ރާއްޖެ އާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމު ދިވެއްސަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކިޔަވައިކުދިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ސާޖިދާ ވިދާޅުވީ، އުނގެނުމުގެ ދަތުރަކީ ނިމުމެއް ނެތް ދަތުރެއް ކަމަށާއި ދުރަށްދާ ވަރަކަށް ދަރިވަރުންނަށް އެނގޭނެ ކަމަށެވެ. އަދި ވިދާޅުވީ އިލްމުގެ ކަނޑު ވަރަށް ފުން ކަމަށާއި އެ ކަނޑުން މުތް ހޯދުމަށް ހުރިހާ ކުދިން ވެސް މަސައްކަތްކުރަން ވާނެ ކަމަށެވެ.
"ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ އިސްލާމް ދީނަށް ކަމޭހިތުމާއި ގައުމަށް ވަފާތެރިވުން މުހިއްމު. އަހުލާގު ރަނގަޅު ހީވާގި އަދި ރާއްޖެ އާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމު ދިވެއްސަކަށްވުން މުހިއްމު" ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، އެކަންކަމަށް ފަރުވާތެރިވެއްޖެ ނަމަ ދެ ދުނިޔެ ވެސް ބާއްޖަވެރިވާނެ ކަމަށާއި އެ ކަމަށް ސަމާލުވެއްޖެ ނަމަ މިނިވަން ބައެއްގެ ގޮތުގައި އިއްޒަތްރި ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ.
"ރަނގަޅު ގޮތުގައި އިލްމު ލިބިއްޖެ ނަމަ މައިންބަފައިންނަށް ކަމޭ ހިތުމާއި ދުވަސްވީ މީހުންނަށް ގަދަކުރާނެ. ކުޑަކުދިންނަށް ވެސް އޯގާތެރިވެ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެ" މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އެކަމަނާ ވިދާޅުވިއެވެ.
ޢިލްމެއް ހާސިލް ކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށާއި އެ ދަރިވަރަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ނަފްސަށް ތެދުވެރިވެ ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
advertisment
ހިޔާލު