އިސްކަންދަރު ސްކޫލުން އެއްވަނަ ހޯދީ އާޔަން، ދެވަނަ ހޯދީ އީޝަލް، ތިންވަނަ ހޯދީ އަލްޔާ

ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު އިސްކަންދަރު ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އާޔަން އަހުމަދު އިނާން ހޯދައިފިއެވެ. އެ ސްކޫލުން ދެވަނަ ހޯދީ އައިޝަތު އީޝަލް އަލީއެވެ. ތިންވަނަ ހޯދީ އަލްޔާ އަޙްމަދު ރަޝީދެވެ.

ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު މުޙައްމަދެވެ.

2023-2024 ދިރާސީ އަހަރު އިސްކަންދަރު ސްކޫލުން 189 ދަރިވަރުން އޯލެވެލް ނިންމިއެވެ. އޭގެ ތެރެއިން 55 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނުއިރު ހަ ދަރިވަރުން އެއްވަނަ ހޯދިއެވެ.

އޯލެވެލްއިން އެއްވަނަ އަދި ދުނިޔެއާއި ރާއްޖެއިން ވަނަތައް ލިބުނު ދަރިވަރުން

  • އައިޝަތު ނައުރީން ހަމީދު- އޯލެވެލްއިން އެއްވަނަ އަދި އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
  • އާޔަން އަޙްމަދު އިނާން- އޯލެވެލްއިން އެއްވަނަ
  • އައިޝަތު އީޝަލް އަލީ- އޯލެވެލްއިން އެއްވަނަ، ހިސާބު މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
  • އަލްޔާ އަޙްމަދު ރަޝީދު – އޯލެވެލްއިން އެއްވަނަ، އިނގިރޭސި އާއި ޓްރެވަލް އެންޑް ޓޫރިޒަމުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ، އެކައުންޓިންގ އިން ރާއްޖެއިން އެއްވަނަ
  • މުޙައްމަދު ދާނިޝް އިބްރާހިމް ނަޖުމީ- އޯލެވެލްއިން އެއްވަނަ
  • މުޙައްމަދު މަޢާލް އިބްރާހިމް- އޯލެވެލްއިން އެއްވަނަ، އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ، އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ
  • އައިޝަތު ނީމް އަޙްމަދު- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
  • ރަމްޝާ އަޙްމަދު ފާއިޒު- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
  • އައިޝަތު ޒޯޔާ ހުސައިން- ޓްރެވަލް އެންޑް ޓުރިޒަމުން ދުނިޔެއިން ހަތަރުވަނަ

އެއްވަނަ ހޯދި އާޔަންއަކީ ފާއިޔުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.  އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އޭނާ ހޯދިއެވެ. ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި ގައުމީ އަދި ބައިނަލް އަޤްވާމީ މަޒްމޫނު ލިއުމުގެ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ޙާސިލުކޮށްފައިވެއެވެ. ޤައުމީ އަދި ބައިނަލް އަޤޮވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތަކެއް ވެސް ހޯދައިފައިވެއެވެ.

ޔުނިފޯރމް ހަރަކާތްކަތުގެ ތެރެއިން އާޔަން އިޚްތިޔާރު ކުރީ ސްކައުޓެވެ. ސްކޫލު ނިމުމާ ހަމައަށް ސްކައުޓުގެ ތަފާތު މަޤާމަތަކުގައި މަސައްކަތް ކޮށްފައިވެއެވެ. އާޔަންއަކީ ތިމާ ވެއްޓާ ބެހޭ ކަންތައްތަކަށް ވަރަށް ޝައުގުވެރިވި ކުއްޖެއްކަމުން ތިމާވެއްޓާބެހޭ ކްލަބަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީ އިސްދައުރެއް އަދާކޮށްފައިވެވެ. ގްރޭޑް 8 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ސްކޫލުގެ ސީނިއަރ މަޤާމެއް އަދާކޮށްފައިވެއެވެ.

އާޔަންގެ ރައްޓެހިން އާޔަންއާ މެދު ދެކެނީ ކަންކަން ކުރުމަށް ޝައުގުވެރިވާ އަދި ކުދިންނާ ގުޅިގެން އާޔަން އަށް ދަސްވެފައިވާ އެއްޗެއް އެހެން ކުދިންނާ އަބަދުވެސް ޙިއްސާކުރާ ހިތް ހެޔޮ ރަހުމަތްތެރިއެއްގެ ގޮތުގައެވެ.

އާޔަން ބޮޑަށް ޝައުގުވެރިވަނީ ސައިންސްގެ މާއްދާތައް ކިޔަވާށެވެ. އެގޮތުން އޭނާ އަޒުމް ކަނޑައެޅީ ސައިންސް ސްޓްރީމް ޚިޔާރުކޮށް ބޭސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އާޔަންގެ ދުރުރާސްތާ ވިސްނުމަކީ ގައުމަށް ބޭނުންތެރި ކާރޑިއޮލޮޖިސްޓަކަށް ވުމެވެ.

ދެވަނަ ހޯދި އީޝަލްއަކީ ފާއިތުވި އަހަރު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އޭނާ ވަނީ  އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. ހިސާބު މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ވެސް އީޝަލް ހޯދާފައިވެއެވެ.

ގްރޭޑް 9 ން ފެށިގެން އީޝަލް އަކީ އިސްވާރެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އައި ދަރިވަރެކެވެ. އަދަބީ މުބާރާތްތަކާއި، ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ އިސްދައުރެއް އަދާކުރަމުން އައި ދަރިވަރެއް. އީޝަލްއަކީ މިހާރުވެސް ހޭންޑް ބޯލް ޖޫނިއަރ ނޭޝަނަލް ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މި ދަރިވަރުގެ އުއްމީދަކީ އާރކިޓެޗަރ ދާއިރާއިން ކުރިއަށް ދިއުމެވެ.

އީޝަލްގެ ރައްޓެހިން އިޝާލް ދެކެނީ މަގު ދައްކައިދޭ ދަރިވަރެއްގެ ގޮތުގައި. މަޑުމައިތިރި ކުއްޖެއްގެ ގޮތުގައި ފެނުނު ނަމަވެސް މަޖާ ކުއްޖެއްގެ ގޮތުގައި. އެހެން ކުދިންނަށް މަގުދައްކައިދޭ ކުއްޖެއްގެ ގޮތުގައެވެ.

ތިންވަނަ ލިބުނު އަލްޔާ ވަނީ އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ އިނގިރޭސި އާއި ޓްރެވަލް އެންޑް ޓޫރިޒަމުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ، އެކައުންޓިންގ އިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ.

ގްރޭޑް 9 ން ފެށިގެން ވެސް އަލްޔާއަކީ ސްކޫލްގެ އިސްވާރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ބޭންޑްގައި ވެސް އިސް ދައުރެއް އަދާކުރި އަލްޔާގެ ކުރިމަގު ގުޅިފައިވަނީ އެކައުންޓިންގ އެންޑް މެނޭޖްމަންޓް  ދާއިރާއާއެވެ.

ރައްޓެހިން އަލްޔާއާ މެދު ދެކެނީ އެހެން ކުދިންނަށް އަޅާލައި، އެހީތެރިވާ ދަރިވަރެއްގެ ގޮތުގައި. ނޭނގޭ އެއްޗެތި އޮޅުންފިލުވައިދީ ކުރިއަށްދާނެ މަގު ދައްކައިދޭ ކުއްޖެއްގެ ގޮތުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *