ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބާއްވާ އިންޖިނިއަރިންގ އާއި ސައިންސްގެ ބައިނަލްއަޤްވާމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. މިއީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީން މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.
އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިނޮވޭޝަންސް އިން އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ފޯރ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް (އައިއެސްއައިއެސް)ގެ ނަމުގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ކޮންފަރެންސް ފައްޓަވައި ދެއްވީ މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރެވެ.
އައިއެސްއައިއެސްއަށް މި އަހަރު 138 ދިރާސާ ކަރުދާސް ހުށައެޅިއެވެ. މީގެ ތެރޭގައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ހުށައެޅި 26 ދިރާސާ ކަރުދާސް ހުށައެޅިއެވެ. މިތަކެތީގެ ތެރެއިން މި ކޮންފަރެންސްގައި ހުށައަޅަން ނިންމީ 67 ދިރާސާ ކަރުދާހެވެ.
އައިއެސްއައިއެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، އައިއެސްއައިއެސް ކޮންފަރެންސަކީ ދުވަހުން ދުވަހަށް ދަރަޖަ މަތިވަމުންދާ މަންސައެއް ކަމަށެވެ. މިފަދަ ކޮންފަރެންސްތަކުން ދިރާސާތައް ދުނިޔޭގެ ޢަމަލީ ދިރިއުޅުމުގެ ބޭނުންތަކާ ގުޅުވައިދީ، ތަފާތު ދާއިރާތަކުގެ އެހީތެރިކަމާއެކު މަސައްކަތްކުރުމަށް ބާރުއަޅައި، އަޅުގަނޑުމެންގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޢިލްމީ މަރުކަޒުތައް ވަރުގަދަކޮށްދޭ ކަމަށް ޑރ. ޝެހޭނާޒު ވިދާޅުވިއެވެ.
"މި ކޮންފަރެންސްގެ ތެރެއިން، ތިއަރީއާއި ޕްރެކްޓިސް އެއްވެ، ދިރާސާތައް ޢަމަލީ ހައްލުތަކަށް ބަދަލުވާނެތަން އަޅުގަނޑުމެންނަށް ފެންނާނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، މިއީ މި އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްފައިވާ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ކަމަށާއި އަހަރީ މައި ކޮންފަރެންސާއި މެޑިކަލް ލީޑަރ ކޮންފަރެންސާއި އަދި އެޑިއުޓެކް ސިމްޕޯޒިއަމް ބާއްވާފައިވާ ކަމަށާއި މި އަހަރު ފަހުކޮޅު، ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން އިތުރު ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޖިނިއަރިންގައި އީޖާދުކުރުމާއި ދިރާސާކުރުމަކީ ހަމައެކަނި ޢިލްމު އުފެއްދުންތެރިކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ޢަމަލީ މައްސަލަތައް ހައްލުކުރުމާއި ދިރިއުޅުން ރަނގަޅުކުރުން ކަމަށް ޑރ. ޝެހެނާޒު ބައިވެރިންނާ މުހާޠަބުކޮށް ވިދާޅުވިއެވެ.
" މަޝްހޫރު އިންޖިނިއަރެއް ކަމަށްވާ ހެންރީ ޕެޓްރޮސްކީ ވިދާޅުވެފައިވާ ފަދައިން، "އިންޖިނިއަރިން އަކީ ކާންސާނުންގެ ބޭނުމާއި ފަސޭހަފޯރުވުމަށްޓަކައި ގުދުރަތީ ބާރުގެ ބޮޑެތި ވަސީލަތްތައް ބޭނުންކުރުމުގެ ފަންނެވެ." އޭނާ ވިދާޅުވީ، މަސައްކަތުގެ މަޤްސަދާއި އަސަރު ވަރަށް ފުރިހަމައަށް އައިއެސްއައިއެސް ކޮންފަރެންސުން ބަޔާންކޮށްދޭ ކަމަށެވެ.
މި ކޮންފަރެންސާ ގުޅޭ ގޮތުން ވާހަކަ ދައްވަމުން ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވީ، އައިއެސްއައިއެސް ކޮންފަރެންސް ބިނާކޮށްފައި ވަނީ މައިގަނޑު ހަތް ދާއިރާއެއްގެ މައްޗަށެވެ. އެ ހަތް ދާއިރާއިން ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށާއި، އުފެއްދުންތެރި ހިޔާލުތައް ކުރިއެރުވުމަށްޓަކައި، މި ދާއިރާތަކުގައި ހުރި ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ކަމަށެވެ. އެ ހަތް ދާއިރާއަކީ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އާކިޓެކްޗަރ އާއި އަރބަން ޕްލޭނިންގ، ސިވިލް އިންޖިނިއަރިންގ، މައުލޫމާތާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، މެކޭނިކަލް އާއި މެކަޓްރޯނިކްސް އިންޖިނިއަރިންގ، ކެމިކަލް އާއި ފުޑް އިންޖިނިއަރިންގ އަދި އެޕްލައިޑް ސައިންސްއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައިއެސްއައިއެސްގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ޢިލްމީ މަޢުލޫމާތު ބަދަލުކުރުމަށް ބާރު އެޅުމެވެ. މި ކޮންފަރެންސަކީ އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަތިވެފައިވާ ކުއްލި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އީޖާދީ އުސްލޫބުތައް ހޯދުމަށް ލިބޭ ފުރުޞަތެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައިއެސްއައިއެސްއަށް ހުށައެޅި ޕޭޕަރުތަކުގެ ތެރެއިން ބެސްޓް ޕޭޕަރ އެވޯޑް، ބެސްޓް ސްޓޫޑެންޓް ޕޭޕަރ، ޕްރެޒެންޓަރ އެވޯޑް، ބެސްޓް ޕޭޕަރ ޕްރެޒެންޓޭޝަން އެވޯޑް އަދި ބެސްޓް އިންނޮވޭޝަން ޓުވަރޑްސް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް އެވޯޑް ހިމެނޭ ގޮތަށް އެވޯޑްތައް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ދީފައެވެ.
ޕޯސްޓް-ޑޮކްޓޯރަލް ރިސަރޗަށް އޮތް ފުރުޞަތު އިތުރުކޮށް ޒުވާން ދިރާސާވެރިންގެ މެދުގައި އުފެއްދުންތެރި ހިޔާލުތައް އުފެއްދުމުގެ މަގްސަދުގައި، ދަރިވަރުންނަށް ޚާއްސަ ޕޭޕަރ ލިޔުމުގެ މުބާރާތެއްވެސް ވަނީ އިންތިޒާމުކޮށްފައެވެ. މި މުބާރާތުގައި ތަފާތު ދާއިރާތަކުގެ ދަރިވަރުންނަށް އާ ގޮތްތައް ހޯދައި، އަމަލީ ގޮތުން ތަންފީޒުކުރުމަށް ސަމާލުކަން ދީގެން ޕޭޕަރުތައް ހުށަހެޅުމަށް ދައުވަތު ދީފައިވެއެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ކުނޑީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ބައިވެރިން ޓީމު ހަދައިގެން މަސައްކަތްކުރާނެ އީ-ހެކަތޯނެއްވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތުން ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގޮތުން ފުންކޮށް ވިސްނުމަށް ހިތްވަރުދީ، އަދި އަމަލީ ތަޖުރިބާވެސް ލިބިގެންދާނެއެވެ.
މި ހަރަކާތުގެ މަގްސަދަކީ، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބޭނުންތެރި ހައްލުތަކެއް ހޯދުމަށްޓަކައި، ޖީލުތަކަށް އަންނާނެ ލީޑަރުން ބާރުވެރިކުރުމެވެ. އައިއެސްއައިއެސް އިން ބިންގާ އެޅޭފަދަ ދިރާސާތައް ހުށަހެޅުމަށް މަންސައެއް ހޯދައިދީ، އާ ޓެކްނޮލޮޖީތަކާއި އެ ތަކެތީގެ ބޭނުންތަކާ ބެހޭގޮތުން މަޝްވަރާތައް ބާއްވައި، އަދި ގުޅުންތައް ބަދަހިކުރުމަށް ހިތްވަރުދީގެން މުހިއްމު އަސަރެއް ފޯރުކޮށްދޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ޑރ. ފަވާޒު ވިދާޅުވިއެވެ.
ހިޔާލު