1000 އެއްހާ ވަޒީފާގެ ޔަޤީންކަމާއެކު "ވަރަ އެކްސްޕޯ" އަންނަ ނޮވެމްބަރު މަހު

1000 އެއްހާ ވަޒީފާގެ ޔަޤީންކަމާއެކު "ވަރަ އެކްސްޕޯ" އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގެ ގޮތުގައި މި އެކްސް ޕޯ ބާއްވަނީ ނޮވެންބަރު މަހުގެ 6-8 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދުމަށްބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއްތަނަކަށް ގެނައުމެވެ.

ކުރީ އަހަރުގެ ތަޖުރިބާއަށް ބަލައި މި އަހަރުގެ އެކްސްޕޯގައި 15،000 އަށް ވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މި އެކްސްޕޯގައި އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ ސިފައަކީ ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރުން ކަމަށާއި ނޭޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް) ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަޒީފާއަށް އެޕްލައިކުރުމާއި، ވަޒީފާއަށް އެދޭ ފޯމުތައް ޓްރެކް ކުރެވޭނެ އިންތިޒާމް ވެސް މި އެކްސްޕޯގައ ދައްކައިދޭނެއެވެ. މީގެ އިތުރުން އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް އިންޓަގްރޭޝަން މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓަރީކޮށް އެޕްލައިކުރުން ވެސް ކުރިޔަށް ގެންދާނެއެވެ. މިއެކްސްޕޯގައި 1،000 އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

"ވަރަ އެކްސްޕޯ"ގައި ތަޖުރިބާ ކުރުމަށް ތިން ޒޯނެއް ކަނޑައަޅާފައިވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކެރިއަރ ޒޯނުގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ޚާއްޞަކަކުރެވިފައިވާ ސަރަޙައްދުތައް ހުންނާނެއެވެ. އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތުގެ އިތުރުން، މި ވުޒާރައިން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު ޢިލްމީ އަދި ފަންނީ މަރުކަޒުތައް ބައިވެރިވާނެއެވެ. އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖްރިބާކުރުމުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަ" އެކްސްޕޯއަކީ ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދާދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކުރެވިފައިވާ އިސްނެގުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *