2023-2024 ވަނަ އަހަރު ގދ. އަތޮޅު ތައުލީމީމަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ ޔޫސުފް ޔުކީން ނަސްރުﷲ އަލީ އާއި އާއިޝަތު އާލިމާއެވެ.
ޔުކީންއަށް އެއްވަނަ ލިބުނީ ސާނަވީންނެވެ. އާލިމާއަށް އެއްވަނަ ލިބުނީ މަތީ ސާނަވީންނެވެ.

މަތީ ސާނަވީން އެއްވަނައަށް ދިޔަ އާލިމާ އެ ސްކޫލުގެ އެންމެ މޮޅު ފަސްދަރިވަރުންގެ ތެރެއިން ދެވަނަ ލިބުނެވެ. އަދި އޭލެވެލެލް އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އަށްވަނަ ލިބުނެވެ.
ގދ. އޭއީސީގެ ސާނަވީ ބައިން ދެވަނައަށް ހޯދީ ހައްވާ މަލީހާ ޒުހައިރެވެ. ތިންވަނަ ހޯދީ އައިޝަތު އާލާ އިސްމާއިލެއެވެ. މި ދެ ދަރިވަރުން މަތީ ސާނަވީއަށް ކިޔެވަމުން ދަނީ އެ ސްކޫލުގައެވެ.

އޯލެވެލްގައި ޔުކީންއަށް ލިބުނު ކާމިޔާބީއެއް ކަމަށް ޔުކީން ދެކެނީ އޭނާ ގްރޭޑް ނުވައެއްގައި ކިޔެވިއިރު އެންމެ ދަށުން މާކުސް ލިބުނު ދިވެހި މާއްދާއިން އޯލެވެލްގައި "އޭ" ފާހެއް ލިބުމާއި ޓިއުޝަން ނުނަގާ މާއްދާއިން "އޭ ޕްލަސް" ލިބުމެވެ. އެންމެ ދަށުން މާކުސް ލިބުނު މާއްދާއިން އިތުރަށް މަސައްކަތްކުރަންޖެހޭކަން އެނގި ޔޫކީން މި އެހީތެރިކަން ހޯދުމަށް ނިންމިއެވެ.
އެގޮތުން ދިވެހި މާއްދާއިން އިތުރު އެހީތެރިކަން، ފީ އެއް ނެނގުމެއްނެތި ދެއްވީ މާޖިދާ މިސްއެވެ. ކިޔަވައިދިން ޓީޗަރުންގެ އިތުރުން، މާޖިދާ މިސް ވެދެއްވި އެހީތެރިކަމާއެކު، ޔުކީން ވަނީ ދިވެހިން އޭ ހޯދާފައެވެ. އެހެންކަމުން. ކިޔަވައިދިން ޓީޗަރުންނާއި މާޖިދާ މިސްއަށް ހިތުގެ އެންމެ ފުންމިނުން ޔުކީން ޝުކުވެރިވެއެވެ.

ޔުކީންގެ މަންމަ ޖީޒާ ހާމަކުރިގޮތުގައި، ޔުކީން ކިޔެވުމާ ގާތް ކުރުމަށް އެންމެ ފުރަތަމަ ވެސް ސްކްރީނާ ދުރުކޮށް، ދީނީ ކަންކަމާ ގާތްކޮށް އަމިއްލައަށް ކިޔެވުމަށް މަސައްކަތް ކުރުމަށް ނަސޭހަތް ދެމުން ދިޔަ ކަމަށެވެ. އެގޮތުން ޔުކީންއަކީ މައިން ބަފައިންގެ ބަސް އަހާ ކުއްޖެއްކަން ފާހަގަކޮށް ޔުކީންގެ މަންމަ ބުނީ ޔުކީންގެ ކާމިޔާބީއަކީ މައިންބަފައިންގެ ބަސްއެހުމާއި އަދި ކާމިޔާބީއަށް ޔުކީން ގަދަ އަޅައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ސްކޫލްގެ އެންމެ ފަހު އަހަރު ޔުކީން ޚިދުމަތްކުރީ ސްކޫލް ކެޕްޓަންގެ ގޮތުގައެވެ. މި ދައުރުގައި އޭނާ ލީޑަރޝިޕް ދެއްކީ ތެދުވެރިކަމާއި، އެކުވެރިކަމާއި ޒިންމާދާރުކަމާއެކުއެވެ.
ޔުކީން އެންމެ ކުޑައިރުއްސުރެ ވެސް ރޯލްމޮޑެލެއްގެ ގޮތުގައި ދެކެމުން އައީ ޔުކީންގެ މަންމައެވެ. އުނގެނުމާއި ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމަށް ޔޫކީން މަންމަކުރަމުން އައި ހިތްވަރުން ޔޫކީން ވެސް ހިތްވަރުލިބިގަތެވެ. މަންމަގެ ފިޔަވަޅުމަތީގައި ހިނގުމަކީ ޔޫކީންއަށް ކާމިޔާބަށް ވާސިލުވާނެ ހަމައެކަނި މަގުކަމަށް ތެދުހިތުން ގަބޫލުކުރިއެވެ. އަދި މަންމަ ދޭ ނަސޭޙަތާއި ޔުކީން ރަނގަޅު ކުއްޖެއް ގޮތުގައި ބޮޑުކުރުމަށް ވަމުންދާ އަގުނުދެވޭނެފަދަ ޤުރުބާނީއަށް ޓަކައި އުފަލާއި ލޯއްބާއިއެކު މަންމައް ޙާއްސަ ޝުކުރެއް އަދާކޮށްފައެވެ. މި ޝުކުރުގައި ޔުކީން ވަނީ ބައްޕަ، ބައްޕި، ދޮންތި މަންމައާއި ކޫމަންމަ އަދި ދޮންތިގެ ނަން ފާހަގަކޮށްފައެވެ.

ޔުކީންގެ މިހާރުގެ ހުރިހާވެސް އަމާޒަކީ އަދި އުއްމީދަކީ އޭލެވެލްގަވެސް ނެޝަނަލް ޓޮޕްޓެނުން ޖާގަ ހޯދުމެވެ. އަދި ޑޮކްޓަރީ ކަމުގެ ދާއިރާއިން މަތީތައުލީމަ ޙާސިލްކުރުމެވެ.
advertisment
ހިޔާލު