ރާއްޖޭގެ ފުރަތަމަ ލީގަލް ކްލިނިކް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ހުޅުވައިފިއެވެ. އައިޔޫއެމްގައި ލީގަލް ކުލިނިކު ހުޅުވައިދެއްވީ އެ ޔުނިވަރސިޓީގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަބްދުލް ޣަނީ މުހައްމަދެވެ.
މި ކުލިނިކު ހިންގުމަށްޓަކައި އިދާރީ ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ކުއްލިއްޔާ ޝަރީޢާއިން ލޯގެ ލެކްޗަރަރ އައިޝަތު ފަޒުނާ އަޙްމަދެވެ.
މި ކްލިނިކަކީ ޤާނޫނީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން، ޢަމަލީ މައިދާނަށް ނިކުތުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ސެޓްފިކެޓް ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް (ސީއެލްޓީޕީ) ފުރިހަމަކުރުމަށް މަގުފަހިކޮށްދޭން ހުޅުވި ތަނެކެވެ. މި ކްލިނިކްގެ ސަބަބުން، ތަޖުރިބާކާރު ޤާނޫނީ ވަކީލުންގެ ބެލެހެއްޓުމުގެ ދަށުން ޤާނޫނީ ދަރިވަރުންނަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، އާލާވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި މިއީ ޤާނޫނީ ފަންނުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ޤާނޫނީ ދާއިރާއިން ކިޔަވާފައިވާ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުޞަތެއް ކަމަށް ވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
ސީއެލްޓީޕީ ޕްރޮގްރާމްއަކީ ޤާނޫނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މުހިންމު ޢަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ވަނީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރެވިފައެވެ. މި ޕްރޮގްރާމްގައި ކްލާސްރޫމް އަދި ވާޗުއަލް ލާރނިންގ އެންވަޔަރަމަންޓްސް އެއްކޮށްލައިގެން، ޙަޤީޤީ ދުނިޔޭގެ ޤާނޫނީ މަސައްކަތުގެ މާޙައުލު ސިމިއުލޭޓްކުރެވި ތަމްރީނު ލިބިގަންނަ ފަރާތްތަކަށް ޤާނޫނީ ދާއިރާގައި ކާމިޔާބު ކެރިއަރއެއް ހޯދުމަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ނިމުމުން އިންޓަރޝިޕް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓެއް ދޭނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއަށް ޚާއްސަކޮށްގެން ޝާއިޢުކުރަން ފަށާފައިވާ އައިޔޫއެމް ޖާރނަލް އޮފް ލޯސް ނުވަތަ (އައިޔޫއެމްޖޮލް) ވެސް ރޭ އިފްތިތާޙު ކުރިއެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިން ނެރޭ، ޑަބަލް ބްލައިންޑެޑް ޕިއަރިވިއުޑް ލޯ ޖާރނަލްއެކެވެ. މިއީ އިންޓަރނޭޝަނަލް ޕިއަރ ރިވިއުޑް ޖާރނަލްއެއްގެ ގޮތުގައި އިންޑެކްސް ކުރެވި އިނގިރޭސިބަހާއި ދިވެހިބަހުން އަހަރަކު އެއްފަހަރު ނެރޭ އިލްމީ ދިރާސީ މަޖައްލާއެކެވެ.
މިފަދަ ޖަރނަލްއެއް ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ ގެ ފަރާތުން ނެރުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެކަޑަމިޝަނުންނާއި، ކިޔަވާކުދިންގެ މެދުގައި ދިރާސާކުރުމުގެ ރޫޙް އާލާކޮށް ޢިލްމީ ފެންވަރެއްގައި، ދިރާސާކުރުމުގެ މަންހަޖުތަކާއި އެއްގޮތަށް، ލިޔެވިފައިވާ ފެންވަރު ރަނގަޅު ޤާނޫނީ ދާއިރާގެ، ޢިލްމީ ލިޔުންތަކެއް ޝާއިޢުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޕްލެޓް ފޯމެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމެވެ.
ހިޔާލު