ދާންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އޭނާއަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެރޭ، އިމާމުވެ ހުކުރުކުރީ މިއަދު
ދާންދޫ ސްކޫލުން އޯލެވެލް ނިންމި މުޙައްމަދު ފާއިޤް އިލްޔާސް ދެ ކަމެއް ކުރަން ހިތުލިއެވެ. އެއީ ރަށު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދުމާއި އިމާމުވެ ހުކުރު ނަމާދު ކުރުމެވެ. އޭނާ ކަނޑައެޅި މި ދެ ކަންތައް ވެސް ހާސިލްވީ ކައިރިކައިރީގައެވެ. ދާންދޫ ސްކޫލުގެ ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި އެއްވަނަ ދަރިވަރުގެ ފަޚުރުވެރި ވަނަ ހިފައިގެން ސްޓޭޖް މަތިން އޭނާ ފޭބީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. ދާންދޫ ބޮޑު މިސްކިތުގައި އިމާމުވެ ހުކުރީ މިއަދުއެވެ.

"އެންމެ ބޭނުންވި ކަންތައްތައް މިވީ ކައިރިކައިރީގައި" އުއްމީދު ކަންތައްތައް ފުރިހަމަވުމުން އުފާވެފައި ހުރި ފާއިޤް ދަރިވަރު ނޫހަށް މިއަދު ބުންޏެވެ.
ފާއިޤު ބުނީ، ހުކުރުކޮށް ނިމުމުން ގިނަ ބައެއްގެ ތަޢުރީފު ލިބުނު ކަމަށާއި ފުރަތަމަ ދުވަހަށް ވުމުން ކޮންމެ ވެސް ވަރަކަށް ޖެހިލުންވި ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހާ ބަލާއިރު ޚުޠުބާގެ ކަންތައް ދިޔަގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
އިމާމުވެ ޖަމާއަތުގައި ނަމާދުކުރަން ފާއިޤް ފެށީ އެރަށު ކައުންސިލުން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހުއެވެ. އޭގެ ފަހުން އޭނާ ދިޔައީ އިމާމުވެ ނަމާދު ކުރަމުންނެވެ. އެ ފުރުޞަތު އެ ރަށު މިސްކިތްތަކުގެ އިމާމުން އޭނާއަށް ދެއެވެ.

ސީއެޗްއެސްއީ ހުޅުމާލޭގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުންދާ ފާއިޤް ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވީ އެންމެ ފަހުން ހިންގި ބުރުގައެވެ.
އޯލެވެލް އިމްތިޙާނުން ފާއިޤަށް ފަސް އޭ ސްޓަރ އާއި ތިން އޭ ލިބުނެވެ. ޤައުމީ ގަދަ ދިހައެއްގައި އޭނާ ދިޔައީ ހަތަރުވަނަ އަށެވެ.
ފާއިޤްގެ މިހާރުގެ ޓާގެޓަކީ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދައިގެން ސްކޮލަރޝިޕެއް ހޯދުމެވެ. ސައިންސް ސްޓްރީމްގައި ކިޔަވަމުންދާއިރު ކުރިއަށް ދާނެ ދާއިރާއެއް އޭނާ އަދި ނުނިންމައެވެ.

ދާންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ފާއިޤް ހޮވުމުން އެ ކައުންސިލުން އުމްރާ ދަތުރެއް ވެސް އޭނާއަށް ވަނީ ދީފައެވެ.
އޭނާއަށް ލިބުނު ހުރިހާ ކާމިޔާބީއެއްގައި ވެސް އެންމެ ކުރީގައި ތިބީ މައިންބަފައިންނެވެ. ދެން ސްކޫލާއި ރަށު ކައުންސިލާއި ރަށު މިސްކިތްތަކުގެ އިމާމުން ދިން އެހީތެރިކަމަށް ފާއިޤު ޝުކުރުއަދާކުރެއެވެ.


advertisment
ހިޔާލު