މުލަކު ކައުންސިލުން އެރަށު ސްކޫލުގެ ކޫލާސް ރޫމްތައް އޭސީކޮށްދީފި

މ. މުލަކު ކައުންސިލުން އިސްނަގައިގެން އެރަށު ސްކޫލުގެ ކުލާސް ރޫމްތައް އޭސީ ކޮށްދީފިއެވެ. މިހާރު އެ ސްކޫލަކީ "ކޫލް ސްކޫލް"އެކެވެ.

މުލަކު ސްކޫލުގައި ކިޔަވައިދެމުން ގެންދާ 12 ކުލާސްރޫމުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މުލަކު ކައުންސިލުން ފެށީ މިދިޔަ އަހަރުއެވެ. އެ މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ ކަރަންޓް ވިއުގައަށް ބޮޑު ބަދަލެއް ގެންނަން ޖެހުމުން ކަމަށް ކައުންސިލުން ބުނެއެވެ.

މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލު ދަރިވަރު ނޫހަށް ވިދާޅުވީ، އެރަށު ސްކޫލުގެ ކުލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ފެށީ ކައުންސިލުގެ އިސްނެގުމުގެ މަތިން އެކަމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ހިމަނައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އިހުސާސްކުރެވޭ ދެ ދަންފަޅިއަށް ކުދިން ކިޔަވަމުންދާއިރު ޚާއްޞަކޮށް މެންދުރު ދަންފަޅީގެ ދަރިވަރުން ހޫނުވުމުގެ ސަބަބުން އުފުލަމުންދާ ވޭން. އެކަމަށް ހައްލެއް ހޯދަން ކައުންސިލުގައި މަޝްވަރާކޮށްގެން، އޭސީ ހަރުކޮށް އެކަމަށް ހައްލެއް ހޯދައި މި ދިނީ" ޖަމާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭސީ ހަރުކޮށް ނިންމާލެވުނުއިރު 3ލައްކައާ ކައިރިކުރާ އަދަދަކަށް ޚަރުދުވެފައިވާ ކަމަށެވެ. ކޮންމެ އަހަރަކުވެސް ކައުންސިލުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމަށް ކަމަށާއި ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ އަހަރަކުވެސް އިނާމްވެސް އެ ކައުންސިލުން ދޭ ކަމަށެވެ.

މުލަކު ސްކޫލުގައި 350 އާ ކައިރިކުރާ އަދަދަކަށް ކުދިން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *