އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން 1ވަނަ އައިޝަތު އިންޝާ އިމްރާނާއި ނުހާ ރިޟްވާން ހޯދައިފިއެވެ.
އިންޝާ އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ނުހާ އެއްވަނައަށް ދިޔައީ ސާނަވީންނެވެ.

2700 ދަރިވަރުން ކިޔަވަމުންދާ އަޙްމަދިއްޔާ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި، ސާނަވީން އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

2024 ވަނަ ދިރާސީ އަހަރު ސާނަވީން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާލާ އަބްދުއް ސައްތާރެވެ. ތިންވަނަ ހޯދީ ޚަދީޖާ ހަޔާ ހާޝިމެވެ.
2ވަނަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވައި، މަތީ ސާނަވީން އެންމެމޮޅު ދަރިވަރުންނަށް އިނާމު ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒިރު ޢަލީ އިޙްސާނެވެ.
މަތީ ސާނަވީން ދެވަނަ ހޯދީ އަނާ އަބްދުއް ސައްތާރެވެ. ތިންވަނަ ހޯދީ އައިޝަތު މިޝްކާ ނާސިރެވެ.
މަތީ ސާނަވީން އެއްވަނަ ހޯދި ނުހާ، އޭލެވެލް އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ.
އަހްމަދިއްޔާއިން އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 95.93 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވެއެވެ. އަދި ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ 64 ދަރިވަރުން ހިމެނިފައިވެއެވެ.
މަތީ ސާނަވީ އިމްތިޙާނުގައި. އެ ސްކޫލުގެ 296 ދަރިވަރުން ބައިވެރިވެ 53 ދަރިވަރުން ޤައުމީ ގަދަ 10 އެއްގައި ހިމެނި، 12 ދަރިވަރުންނަށް ހައި އެޗީވަރސް ސްކޮލަރޝިޕް ލިބިފައިވެއެވެ.


advertisment
ހިޔާލު