ބަދިގެ: ހެދިބޮޑުވާން ބޭނުންވާ ހުނަރުތައް ކުދިންނަށް ދަސްކޮށްދޭ ކުލާސް ރޫމެއް

ކުދިންނަށް ކައްކަން ދަސްކޮށްދިނުމަކީ މޮޅު ކައްކާއަކަށް އެ ކުދިން ހެދުމެއް ނޫނެވެ. އެއީ މިނިވަންކަމާއި އުފެއްދުންތެރިކަމާއި އުމުރު ދުވަހަށް ދެމިގެންދާނެ ދުޅަހެޔޮ އާދަތަކަށް އެ ކުދިން ތަރުބިއްޔަތު ކުރުމެވެ.

އާމިނަތު ޝިފާޒާ

ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަސް ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރަނީ ކުދިން ބަދިގެއަށް ވަދެ އެ ކުދިންގެ ހުނަރުތައް ދައްކާ ދުވަހެއްގެ ގޮތުގައެވެ.

ކުޑަކުދިން ކައްކަން ބަދިގެއަށް ވަންނަ ދުވަހަކީ ކޮބާ؟
ކުޑަކުދިން ބަދިގެ ހިންގާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 13 ގައެވެ. މި ޤައުމީ ދުވަސް ފުރަތަމަ ފެށީ ޔަންގް ޝެފްސް އެކަޑަމީއިންނެވެ. މިގޮތަށް މި ދުވަސް ފާހަގަކުރަން ފެށީ ކުޑަކުދިންގެ ހިތުގައި ކެއްކުމާއި، ބޭކަރީ ތަކެތި ހެދުމާއި، އަދި ކާބޯތަކެއްޗާ ގުޅުންހުރި ހުރިހާ ކަމަކަށް ލޯބިޖެއްސުމަށް ހިތްވަރުދީ، އެކަމާމެދު ވިސްނައި ޚިޔާލު ކުރުމުގެ މަޤްޞަދުގައެވެ. މިއީ ތިމާގެ ދަރިންނަށް ކެއްކުމުގެ ހުނަރުތަކާއި، އަދި ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ޚާއްޞަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ސެޕްޓެމްބަރު 13 ގައި ކަމުގައިވީ ނަމަވެސް، ދަރިންނަށް އަހަރުގެ ކޮންމެ ދުވަހަކު ވެސް ބަދިގޭގެ މުހިންމު ކަންތަކުގައި ހަރަކާތްތެރި ކުރެވިދާނެއެވެ. އެހެންކަމުން، ދެން ފަހަރަކު ބަދިގޭގައި އެހީތެރިއެއް ބޭނުންވެއްޖެނަމަ، އެހީތެރިވުމަށް ތިމާގެ ދަރިފުޅުގެ ކައިރިން އެދޭށެވެ. އޭރުން ކެއްކުމާއި ކާން ތައްޔާރުކުރުމުގެ ތަޖުރިބާ މާ ރަނގަޅުވާނެއެވެ.

ދަރިފުޅު ބަދިގޭގެ މަސައްކަތުގައި ބައިވެރިކުރުން މުހިންމުވަނީ ކީއްވެ؟
ދަރިފުޅާއެކު ކެއްކުމަށް އިތުރު ވަގުތާއި، ހަކަތައާއި، ކެތްތެރިކަން ބޭނުންވިޔަސް، ދަރިން ބައިވެރިކޮށްގެން ކެއްކުމަކީ މާ ފައިދާ ބޮޑު ކަމެކެވެ. ދަރިފުޅާއެކު ކެއްކުމާއި ބޭކަރީ ތަކެތި ހެދުމުން، އެކި ބާވަތުގެ ގިނަ ހުނަރުތަކެއް އެ ކުއްޖާއަށް ދަސްވާނެއެވެ. ކެއްކުމުގެ ހުނަރުތަކުން ފެށިގެން، ސިކުނޑީގެ ތަރައްޤީއާއި ދިރިއުޅުމުގެ ހުނަރުތަކާ ހަމައަށް، ތިބާގެ ދަރިން ބަދިގޭގައި ބައިވެރިކުރުމަކީ އުނގެނުމުގެ ތަޖުރިބާއަކަށްވެ، އަދި އާ ހުނަރެއް އުފެދިދާނެ ކަމެކެވެ.

ދިރިއުޅުމުގެ ހުނަރުތައް
ކެއްކުމުން ކުޑަކުދިންނަށް ގިނަ މުހިންމު ދިރިއުޅުމުގެ ހުނަރުތަކެއް ދަސްވެއެވެ. މިސާލަކަށް، ދަރިފުޅަށް ކާއެއްޗެހި ތައްޔާރުކުރާއިރު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދަސްވާނެއެވެ. ރެސިޕީގެ ކޮންމެ ފިޔަވަޅެއް ފަހަތުން ދާއިރު އިރުޝާދުތަކަށް ތަބާވުމުގެ މުހިންމުކަން ދަރިފުޅަށް ދަސްވާނެއެވެ. ކާއެއްޗެހި ތައްޔާރުކުރުމަށް ވަގުތު ނަގާތީ، ކެތްތެރިވުމުގެ މުހިންމުކަން ވެސް ދަރިފުޅަށް ދަސްވާނެއެވެ.

ދަރިފުޅާއެކު ކައްކާއިރު، ކާބޯތަކެއްޗަށް އަތްލުމުގެ ކުރިން އަތް ދޮވުމަށް ސަމާލުވެ، ރަނގަޅު ޞިއްޙީ އާދަތައް އަށަގެންނެވޭނެއެވެ. ތަންތަން ފޮޅައި، ތަށިތައް ރައްކާކުރާއިރު، މަންމަގެ ފަހަތުން، ސާފުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދަރިފުޅާ ވާހަކަދެއްކިދާނެއެވެ.

ސިކުނޑީގެ ތަރައްޤީ

ދަރިންނަށް ކެއްކުމާ ބެހޭގޮތުން ދަސްކޮށްދިނުމުން އެކުދިންގެ ސިކުނޑީގެ ތަރައްޤީއާއި އުނގެނުމަށްވެސް އެހީތެރިވެދެއެވެ. މިސާލަކަށް، ކާބޯތަކެއްޗާއި ކާނާގެ މުހިންމުކަމާއި ބަދިގޭ ސާމާނާ ބެހޭގޮތުން ވާހަކަދައްކާއިރު އާ ބަސްތައް ތަޢާރަފުކުރެވޭތީ، ބަހުގެ ތަރައްޤީއަށް ޤުދުރަތީގޮތުން މަގުފަހިވެގެންދާނެއެވެ.

ދަރިފުޅު އެއްޗެހި އެއްކުރުމާއި، މިންކުރުމާއި، އެހެނިހެން ބަދިގޭ ސާމާނު ބޭނުންކުރުމުގައި އެހީތެރިވާއިރު، އެކުއްޖާގެ ކުދި ހަރަކާތްތަކުގެ ހުނަރުތައްވެސް ތަރައްޤީވާނެއެވެ.

ދަރިފުޅާއެކު ކާއެއްޗެހި ތައްޔާރުކުރާއިރު، ހިސާބާއި ސައިންސްގެ ބޭނުންވެސް ކުރެވެއެވެ. ތަކެތި އިތުރުކުރާއިރު ދަރިފުޅަށް ގުނުމާއި މިންކުރުމާއި ތަރުތީބުކުރުން ފަދަ ހިސާބުގެ ހުނަރުތައް ދަސްވާނެއެވެ. ކައްކާއިރު ކާނާ ބަދަލުވާގޮތާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކަމުންދާނަމަ ސައިންސްގެ ހުނަރުތައް އެކުއްޖާއަށް ދަސްވާނެއެވެ. މިސާލަކަށް، ފެން ކެކޭއިރު، ނޫޑުލްސް ކައްކާއިރު، ނުވަތަ ބަޓަރު ވިރޭއިރު ވާގޮތާ ބެހޭގޮތުން ދަރިފުޅާ ވާހަކަދައްކާށެވެ.

ޞިއްޙަތާއި ކާނާގެ މުހިންމުކަން
ރަނގަޅަށް ހެދިބޮޑުވުމަށާއި ތަރައްޤީވުމަށް ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅާއެކު ކައްކާއިރު، ކާނާގެ މުހިންމުކަމާ ބެހޭގޮތުން އެކުއްޖާއަށް ދަސްކޮށްދޭށެވެ. މޭވާއާއި، ތަރުކާރީއާއި، މުޅި ހަކުރުއެޅި ގޮދަން ފަދަ ޞިއްޙަތަށް ފައިދާހުރި ތަކެތީގެ ތެރޭގައި ހިމެނޭ މޭވާއާއި ތަރުކާރީގެ ނަންތަކާއި އެތަކެތި ކާނެ ގޮތް ދަސްކޮށްދޭށެވެ. ޞިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކޮށްގެން ކައްކާއިރު ދަރިފުޅު ބައިވެރިކުރާށެވެ. ޅަފަތުގައި ޞިއްޙަތަށް ފައިދާހުރި ކެއުމުގެ އާދަތައް ދަސްކޮށްދީފިނަމަ، ދަރިންނަށް މި އާދަތައް އަވަހަށް ދަސްވެ، ހެދިބޮޑުވަމުންދާއިރު މި އާދަތައް ދެމެހެއްޓުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ކެއްކުމުގެ ހުނަރުތައް
ބަދިގޭގައި ކުޑަކުދިންނަށް ދަސްވާނެ އެންމެ ފާޅުކަން ބޮޑު ހުނަރުތަކަކީ ކެއްކުމުގެ ހުނަރުތަކެވެ. ދަރިފުޅު ބަދިގެއަށް އަހުލުވެރިކުރުވަމުންދާއިރު، އެކުއްޖާއަށް ކެއްކުމުގެ މުހިންމު ބަސްތަކާއި، ކެއްކުމުގެ ޓިޕްސްތަކާއި، ކެއްކުމުގެ މަރުހަލާތައް ބަދަލުވެގެންދާ ގޮތް ކިޔައިދޭށެވެ. އެކުދިންނާ ގިނަގިނައިން ސުވާލުކޮށް އެކުދިން ގަޔާވާ މަޖާ ގޮތަކަށް ކުރިއަށް ގެންދެވިދާނެއެވެ. މިއީ އުމުރު ދުވަހަށް އެކުދިން ކުރާނެ ތަޖުރިބާއަކަށް ހެދިދާނެއެވެ. ކުޑައިރުން ފެށިގެން ބަދިގެއަށް ވަންނަ ކުއްޖަކު ބޮޑުވެގެން އެންމެ މޮޅު ޝެފުންގެ ތެރޭގައި ނުހިމެނޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟

ބަދިގޭގައި ދަރިން ބައިވެރިކުރެވޭނެ 10 ގޮތެއް

  1. ރެސިޕީ ހޮވުން – ރެސިޕީ ހޮވުމުގައި ދަރިފުޅުގެ ޚިޔާލު ހޯދާށެވެ. އެކަމުގައި އޭނާ ވެސް ބައިވެރިކުރާށެވެ. ޞިއްޙަތަށް ފައިދާހުރި ދެތިން ރެސިޕީއެއް ހޮވާފައި، އޭގެ ތެރެއިން ކޮން ރެސިޕީއެއްތޯ ހަދަން ބޭނުންވަނީ ދަރިފުޅާ އަހާށެވެ. އަދި ދަރިފުޅަށް ރެސިޕީ ފޮތްތަކުން ނުވަތަ ރެސިޕީ ކާޑުތަކުން އަމިއްލައަށް ކާއެއްޗެއް ހޯދަން ހިތްވަރުދޭށެވެ. ކުއްޖާއަށް އެ ނިންމުމުގައި ބައިވެރިވެވުނު ކަމުގެ އިހުސާސް ކުރެވިއްޖެނަމަ، އެ ކާއެއްޗެއް ކެއުމަށް އިތުރަށް ޝައުޤުވެރިވާނެއެވެ.
  2. ބާޒާރުކުރުން – ދަރިފުޅު ބާޒާރަށް ނުވަތަ ފިހާރަތަކަށް ގެންދާށެވެ. ހޮވާފައިވާ ރެސިޕީއަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ. ކާބޯތަކެތި ހޯދާއިރު، ބާޒާރު ލިސްޓުން އެ އައިޓަމުތައް ފާހަގަކުރަން ދަރިފުޅަށް އަންގާށެވެ.

  1. ބެލުން – ކައްކާއިރު އެ ހުރިހާ މަރުހަލާއްގައި ވެސް ކަންތައްތައް ކުރިއަށް ގެންދާ ގޮތް ބަލަން ދަރިފުޅަށް ފުރުބަތު ދޭށެވެ. އަދި ބަދިގޭގައި ސުވާލުކުރަން ހިތްވަރުދޭށެވެ. ކާއެއްޗެހި ތައްޔާރުކުރާއިރު، ތިބާ ކުރާ ކަންތައްތަކާއި އެކަންތައްތައް ކުރާ ސަބަބު ކިޔައިދޭށެވެ.
  2. ދޮވުން – ކާއެއްޗެއް ތައްޔާރުކުރާއިރު، މޭވާއާއި ތަރުކާރީ ފަދަ ތަކެތި ސިންކުން ދޮވުމަށް ދަރިފުޅަށް ބުނެދޭށެވެ. ކެއުމުގެ ކުރިން ކާބޯތަކެތި ސާފުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދަރިފުޅާ ވާހަކަދައްކާށެވެ. އަދި ދޮވުމުގެ މަސައްކަތް ޙިއްސުތަކުން އިޙްސާސްކުރެވޭ ތަޖުރިބާއަކަށް ހަދައި، ދަރިފުޅު ކާބޯތަކެއްޗަށް އަތްލާއިރު އޭގެ އޮމާންކަމާއި، ކުލަތަކާއި، ވަހާ ބެހޭގޮތުން ސުވާލުކުރާށެވެ.
  1. އެހީތެރިވުން – ކައްކާއިރު ތަކެތި ހިފައިގެން ގެނެސްދިނުމަށް ދަރިފުޅަށް އަންގާށެވެ. ދަރިފުޅު ތަކެތި ދިއްކޮށްލާއިރު އެ ތަކެތީގެ ނަން ކިޔައިދެވޭތޯ އަހާށެވެ. އެއް ބާވަތެއްގެ އެއްޗެއް ގިނައިން ގެނެސްދޭން އެދޭނަމަ އެ ތަކެތި ދޭއިރު ގުނަން ބުނާށެވެ.

  1. މިންކުރުން – ތަކެތި މިންކުރުމަކީ ކުޑަކުދިންނަށް ހިސާބާއި ނަންބަރުތައް ދަސްކޮށްދިނުމަށް ރަނގަޅު ގޮތެކެވެ. ރަނގަޅު ސައިޒުގެ މިންކުރާ ސާމާނު ހޯދުމަށް އިރުޝާދުދީ، ހެޔޮވަރު މިންވަރަށް ތަކެތި އަޅަން ދަރިފުޅަށް ދޭށެވެ. މިންކުރާއިރު ކުޑަކުދިންނާއެކު ގުނުމާ ބެހޭގޮތުން ވާހަކަދައްކާށެވެ.
  2. އެއްކުރުން – ބޭނުންވާ ހުރިހާ އެއްޗެއް ތަށްޓަށް އެޅުމަށްފަހު، ތަކެތި އެއްކޮށްލުމަށް ދަރިފުޅަށް ހިތްވަރުދޭށެވެ. މިއީ ކުޑަކުދިންނަށް ކުދި ހަރަކާތްތަކުގެ ހުނަރު ދަސްކުރުމަށް ރަނގަޅު މަސައްކަތެކެވެ. ސަމްސާ، ވިސްކް، އަދި ދޭފަތް ފަދަ އެކި ބާވަތުގެ އެއްކުރާ ސާމާނާ ބެހޭގޮތުން ދަރިފުޅާ ވާހަކަދައްކާށެވެ.
  3. ސާމާނާއި އާލާތްތައް ބޭނުންކުރުން – ދަރިފުޅަށް ކާއެއްޗެހި ތައްޔާރުކުރުމުގައި ބޭނުންކުރެވޭނެ އަމިއްލަ ސާމާނާއި އާލާތްތައް ހޯދައި ދޭށެވެ. ބޭނުމެއް ނެތް ނުވަތަ އިތުރު ސެޓެއް އޮތްނަމަ، މިއީ ކުޑަކުދިންނަށް މިނިވަންކަން ލިބޭކަމުގެ އިޙްސާސް ދިނުމަށް ރަނގަޅު ގޮތެކެވެ. މި އާލާތްތަކަކީ ކުޑަކުދިންނަށް ރައްކާތެރި އެއްޗެހިކަން ޔަޤީންކުރާށެވެ. ތޫނު އެއްޗެހި ބޭނުންނުކުރާށެވެ. ދަރިފުޅަށް އަމިއްލަ އޭޕްރަނަކާއި މިންކުރާ ތަށިތަކެއް ފަދަ ސާމާނު ހޯދައިދޭށެވެ.

9- މޭޒު ތައްޔާރުކުރުން – އާއިލާއާ އެއްކޮށް ކައިބޮއި ހަދަން އިށީނުމުގެ ކުރިން މޭޒު ތައްޔާރުކުރުމަށް ދަރިފުޅަށް ހިތްވަރުދޭށެވެ. ބޮޑެތި ކުދިންނަށް މޭޒު ތައްޔާރުކުރުމުގެ ރަނގަޅު އަދަބުތައް ދަސްކޮށްދީ، މޭޒުމަތީގައި ކޮންމެ ސާމާނެއް ބަހައްޓަންވީ ތަން ކިޔައިދޭށެވެ. އާއިލީ ކެއުން ތައްޔާރުކޮށް، އޭގެ ރަހަ ބަލައި ނިމުމުން، ސާފުކުރުމުގެ މަސައްކަތުގައި ދަރިފުޅު ބައިވެރިކުރާށެވެ. މިއީ ހަމައެކަނި ބަދިގޭގެ ހުނަރެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ހުނަރެކެވެ.

ކުދިންނަށް ކައްކަން ދަސްކޮށްދިނުމަކީ މޮޅު ކައްކާއަކަށް އެ ކުދިން ހެދުމެއް ނޫނެވެ. އެއީ މިނިވަންކަމާއި އުފެއްދުންތެރިކަމާއި އުމުރު ދުވަހަށް ދެމިގެންދާނެ ދުޅަހެޔޮ އާދަތަކަށް އެ ކުދިން ތަރުބިއްޔަތު ކުރުމެވެ. މީގެ ސަބަބުން އިޖްތިމާއީ ގުޅުމާއި އާއިލީ ބަދަހިކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ކެތްތެރިކަމާއި އިސްރާފު ނުކުރުން ފަދަ މާދަމާއަށް ދަސްކުރަން ޖެހޭ އެތައް ހުނަރެއް ދަރިންނަށް ދަސްވެގެންދާނެ ކަމެކެވެ. މިއީ ކޮންމެ ބެލެނިވެރިއަކު ވެސް ކުރަންޖެހޭ ކަމެކެވެ. މިހާރު މިކަން ނުކުރާނަމަ މިއަދު މިއީ އެކަން ކުރަން ފަށަންވީ ދުވަހެވެ. މިއަދު ބަދިގެއަށް ވައްދަންވީ ކުދިންނެވެ. އެހެނީ ބަދިގެއަކީ ކޮންމެ ގެއެއްގައި ވެސް ހުންނަ ހުނަރުން ފުރިފގައިވާ ކުލާސްރޫމެކެވެ. އެ ކުލާސްރޫމުން އުނގެނޭ އުނގެނުން ވަކި ކުޑައެއް ނޫނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *