް ސަރަހައްދުގައި ޤާއިމުކުރެވުނު އިންޓަރެކްޓިވް ބޫތުތަކާއި އެގްޒިބިޓްތަކުގެ ޒަރީއާއިން، ދަރިވަރުންގެ ޓީމުތަކުން އެމީހުންގެ ބިޒްނަސް މޮޑެލްތަކާއި، އީޖާދީ ހިޔާލުތަކާއި، ކޯސްވޯކްގެ އަމަލީ ބޭނުންތައް ހުށަހަޅާފައިވެއެވެ. ފެކަލްޓީ މެންޓަރުންގެ އިރުޝާދާއެކު، ދަރިވަރުންނަށް އެމީހުންގެ މާއްދާތަކުގެ ފުރިހަމަ ޤާބިލުކަން ދައްކުވައިދިނުމުގެ "ފުރުޞަތު" މި ޝޯވއިން ލިބިގެންދިޔައެވެ.
ބިޒްނަސް ސްކޫލުގެ މެންބަރުންނާއި ބޭރުގެ މާހިރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ދަރިވަރުންގެ އުފެއްދުންތަކާއި ހުށައެޅުންތައް އިވެލުއޭޓް ކުރިއެވެ. އީޖާދީ ގާބިލުކަމާއި، އެކުގައި މަސައްކަތްކުރުމާއި، ވިޔަފާރީގެ ރޫހަށް ބަލައިގެން، އެންމެ ފާހަގަކޮށްލެވުނު ދަރިވަރުންގެ ގްރޫޕްތަކަށް އިނާމު ދެވުނެވެ.
"ލީޑް 2025″ ބިޒްނަސް ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ އިތުރުން، ކްލާސްރޫމްގައި ދަސްކުރާ އެއްޗެހި ޢަމަލީ ދުނިޔޭގައި ބޭނުންކުރުމަށާއި، އީޖާދީކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށާއި، ވިޔަފާރީގެ ހުނަރުތައް ކުރިއެރުވުމަށް ދަރިވަރުންނަށް ލިބުނު ފަހި ފުރުޞަތެކެވެ.
މި ހަރަކާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް ވެސް ދައްކާލައި، ވިއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެކަން ކުރީ އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ތަޢުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މާޙައުލެއް ބިނާކުރުމަށްޓަކައެވެ.
މި ހަރަކާތަކީ، ހަމައެކަނި ތަޢުލީމީ ގޮތުން ގަދަފަދަ ބަޔަކަށް ވުމުގެ އިތުރުން، އީޖާދީ، ހުނަރުވެރި އަދި މާދަމާގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ދަރިވަރުން ބިނާކުރުމަށް އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.
ހިޔާލު