ދިވެހި މުދައްރިސް މުޙައްމަދު ވަޖީހަށް އެޗްއެސްސީ ދިވެހި މާއްދާއިން %100 އިނާމާއި އޭ ލެވެލްގެ ބެސްޓް އޯވަރޯލް ޓީޗަރުގެ އިނާމު އަޙްމަދިއްޔާ ސްކޫލުން އަރުވައިފިއެވެ.
މި ދެ އިނާމު އޭނާއަށް އެ ސްކޫލުން އެރުވީ، އޭ ލެވެލް 3 ކުލާހުގައި ކިޔަވައިދެއްވި 92 ދަރިވަރުން ދިވެހި މާއްދާއިން ފާސްވުމުންނެވެ. މީގެ ކުރިން %100 އިނާމު، ސާނަވީ ކުދިންނަށް ކިޔަވައިދެއްވައިގެން އެތައް ފަހަރަކު އޭނާ ހޯއްދަވާފައިވެއެވެ. ކިޔަވައިދެއްވި ހުރިހާ ދަރިވަރުން ފާސްވުމާއެކު އެންމެ ބެސްޓް ޓީޗަރުގެ އިނާމު މަތީ ސާނަވީން ލިބިވަޑައިގެންނެވީ ފުރަތަމަ ފަހަރަށެވެ.
ވަޖީހު، ދަރިވަރު ނޫހަށް ވިދާޅުވީ މިއީ ކިޔަވައިދެއްވުމުގައި އޭނާ ހޭދަކުރެއްވި 34 އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އަޙްމަދިއްޔާއަށް ވެސް ދިވެހި މާއްދާއިން އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ މިދިޔަ އަހަރު ކަމަށެވެ.

"މިއީ އަޙްމަދިއްޔާއަށް، އަޅުގަނޑަށް ހޯދައި ދެވުނު އެންމެ ރަނގަޅު ނަތީޖާ" ދަރިވަރު ނޫހަށް ވަޖީހު ވިދާޅުވިއެވެ.
މަތީ ސާނަވީގައި ވަޖީހު ކިޔަވައިދެއްވި 92 ދަރިވަރުން އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވެ 46 ދަރިވަރުން އޭ އާއި އޭސްޓަރ ހޯދިއެވެ. 29 ދަރިވަރުންނަށް ބީ އަދި 17 ދަރިވަރުންނަށް ސީ ލިބިފައިވެއެވެ.
ދިވެހި ބަހުގެ މުޝީރު އަބްދުﷲ ޞާދިޤުގެ އިރުޝާދާއި އެހީތެރިކަމާއެކު ވަޖީހު ކިޔަވައިދެއްވަން ފެއްޓެވީ އީޕީއެސް ސްކޫލުގައެވެ. އެ ސްކޫލުގައި 17 އަހަރު ކިޔަވައިދެއްވުމަށްފަހު އަޙްމަދިއްޔާއާ ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ.

ވަޖީހު ވިދާޅުވީ، ދަރިވަރުންނަށް ދިވެހި ކިޔަވައި ދެއްވުމުގައި ޒަމާނީ ގޮތްތައް ބޭނުން ކުރަންޖެހޭ ކަމަށާއި ކިޔަވައިދެއްވުމުގައި ޗޯކް ބޯޑެއް، ވައިޓް ބޯޑެއް ބޭނުން ނުކުރައްވާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ، ކިޔަވައި ދޭން އަބަދުވެސް މަސައްކަތް ކުރައްވަނީ ގިނަ ދަރިވަރުންގެ ޝައުޤުވެރިކަން ނުގެއްލޭނެ ގޮތަށް ބަލައިގެން ދަރިވަރުންނާ ގުޅިގެން ކަމަށެވެ.
ވަޖީހު ވިދާޅުވީ، ގުރޭޑް 10އާ ހަމައަށް އަންނައިރު ދިވެހި މާއްދާއިން ކުދިންގެ މެދުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުންނަ ކަމަށާއި ދަށްކުދިންނަށް އިތުރުގަޑި ނަގައިދީގެން އެކުދިން ރަނގަޅު ނަތީޖާއާ ހަމައަށް ގެންދެވޭނެ ކަމަށެވެ.
"އަޙްމަދިއްޔާއިން ކިޔަވާ ކުއްޖަކަށް އިތުރު ޓިއުޝަނެއް ނެތި ވެސް ރަނގަޅު ނަތިޖާއެއް ދިވެހި މާއްދާއިން ހޯދޭނެ. އިތުރުކުލާސްތައް ބާއްވައިދީގެން ބޭނުންވާ ފެންވަރަށް ގެންދަން އަބަދުވެސް އަޙްމަދިއްޔާއިން މަސައްކަތް ކުރޭ. ގިނަ ފަހަރަށް ފެއިލްވެގެން ދަނީ ދަރިވަރު ކުރަންޖެހޭ މަސައްކަތް ނުކުރާތީ" ވަޖީހު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ކިޔަވައިދެއްވުމުގެ ރޮނގުން ވަޖީހަށް، އާންމު ޚިދުމަތުގެ ގައުމީ އިނާމް 2023 ވަނަ އަހަރު ލިބިފައިވެއެވެ. މިއިނާމު އަޙްމަދިއްޔާގެ ޓީޗަރަކަށް މިހާތަނަށް ލިބިފައިވަނީ ހަމަ އެކަނި ވަޖީހަށެވެ.
advertisment
ހިޔާލު