ޓިއުޝަނަކާ ނުލައި ދާނިޝް ހޯދީ 10 މާއްދާއިން އޭ ސްޓަރ

އޭނާ އެދެނީ ދެ އަހަރު ދުވަހުގެ ކޯހެއްގެ ގޮތުގައި ދެކިގެން އޯލެވެލްއަށް މަސައްކަތް ކުރަން

އޯލެވެލްގައި 10 މާއްދާގައި ބައިވެރިވެ އެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދި މަދު ދަރިވަރުންގެ ތެރެއިން އެކަކަށް އިސްކަންދަރު ސްކޫލުގެ މުޙައްމަދު ދާނިޝް އިބްރާހިމް ނަޖުމީ ވާނެއެވެ. 2023-2024 ވަނަ ދިރާސީ އަހަރު އެ ސްކޫލުގައި އެނާ ކިޔެވީ ސައިންސް ސްޓްރީމެވެ. ބިޒްނަސް ސްޓްރީމުގައި ހިމެނޭ ބިޒްނަސް އާއި އެކައުންޓިންގ ކިޔެވީ އަމިއްލަ ގޮތުންނެވެ.

ދާނިޝްގެ އާއިލާގެ ތެރޭގައި ސާނަވީން ރަނގަޅު ނަތީޖާ ހޯދި ކުދިން ގިނައެވެ. އެ ހުރިހާ ކުދިން ވެސް އައީ ޒަމާންވީ އާއިލީ "ލެގަސީ"އެއް ދަމަހައްޓަމުންނެވެ. އެ އަޒުމުގައި މަސައްކަތް ފެށި ދާނިޝްއަށް އެންމެ ބޮޑު ޗެލަންޖަކަށް ދިމާވީ ދިވެހި މާއްދާއެވެ.

ދާނިޝްއަށް ފިލާވަޅު ދަސްކުރަން ފަސޭހައީ ކިޔުމުގެ ބަދަލުގައި ލިޔެގެންނެވެ. އަތުން ލިޔުމަކީ ވެސް އެނާއަށް ފަސޭހަ ކަމެއް ނޫނެވެ. ފިލާވަޅު ދަސްކުރަން އަތުން ލިޔުމުގެ ބަދަލުގައި އޭނާ ލިޔަނީ ގޫގުލް ޑޮކްސްގައެވެ. ކޮންމެ މާއްދާއަކަށް ވަކިން، ޓެކްސްޓްފޮތާއި މުދައްރިސުން ދޭ ނޯޓް ބަލައިގެން އޭނާގެ ކަމަކީ ޓައިޕް ކުރުމެވެ. ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރެއްހާއިރު އެކަމުގައި އޭނާ ވަގުތު ހޭދަކުރެއެވެ.

ގުރޭޑް 6ގައި ކިޔަވަމުން ދިޔައިރު، ދަތުރަކުދާން ވެގެން އެރި ޕިކަޕުން ވެއްޓި އޭނާގެ ކަނާއަތް ބިންދައިގެންދިޔައެވެ. އެ ލިބުނު އަނިޔާއިން ރަނގަޅުވި ނަމަވެސް ގިނައިރު އަތުން ލިޔުމަކީ ދާނިޝްއަށް ވޭނެކެވެ. އަތް ވާޅުވެ ލިޔަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެހެންވެ ދީފައި އޮންނަ ވަގުތަށް އިމްތިޙާނު ކަރުދާސް ނިންމުމަކީ އޭނާއަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ގިނައިރު އަތުން ލިޔަން ވަރަށް އުނދަގޫ. އިމްތިޙާނު ޕޭޕަރު ގަޑިއަށް ނިންމުމަކީ އަޅުގަނޑަށް އެންމެ ބޮޑު ގޮންޖެހުން. އަބަދުވެސް އިމްތިޙާނު ކަރުދާސް ނުނިމިދާނެ ކަމުގެ ބިރު އޮވޭ. އެހެންވެ އިމްތިހާނުތަކަށް ތައްޔާރުވާއިރު އަވަހަށް ލިޔަން ފަރިތަކުރަން ވެސް ޖެހުނު. އޯލެވެލްގައި ވެސް އެކައުންޓް ޕޭޕަރު އެއް މިނެޓް އޮއްވާ ނިންމާލެވުނީ" ލިޔުމުގައި ދާނިޝްއަށް އޮތް އުނދަގޫ ކުޑައެއް ނޫނެވެ.

އިސްކަންދަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދާނިޝް ޕްރިންސިޕަލް އިނާމް ހަވާލުކޮށްދެއްވަނީ
އެއްވަނަ ހޯދުމުގެ ޗެލަންޖަކީ ދިވެހި މާއްދާ

"ގުރޭޑް 7ގައި އެންމެ ފުރަތަމަ ނެގި ދިވެހި ޔުނިޓް ޓެސްޓް މަތިން މިހާރުވެސް ހަނދާން ހުރޭ. 15 މާކްސް ލިބޭ، އެ ޓެސްޓުން ލިބުނީ އެންމެ 4 މާކްސް. އެހާ ދަށުން ލިބުނީ. މުދައްރިސް ބޭނުންނުވި އެހާ ދަށުން ލިބުނީމާ ޕޭޕަރު ދޭކަށް ވެސް" ދިވެހި މާއްދާގެ އެންމެ ކުރީގެ ހަނދާން ތަކުގެ ތެރެއަށް ދާނިޝް ދިޔައެވެ.

އޭރުއްސުރެ ދާނިޝްއަށް ދިވެހި މާއްދާއިން އިތުރު އެހީ ދެއްވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ދިވެހި މުދައްރިސް ނާޝިދު ސަރއެވެ. އަމިއްލައަށް އިސްނަންގަވައިގެން ގުރޭޑް 10 ނިމެންދެން، އެ މުދައްރިސުގެ އަޅާލުމާއި އެހީތެރިކަން އޭނާއަށް އިންތިހާއަށް ލިބުނެވެ. އެއްވެސް އުޖޫރައެއް ނެތި ހިލޭ ސާބަހަށް އޭނާއަށް އެހީތެރިވެ، އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް ގެނައުމުގައި މުހިންމު ރޯލެއް އަދާކުރެއްވިއެވެ.

"މުދައްރިސަކަށްވުރެ ބޮޑަށް ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވީ. ދިވެހި މާއްދާއަށް އަޅުގަނޑު ތައްޔާރުކޮށްދީ ނަތީޖާ ހޯދައިދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކޮށްދެއްވި"

ދާނީޝް އޭނާގެ ކާމިޔާބީގެ ދަތުރުގެ ވާހަކަ ދަރިވަރުނޫހާ ހިއްސާކުރަނީ- ފޮޓޯ: ދަރިވަރު

ދާނިޝް ބުނީ، ދިވެހިން ރަނގަޅު ނަތީޖާއެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދިވެހިން އޭ ސްޓަރއެއް ނުލިބިގެން އޯލެވެލްއިން އެއްވަނައަށް ނުދެވުމުގެ ބިރު އަބަދުވެސް ހިތުގައި އޮންނަ ކަމަށެވެ.

އޯލެވެލްގެ ނަތީޖާ ދޫކުރި ދުވަހުގެ ހެނދުނު ދާނިޝް ސްކޫލަށް ދިޔައީ ލީވިންގ ސެޓްފިކެޓް ބަލައެވެ. އެ ހިފައިގެން ސްކޫލުން ނުކުތްއިރު ވެސް ދިމާވި އެއްވެސް މުދައްރިސެއްގެ މޫނުމަތިން ތަފާތު ކަމެއް އޭނާއަށް އިހުސާސެއް ނުކުރެވެއެވެ. ސްކޫލުގެ ދޮރާށިން ނުކުންނަނިކޮށް ދިވެހި މުދައްރިސް އެނާއަށް ގުޅުއްވިއެވެ.

"އަލްހަމްދުލިﷲ އޭ ސްޓަރއޭ" އެ އުފާވެރި ޚަބަރާއެކު، އިސްކަންދަރު ސްކޫލުން ފެށިގެން ގެއާ ހަމައަށް ދަންދެން ދާނިޝް ކިޔަމުން ގެންދިޔައީ އަލްހަމްދުލިﷲ، އަލްހަމްދުލިﷲ އެވެ.

ދިވެހިން އޭ ސްޓަރ ލިބުމުން ދާނިޝްއަށް އެހެން ހުރިހާ މާއްދާތަކުން ވެސް އޭ ސްޓަރ ލިބޭނެ ކަމުގެ އުއްމީދު އާވިއެވެ.

"ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބެމުން އައިއިރު ވެސް ދިވެހިން ލިބެމުން އައީ އެންމެ މަތިންވެސް ސީއެއް. ނަސީބަކުން އެއްވެސް ފަހަރަކު ފެއިލްއެއް ނުވޭ" ދިވެހިން އޭ ސްޓަރ ލިބުމަކީ ދާނިޝްއަށް ބޮޑު ހައިރާން ކަމެކެވެ.

ދާނިޝްބުނި ގޮތުގައި، އޯލެވެލްއިން އެއްވަނަ ހޯދަން ބޭނުންވާ ގިނަ ދަރިވަރުންނަށް އެންމެ އުނދަގޫ މާއްދާއަކީ ވެސް ދިވެއްސެވެ. އޭނާ ދެކޭގޮތުގައި ދިވެހި މާއްދާގެ އިމްތިޙާނު ކަރުދާސް ހަދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ އެ ކަރުދާހުގެ އޮނިގަނޑަށެވެ. ކޮންމެ ކުއްޖަކަށް ވެސް އޮނިގަނޑު ވަރަށް ސާފުވެފައި އޮންނަންޖެހޭނެއެވެ.

"އިމްތިހާނު ކަރުދާސް ފަށާއިރު ފުރަތަމަ ހަދާނީ ކޮންބައެއްތޯ. އެންމެ ފަސޭހައީ ކޮންބައެއްތޯ. ފަސޭހަ ބައިތައް އަވަހަށް ނިންމާލާފާއި އުނދަގޫ ބައިތަކަށް ވަގުތު ހުސްކުރުން އެންމެ ރަނގަޅީ. ދިވެހި އިމްތިހާނު ކަރުދާހަށް ފަރިތަވުމަކީ ވެސް ވަރަށް މުހިންމު ކަމެއް" ދާނިޝް ބުންޏެވެ.

ބިޒްނަސްއާއި އެކައުންޓިންގ ކިޔެވީ ގޮތް ބަލާލަން

ގުރޭޑް 7އާއި 8ގައި ސައިންސް މާއްދާތަކާއި ބިޒްނަސް މާއްދާތައް ކިޔެވިއިރު، ބިޒްނަސް މާއްދާ ކިޔަވައިދެއްވި މުދައްރިސުން ބޭނުންވީ އެ ދާއިރާއިން އޭނާ ކުރިއަށް ދާށެވެ. ނަމަވެސް މަންމައަކީ ޑޮކްޓަރަކަށް ވާތީ ދާނިޝްގެ މުސްތަގުބަލުގެ ޗާޓް އޭނާ ކުރެހީ ޑޮކްޓަރަކަށް ވުމުގެ ނިޔަތުގައެވެ. އެހެންވެ އޭނާ އިޚްތިޔާރު ކުރީ ސައިންސް ސްޓްރީމެވެ. ނަމަވެސް މޮކް އެގްޒާމަށް ދެ މަސް އޮތްވައި ވާގޮތެއް ބަލާލުމުގެ ބޭނުމުގައި ބިޒްނަސްއާއި އެކައުންޓިންގ މާއްދާއިން ޓިއުޝަން ނަގަންފެށިއެވެ. އެ ދެ މާއްދާއިން ވެސް އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ބޭނުމުގައެވެ.

އިއްތިފާގުން އެ ދެ މާއްދާ ކިޔަވައިދެއްވީ ވެސް ވަރަށް ރަނގަޅު ދެ މުދައްރިސުންނެވެ. ހަ މަސްދުވަހުގެ ތެރޭގައި ދެ އަހަރު ދުވަހުގެ ސިލަބަސް ނިންމައި އޯލެވެލްއަށް އެ ދެ މާއްދާއިން ތައްޔާރުކޮށްދިނެވެ.

އާންމުކޮށް އެ ދެ މާއްދާ ކިޔަވައިދެނީ ހަފްތާއަކު ތިން ދުވަހު ގަޑިއެއްހާއިރަށެވެ. ނަމަވެސް ވަގުތު އިތުރުކޮށް ދެ ގަޑިއިރަށްދާ ދުވަސް ވެސް އާދެއެވެ.

"ފަހުމުވާ ގޮތަށް ވަރަށް ރަނަގަޅަށް ކިޔައިވައިދެއްވީ. އޭގެ ސަބަބުން އެ ދެ މާއްދާއިން ކުރިއަށް ދާން ވަރަށް ފަސޭހަވި" ދާނިޝް ބުންޏެވެ.

ބިޒްނަސްއާ ޚިލާފަށް އެކައުންޓިންގައި ޕާސްޓް ޕޭޕަރު ގިނައިން ހަދަންޖެހެއެވެ. ފުރަތަމަ ފެށިއިރު 1ގަޑިއިރުގެ ކަރުދާހަކަށް 2ގަޑިއިރު ނެގިއެވެ. އެހާވެސް ލަހެވެ. ހިތްވަރުކޮށްފައި ޕްރެކްޓިސް އިތުރުކުރަމުން ގޮސް އެންމެ ފަހުން 1:15 މިނެޓުން ހަދަން ޖެހޭ ޕޭޕަރު 20 މިނެޓްތެރޭގައި ނިންމާލެވުނެވެ.

ބައްޕަގެ ފޯންކޯލް، ކުއްލި ސިހުމެއް. ސިކުނޑި ސުމަކަށް

ދިވެހިން އޭ ސްޓަރ ލިބުމުން އުފާވެފައި ހުރި ދާނިޝް ގޭގައި އިނދެ ވަގުތު ގުނަމުން ދިޔައީ އެ ދުވަހު 2 ޖަހާއިރު ދޫކުރަން ފަށާނެ އޯލެވެލްގެ ނަތީޖާއަށެވެ. ނަތީޖާގެ އިންތިޒާރުގައި އިންދާ އޭނާގެ ބައްޕަ ގުޅިއެވެ. ބައްޕަ ގުޅާފައި ބުނީ "ރައްޓެއްސަކު ބުންޏޭ ދާނިޝްއަށް އޭ ސްޓަރ އޭ ލިބުނީ، އެންމެ އެއްޗެއް ފިޔަވައި. އެއިން ސީއޭ" ބައްޕަގެ އެ ޖުމްލައިން ދާނިޝްގެ ބޮލުގައި ގަދައަށް ރިއްސާލިއެވެ. ވަގުތުން އަހާލިއެވެ.

"ކޮން މާއްދާއަކުން" އެ ސުވާލު ދާނިޝްއަށް ކުރެވުނީ ބޭއިޙްތިޔާރުގައެވެ.

"ޝާހިދު ސަރ ކިޔަވައިދޭ މާއްދާ" ބައްޕަ އެހެން ބުނުމުން ދާނިޝްއަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބުނެވެ.

އޯލެވެލް ނިންމާފައި ދާނިޝް ދިޔައީ ކުދިންތަކަކަށް އެކައުންޓިންގ އާއި ބިޒްނަސްއިން ޓިއުޝަން ދެމުންނެވެ. އެވަގުތު އޭނާގެ ހިތަށް އެރީ، "އޯލެވެލްގެ އެކައުންޓިންގ އިން ސީއެއް ލިބިގެން ކުދިންނަށް ޓިއުޝަން ދެމުންނޭ މިދަނީ، އެކުދިންނަށް މާރަނަގަޅު މުދައްރިސުން ކައިރިން ޓިއުޝަން ނެގޭނެއޭ" ދާނިޝްގެ ޚިޔާލުތައް އެ ވަގުތު އޭނާގޮސްލީ އުނދަގޫ ހާލަތަކަށެވެ.

2023-2024 ވަނަ އަހަރު އޯލެވެލް އިމްތިޙާނުން އެއްވަނަ ހޯދި އިސްކަންދަރު ސްކޫލުގެ ހަ ދަރިވަރުން. މި ހަ ދަރިވަރުންގެ ތެރޭގައި ދާނިޝް (ކ) ހިމެނޭ.

"އޯލެވެލްއިން ސީއެއް ލިބިގެން އޯލެވެލްގެ ކުދިންތަކަކަށް އެކައުންޓިން ކިޔަވައި މި ދެވެނީ. އެހެން ހިތަށް އަރާފައ ވަރަށް ދެރަވި. އެހާމެ ލަދުވެސް ގަތް" ދާނިޝްއަށް ކުރެވުނީ ތަފާތު ޚިޔާލުތަކެކެވެ.

އެދުވަހު މެންދުރު 2ޖެހުމާ އެކު އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ. ނަތީޖާ ބަލާ އެންމެ ކުރިން ދިޔަ ކުދިންގެ ތެރޭގައި ދާނިޝް ހިމެނެއެވެ. ކުދިން ތަރުތީބުން އޭނާ ވެސް ހުރީ ސަފުގައެވެ. އެތަނުގައި ހުއްޓާ ސްކޫލުން ކަރަންޓް ވެސް ދިޔައެވެ. ކަންބޮޑުވެ ހާސްވެފައި ހުރި ދާނިޝްއަށް ވަމުންދިޔަ ހޫނު އިތުރުވިއެވެ. މުޅިތަން ވެސް އޮތީ ހަލަބޮލިކޮށެވެ. ފަހަރަކު ކުއްޖަކު ގޮސް ނަތީޖާ ހިފައިން ދަނީއެވެ. ދާނިޝްއާ ޖެހުނީމާ އިން ގޮނޑިން ތެދުވެގެން ގޮސް ނަތީޖާ ދޫކުރާ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީދެއްޖެއެވެ. އޭރު އިސްލާމް ޓީޗަރާއި ދިވެހި މުދައްރިސް އެތަނުގައި ތިއްބެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އޭނާގެ އަތަށް ސިޓީއުރަ ދިއްކޮށްލީމާ އެ ނަގައި ހުޅުވާލިއެވެ. ހުރިހާ އެއްޗަކުން އޭ ސްޓަރއެވެ.

ދާނިޝް ބައްޕައާއި ކޮއްކޮއާއެކު: އާއިލާގެ އެހީތެރިކަން އަބަދުވެސް އޭނާއަށް ލިބޭ

"އޭރު ނޭނގުނު ކޮން އިމޯޝަނެއް ކަމެއް ދައްކަންވީކީ. އުފާވާންވީ ކަމެއް ނޫނީ ދެރަވާންވީ ކަމެއް" އެމަންޒަރު ބަލަން ތިބި ދިވެހި މިސްއާއި އިސްލާމް މިސްއަށް ވެސް މޫނުމަތިން ފެނުނީ ހައިރާންކެމެވެ.

"ހުރިހާ އެއްޗަކުން އޭ ސްޓަރ ނުލިބޭނެ ކަމަށް ނިންމައިގެން ހުއްޓާ އޭ ސްޓަރ ލިބުނީމާ އެ ވަގުތު އުނދަގޫވި ޤަބޫލުކުރަން. ހައިރާންވެފައި ހުރެވުނީ" ދާނިޝް ކިޔައިދިނެވެ.

ނަތީޖާ ހިފައިގެން އެތަނުން ނުކުތްތަނާ މުދައްރިސުން އައިސް އޭނާގެ ގައިގައި ބައްދައިގަތެވެ. އެމީހުންނަށް ވެސް ލިބުނީ ބޮޑު އުފަލެކެވެ. އިސްކަންދަރުން ކިޔެވި ދަރިވަރަކު 10 މާއްދާއަކުން މިހާތަނަށް އޭ ސްޓަރ ހޯދާފައެއް ނުވެއެވެ. ދާނިޝްއަށް ހަޤީޤި އުފާ ލިބެންފެށީ އެ ހިސާބުންނެވެ.

އޯލެވެލް ބަލަންވީ ދެ އަހަރުގެ ކޯހެއް ގޮތަށް، ނުދާންވީ ސިލަބަހުން ބޭރަށް

ދާނިޝް ދެކޭގޮތުގައި އޯލެވެލްއަށް ތައްޔާރުވާއިރު އެންމެ މުހިންމު އެއްޗަކީ ކޮންމެ މާއްދާއެއްގެ ވެސް "ޓެކްސްޓް" ފޮތެވެ. އެއީ ކިޔަވާ ކޮންމެ ކުއްޖެއްގެ އެންމެ ބޮޑު ޚަޒާނާއެވެ. އެއަށް ނުބަލައި އެކިތަންތަނުން "އެކްސްޓަރނަލް ރިސޯސް"ތައް ހޯދައި އެއަށް މާބޮޑަށް ބަރޯސާވުމުން ގިނަ ދަރިވަރުންނަށް ނަތިޖާ ހޯދުމުގައި އުނދަގޫތަކެއް ދިމާވެއެވެ.

އިސްކަންދަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާއަށްފަހު ދާނިޝް އޭނާގެ މަންމައާއެކު

"ޓެކްސްޓް ފޮތުގައި މި އޮންނަނީ ހުރިހާއެއްޗެއް. ޓެކްސްޓް ފޮތުގައި ހުންނަ ފިލާވަޅާ ގުޅޭ މުހިންމު ބަސްތައް މިހުންނަނީ މާކްސް ސްކީމްތަކުގައި ވެސް. އެކަމަކު ބައެއް ފަހަރު ބައެއް ކުދިންނަށްވާ ގޮތަކީ ސިލަބަހަށް ނުބަލައި ކިޔަވަން ހަދައިގެން އެއިން ބޭރަށް ދެވެނީ" ދާނިޝް ބުންޏެވެ.

ދާނިޝް ބުނި ގޮތުގައި، ކޮންމެ ދަރިވަރަކު ވެސް ބަލަންވީ ގުރޭޑް 1ން 8 އެއީ ކޮންމެ ކުއްޖަކަށް ވެސް ލިބެން ޖެހޭ ފައުންޑޭޝަނެއްގެ ގޮތުގައެވެ. ގުރޭޑް 9އާއި 10 އަކީ ކެމްބްރިޖުން ދޭ، ދެ އަހަރު ދުވަހުގެ ކޯހެއްގެ ގޮތުގައެވެ. އެގޮތަށް ބަލައިގެން އެ "މައިންޑް ސެޓް"ގައި ކުރިއަށް ދާނަމަ ކާމިޔާބު ހޯދަން މިހާރަށްވުރެ ފަސޭހަވާނެއެވެ. އޭރުން އޯލެވެލް ނިންމާފައި އޭލެވެލްދާއިރު ދެ ސިލަބަހުގައި ހުންނަ ތަފާތާއެކު ވެސް އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދޭނެއެވެ.

ވަގުތު ބެލެންސް ކުރުން މުހިންމު

ކިޔެވުމަށް އިސްކަން ދިން ނަމަވެސް ކުޅިވަރާއި އިތުރުހަރަކާތުގެ ތެރޭގައި ވެސް ދާނިޝް އުޅުނެވެ. ގުރޭޑް 9ގައި އެއީ އުތީމު ހައުސްގެ ކެޕްޓަނެވެ. ގުރޭޑް 10އާ ހަމައަށް ކެޕްޓަނަކަށް ވުމުގެ ޝައުޤު އޭނާގެ ގޮތެވެ. ނަމަވެސް ހައުސް ކެޕްޓަން ކަމުގެ ތަޖުރިބާއަށް ބަލައި އޭނާ ބޭނުންވީ ގޭމްސް ކެޕްޓަން ކަމެވެ. އިތުރު ހަރަކާތްތައް ހިންގުމުގައި ކެޕްޓަނަށްވުރެ ގޭމްސް ކެޕްޓަންގެ ޒިންމާ، އޭނާއަށް މާ ކަމުދެއެވެ. އެހެންވެ ކުރިމަތިލީ ވެސް ގޭމްސްކެޕްޓަން ކަމަށެވެ. އޭނާ ހޮވުނީ ވެސް އެ މަޤާމަށެވެ. ދާނިޝްއަކީ އިސްކަންދަރުގެ ބޭންޑުގައި ވެސް މުހިންމު ބައިވެރިއެކެވެ. އަދި ފެތުމުން ގިނަ ކާމިޔާބީތަކެއް ސްކޫލަށް ހޯދައިދިނުމުގައި ވެސް އެންމެ މުހިންމު ބައިވެރިއެކެވެ.

އިތުރު ހަރަކާތްތަކާއި ކުޅިވަރުގައި އުޅޭއިރު، ދާނިޝް ވަކި ހަމައެއް ގެންގުޅުނެވެ.

"ކިޔެވުމާއި އިތުރު ހަރަކާތް ޖެހޭނީ ބެލެންސް ކުރަން. އަޅުގަނޑަށް ފެނުނީ މިވެނި ހަރަކާތެއްގައި އުޅެގެން ކިޔެވުން ކޮމްޕްރޮމައިސް ކުރަންޖެހިދާނެއޭ. އެހެން ހީވެއްޖެނަމަ ހަރަކާތެއްގައި ބައިވެރިނުވަން" ދާނިޝް އިސްކަންދިނީ ކިޔެވުމަށެވެ.

ދާނިޝް ބުނީ، އިސްކަންދަރު ސްކޫލުން ކިޔެވި އަށް މާއްދާއިން އޭ ސްޓަރ ހޯދުނީ އެ ސްކޫލުގެ މުދައްރިސުން ކޮށްދެއްވި ބުރަ މަސައްކަތުންނެވެ. ޓިއުޝަނަކަށް ނުގޮސް ކާމިޔާބު ހޯދުނީ އެ މުދައްރިސުން ކިޔަވައިދެއްވި ގޮތުންނާއި ރަނގަޅު ނަތީޖާއަކަށް އެދިގެން ކޮށްދެއްވި މަސައްކަތުންނެވެ. އެ ހުރިހާ މުދައްރިސުންނަށް އޭނާގެ ހިތުގައި އޮތީ އިޚްލާސްތެރި ޝުކުރެކެވެ.

"ޓިއުޝަނެއް ނެތި އޭ ސްޓަރ ހޯދުނީ އިސްކަންދަރުގެ މުދައްރިސުން ކޮށްދެއްވި މަސައްކަތުން. ސުވާލު އުފެދޭ ކަންތައްތަކާއި އިތުރަށް އޮޅުންފިލުވަން ޖެހޭ ކަންތައްތައް ކިޔައިދެއްވީ ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމުގެ އެ އަޒުމް އެ މުދައްރިސުންގެ ހިތުގައި އޮންނާތީ"

ދާނިޝް ބުނީ، އޭނާގެ ހުރިހާ ކަމެއްގައި ވެސް އަބަދުވެސް އެންމެ ކައިރީގައި ތިބެނީ މައިންބަފައިން ކަމަށެވެ. ކިޔެވުމުގައި ގުޅޭ ކޮންމެ އެއްޗެއް ވެސް ހޯދައިދިނުމަށް މައިންބަފައިން ފަސްނުޖެހޭނެ ކަމަށާއި އެއާއެކު ނަތީޖާ ނެރެން ބާރުއަޅަމުން ވެސް ގެންދިޔަ ކަމަށެވެ.

"މަންމައާއި ބައްޕަ އަބަދުވެސް ވަރަށް ސަޕޯޓިވްވާނެ. ނަތީޖާ ނެރުމަށް ހިތްވަރުދޭނެ. އިމްތިޙާނަށް ފިލާވަޅު ދަސްކުރަން ބައެއް ރޭރޭ އިންނައިރު މަންމަ އިންނާނެ ކައިރީގައި، އެކަހަލަ ރޭރޭ އެކަނި ކިޔަވަން ދޫކޮށްނުލާނެ" ދާނިޝް ބުންޏެވެ.

ދާނިޝްއަށް ކިޔެވުމާއިގެން ކުރިއަށް ދިއުމަށް އާއިލާގެ ސަޕޯޓްވެސް ލިބުނެވެ.

"އެ ހުރިހާ އެންމެންގެ ފަރާތުން ލިބުނު ސަޕޯޓާއެކު މިފަދަ ނަތީޖާއެއް މި ނެރެވުނީ" ވީއައިއެޗްއެސްއިން މަތީ ސާނަވީއަށް ކިޔަވަމުން ގެންދާ ދާނިޝް ބުންޏެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *