އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާކަމުގެ 100 އިންސައްތައިގެ ޔަޤީންކަން އެޑިޔުކޭޝަން މިނިސްޓަރު ދެއްވައިފިއެވެ.
މިނިސްޓަރު މި ޔަޤީންކަން ދެއްވީ، އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާގެ ޕޭޕަރުގައި ގެނެސްދީފައިވާ ދޭހައަކީ ސީއެޗްއެސްއީ ހުޅުމާލެގެ ދަރިވަރުން އިމްތިޙާނަށް ތައްޔާރުވާން ހެދި ރިވިޝަން ޕޭޕަރެއްގައި ހުރި ސުވާލުތަކެއް ކަމަށްބުނެ އާންމުންގެ ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށެވެ. އެ ޕޭޕަރުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މައްސަލަ ޖެހުނުކަމަށް ބުނާ ދިވެހި ޕޭޕަރު ތައްޔާރުކުރީ ވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ފުލްޓައިމް މުވައްޒަފެއް ކަމަށާއި އެ ޕޭޕަރު ތައްޔާރު ކުރުމުގައި ސީއެޗްއެސްއީގެ އެއްވެސް ޓީޗަރެއްގެ ބައިވެރިވުމެއް ވެސް ނެތް ކަމަށެވެ.
"މިއީ އިއްތިފާގެއް. މިކަމުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތް" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިމްތިޙާނުގައި ދިން ދޭހަ ނަފާފައި ވަނީ އަދީބެއްގެ ފޮތަކުން ކަމަށް ވާތީ، ދޭހަ ބިނާވެފައިވާ އޮތް ލިޔުން ރިވިޝަންގައި ބޭނުން ކުރިނަމަވެސް އެޗްއެސްސީ އިމްތިޙާނުގައި ދީފައި ހުރި ސުވާލުތައް މުޅިން ތަފާތު ކަމަށެވެ.
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ، ކަންބޮޑުވާ ޖެހޭ ކަމެއް ނެތް ކަމަށެވެ. އިއްތިފާޤަކުން ނަމަވެސް އެގޮތަށް ދިމާވުމުން ކުރިއަށް އޮތްތަނުގައި އެކަން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އޯލެވެލް އިމްތިޙާނު ކުރިއަށް ދާއިރު، އެޗްއެސްސީ އިމްތިޙާނު 2001 ދަރިވަރުން މި އަހަރު ހަދާނެއެވެ.


advertisment
ހިޔާލު