ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެހެން ޤައުމުތަކާ ގުޅިގެން ލަންކާގެ ޔުނިވަރސިޓީތަކުން ހިންގާ ކޯސްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ލަންކާގެ ޓަރޝަރީ އެންޑް ވޮކެޝަނަލް ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާއިން ދަށުގެ ޓަރޝިއަރީ ޕްރޮގްރާމްތަކަށް ކަމަށެވެ. އަދި އެ ޤައުމުގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ހަޔަރ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ފްރޮގްރާމްތަކަށް ކަމަށާއި ޓަރޝަރީ އެންޑް ވޮކެޝަނަލް ކޮމިޝަނުން ހުއްދަދޭ މިންގަނޑާ ޚިލާފަށް އެތަންތަނުން ހިންގާ ހަޔަރ ޑޮޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެހެންވެ ހުއްދަދީފައިވާ މިންގަނޑާ ޚިލާފަށް ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް އެ އޮތޯރިޓީން މީގެ ފަހުން ޤަބޫލުނުކުރާނެ ވާހަކަ ދަންވަމެވެ." ނޫސް ބަޔާނުގައި އެމްކިޔުއޭއިން ބުނެފައިވެއެވެ.
އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ޤަވާއިދުގެ ހިންގުމުގެ ކުރިން ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ ކުރިން އެ ކަންތައްތަކަށް ސަމާލުކަންދިނުން މުހިންމެވެ. އަދި ދިވެހި ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ބޭނުންވާ މަރުކަޒަކީ އެމްކިއުއޭގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތޭ އަދި އެ އޮތޯރިޓީން ގަބޫލުކުރާ ތަނެއްތޯ ކަށަވަރުކުރުމަށެވެ.
އަދި އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ގަބޫލުކުރަނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ.
advertisment
ހިޔާލު