ހިއުމަން ރައިޓްސް ކުލަބް އެވޯޑް ޖެހިޖެހިގެން ދެވަނަ އަހަރު ރެހެންދި ސްކޫލުގެ ތަރާދަށް

ޔަންގް ހިއުމަން ރައިޓްސް އެޑްވަކޭޓުންނަކީ، ރެހެންދި ސްކޫލުގެ ޖަޒްލާނާއި ޒޯޔާ އަދި އިސްކަންދަރު ސްކޫލުގެ އަފާފާއި އިޚުވާނާ

ފާއިތުވި އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި ހިއުމަން ރައިޓްސް ކުލަބަކަށް ރެހެންދި ސްކޫލުގެ " ކުލަބު ތަރާދު" ހޮވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކޮންމެ އަހަރަކު ވެސް ހޮވާ މި އެވޯޑް ރެހެންދި ސްކޫލަށް ލިބޭ މިއީ ދެވަނަ ފަހަރެވެ. "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓުންގެ ގޮތުގައި އެ ސްކޫލުގެ ދަރިވަރުން ހޮވޭތާ މިއީ ތިން ވަނަ އަހަރެވެ.

"ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓުންގެ ގޮތުގައި ހޮވީ، ރެހެންދި ސްކޫލުގެ މުޙައްމަދު ޖަޒްލާން ޖަމީލާއި ޒޯޔާ ހުސައިން ޒިޔާދު އަދި އިސްކަންދަރު ސްކޫލުގެ އިޚުވާނާ އިސްމަތާއި މަރިޔަމް އަފާފު އަޙްމަދެވެ.

ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މި ދެ އެވޯޑް ދެނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުން ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.

ބެސްޓް ހިއުމަންރައިޓްސް ކުލަބު ހޮވުމުގައި ހަތް ދާއިރާއަކަށް ބަލައެވެ. އެއީ:

  • ކްލަބްގެ ހަރަކާތްތައް ގެންދާނެ ގޮތުގެ އަހަރީ ޕްލޭންއެއް އޮތުން
  • ހަރަކާތްތައް ޕްލޭންއާ އެއްގޮތަށް ކުރިއަށް ގެންދެވުނު މިންވަރު
  • ކްލަބްގެ މެންބަރުންގެ އަދަދު
  • ކްލަބުން ހިންގާފައިވާ ހަރަކާތްތައް
  • ހަރަކާތްތައް އެހެން އިދާރާއެއް ނުވަތަ ސްކޫލެއް ނުވަތަ ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކާއި ގުޅިގެން ހިންގުން
  • ސްކޫލް މާހައުލުން ބޭރުގައި ކްލަބްގެ ފަރާތުން ހިންގާފައިވާ ހޭލުންތެރިކުރުމުގެ ހަރަކާތްތައް
  • ކްލަބުން ހިންގާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވި/މައުލޫމާތު ދެވުނު ކުދިން ނުވަތަ މީހުންގެ އަދަދު

ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ދިނުމުގައި ބަލަނީ މައިގަނޑު ހަތަރު ކަމަކަށެވެ. އެއީ:

  • ކްލަބްގައި ހޭދަކުރާ މުއްދަތު
  • ކްލަބް ހިންގުމުގެ މަޤާމެއް އަދާކުރުން
  • ކްލަބުން ހިންގި ހަރަކާތްތަކުގައި ބައިވެރިވުން
  • އަމިއްލައަށް އިސްނަގައިގެން ހިންގި ކްލަބް ހަރަކާތްތައް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *