ސިހުރުގެ ވޭނާއި ހޫނަށްފަހު ލައިސާ ހޯދީ އޯލެވެލްއިން އެއްވަނަ

ހއ. ބާރަށު ސްކޫލުގެ ގުރޭޑް އެކަކުން ނުވައަކަށް ދިޔައިރު ވެސް އެ ސްކޫލުގެ މަރިޔަމް ލައިސާ ޞަފްޢަތަކީ ދަރިވަރުންނާއި މުދައްރިސުންގެ ތެރޭގައި ވެސް ހުރިހާ ގޮތަކުން ވެސް އެންމެ ހިނގާނަމެވެ. ހުރިހާ ހަރަކާތެއްގައި ބައިވެރިވެއެވެ. ކިޔެވުމަށް އިސްކަންދެއެވެ. މަދު މާއްދާއެއް ފިޔަވައި ހުރިހާ މާއްދާތަކުން އޭ ސްޓަރ އަބަދުވެސް ހޯދައެވެ. ގުރޭޑް 9ގައި ޑެޕިއުޓީ ކެޕްޓަންކަމަށް ވާދަކޮށް އިންތިޚާބުން ބަލިވިނަމަވެސް ، ކިޔެވުމަށް އިތުރަށް ކުރި ބުރަމަސައްކަތާ އެކު، ޖެހިގެން އައި އަހަރު އެއީ އެ ސްކޫލުގެ ފަޚުރުވެރި ކެޕްޓަނެވެ. ސްކޫލުގެ ޕްރިންސިޕަލުގެ ބަހުންނަމަ އެއީ އެ ސްކޫލުގެ ކްރީމް އޮފް ކްރީމެވެ. އޯލެވެލްއިން އެ ސްކޫލަށް ފަޚުރުވެރި ވަނައެއް ހޯދައިދޭނެ ދަރިވަރެކެވެ.

ގުރޭޑް 10ގައި ކިޔަވަން ފަށައި މާގިނަ ދުވަހެއް ނުވަނީސް ލައިސާގެ ތަޢުލީމީ ޙަޔާތުގެ ސަމުގާ ކުއްލިއަކަށް ނުއަތަށް އެނބުރިގަތެވެ.

ފުރަތަމަ ބެލީ ނަފްސާނީ ކަމެއްގެ ގޮތުގައި

2024 ވަނަ އަހަރު ޖެނުވަރީ މަހުތެރޭ ބާރަށު ސްކޫލުގައި ކުރިއަށް ގެންދިޔަ ކެޑޭޓް ކޭޕްމްގެ ތެރޭގައި ދަރިވަރުންތަކެއް އަޑުގަދަކޮށް ހަޅޭއްލަވާ އަޑު އިވެންފެށިއެވެ. އެ ހަޅޭކުގެ ތެރެއިން އެންމެ ގަދަ އަޑަކަށް އިވެން ފެށީ ލައިސާގެ އަޑެވެ. ލައިސާގެ އަޑު އާދަޔާ ޚިލާފަށް ބާރުވެފައި ތަފާތު ކަމެއް ފާހަގަވާން ފެށިއެވެ. އެ އަޑު އޭނާގެ މަންމަގެ ކަންފަތުގައި ވެސް ޖެހުނެވެ. ވީކީއްތޯ ބަލަން ފޮނުވީ އޭނާގެ ބައްޕަ ޞަފްޢަތެވެ.

ސްކޫލަށް ދިޔައީމާ ވެސް އެ ވަގުތު ދަރިފުޅަށް ކަމެއް ވެގެން އުޅޭ ވާހަކައެއް ކޭމްޕްގެ އިންސްޓްރަކްޓަރުން ވެސް ނުބުނެއެވެ. މަތިމަތިން ބަލާލާފައި އޭނާ އައީ ގެއަށެވެ. ގެއަށް އައިތާ 15 މިނެޓް ނުވަނީސް ހުރިހާ ކުދިން ބަލައި އައުމަށް ވައިބަރ ގުރޫޕްގައި ލިޔެ ސުކޫލުން އެންގިއެވެ. ލައިސާ ބަލައި ދިޔައިރު ބާރު ބާރަށް ވާހަކަތަކެއް ދައްކައި ހަޅޭއްލަވައި ރޮއެހަދަނީއެވެ. ގެއަށް ގެނައި މަގުމަތީ ހޭނެތިގެން ސުކޫލު ގޯތިތެރެއަށް ލައިސާ ވެއްޓުނެވެ. ހޭއެރީ އިރުކޮޅެއް ފަހުން އެތައް މަސައްކަތެއް ކުރި ފަހުންނެވެ. އޭރުވެސް ނޭވާ ހާސްވާ ގޮތް ވެއެވެ. ލައިސާގެ އިތުރުން ކޭމްޕްގައި ބައިވެރިވި އެހެން ކުދިންތަކަކަށް ވެސް ލައިސާއަށް ދިމާވި ކަންތަކާ ހުރެ ޝޮކެއް ލިބުނު ކަމަށްވެއެވެ.

ޖެހިގެން އައި ދުވަހު ލައިސާ ގޮވައިގެން އެ އާއިލާއިން ދިޔައީ ހއ. ދިއްދޫއަށެވެ. ޑޮކްޓަރަށް ދެއްކުމަށެވެ. އެރަށު ޖެޓީއަށް ފޭބިތަނުން އަނެއްކާ ވެސް އެ އުނދަގޫ ތަކުރާރުވިއެވެ. ވަގުތުން ހޮސްޕިޓަލްއަށްގޮސް އަވަސްފަރުވާދޭ ބައިގައި ބާއްވާ ފަރުވާދޭން ފެށިއެވެ. ދިއްދޫއިން ބެލި ޑޮކްޓަރުން ނަފުސާނީ ކަމެކޭ ކިޔައި ބުނީ މާލެއަށް ދިއުމަށެވެ.

އޭގެ އެއް ދުވަސް ފަހުން ލައިސާ ގޮވައިގެން އޭނާގެ ބައްޕައައީ މާލެއަށެވެ. އޭރުވެސް ލައިސާއަށް ހަމައަކަށް ނޭޅެއެވެ.

މާލެއައިސް ދެއްކީމާ ޑޮކްޓަރުން ނިންމީ ލައިސާއަށް ދިމާވީ އެންޒައިޓީގެ ކަމެއްގެ ގޮތުގައެވެ. އެތައް ޑޮކްޓަރުންނަކަށް ދެއްކިއެވެ. އެއްމެން ވެސް ދިނީ އެއް ޖަވާބެކެވެ. އެ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ޑރ. އައިޝަތު އަލީ ނާޒްގެ ކައިރިން ތެރަޕީ ނެގިއެވެ.

ލައިސާއަށް ވަމުންދާ އުނދަގޫތަކަށް އެ ހުރިހާ ކަމަކުން ވެސް މާބޮޑު ލުޔެއް ނުލިބެއެވެ. އެންމެ ފަހުން ލައިސާ ގޮވައިގެން އިންޑިޔާއަށް ދާން ޞަފްޢަތު ނިންމިއެވެ. ފުރުމުގެ ކުރިން އެނބުރި ދިޔައީ ރަށަށެވެ.

"އިންޑިޔާއަށް ދިއުމުގެ ކުރިން ޕްރިންސިޕަލް އަންނާށޭ ވިދާޅުވީމާ ބައްދަލުކޮށްލަން ޞަފްޢަތު ދިޔައެވެ.

"ޕްރިންސިޕަލް ވިދާޅުވީ، ތިމަންނަގެ އެންމެ މޮޅު ސްޓޫޑެންޓޭ ލައިސާއަކީ. ބުނާނެ އެއްޗެއް ނޭނގިފައޭ މިހުރީ. އެ ރޭ {ކޭމްޕްގެ ފުރަތަމަ ރޭ} ހަޅޭލަވައި ޖަންޕްކޮށް، އެހެން ކަހަލަ ގޮތަކަށޭ އުޅުނީ. ބާރުތަކެއް އަރައިގެންނޭ އުޅުނީ. ދެން ބުނީ ބޭރަށް ދާނެ ކަމެއް ނެތޭ. ނަފްސާނީ ކަމަކަށްވުރެ ބޮޑަށް ރޫހާނީ ކަމަކަށޭ ވާނީ" ޞަފްޢަތުއަށް ދަރިފުޅަށް ވެގެން އުޅޭ ގޮތް ރޭކާލާން ފެށީ ޕްރިންސިޕަލް ވިދާޅުވި އެއްޗަކުންނެވެ.

އިންޑިޔާ ދަތުރު އޭރު އޮތީ ރާވާފައެވެ. އެހެންވެ ލައިސާ ގޮވައިގެން އޭނާ ފުރީ އިންޑިޔާއަށެވެ. އިންޑިޔާއިން ދެއްކި ޑޮކްޓަރުންނަށް ވެސް ލައިސާގެ މެޑިކަލް އެއްވެސް މައްސަލައެއް ފާހަގައެއް ނުވިއެވެ. އަދި ނަފުސާނީ މައްސަލައެއް ހުރި ކަމަކަށް ވެސް ނުވިއެވެ.

އިންޑިޔާއިން އައިއިރު ލައިސާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އޭރު މޮކް އެގްޒާމް ފެށެންވަނީ ގާތްވެފައެވެ.

މޮކް އިމްތިޙާނަށް ސްކޫލަށް ގޮވައިގެން ދިޔައީ ކާރުގައި ލައިސާގެ މަންމައާއި ބައްޕައެވެ. ސްކޫލުގެ މައި ދޮރާށިން އެތެރެއަށް ފައިއެޅުމާއެކު ރޮއި ހަޅޭލައި ލައިސާ ބޭނުންވަނީ ސްކޫލާ ދުރަށް ދާށެވެ. އަތުގައި ހިފައިގެން ގަދަކަމުން ވެސް އެތެރެއަށް ވެއްދޭ ގޮތެއް ނުވިއެވެ. މައި ދޮރާށިން ނުވަންނަން އުޅުނީމާ ސްކޫލުގެ ފަހަތުގައި ހުރި ދޮރާށިން ވެސް ވެއްދޭތޯ މަންމައާއި ބައްޕަ ބެލިއެވެ. އެ ދޮރާށިން ވައްދަން އުޅުނީމަވެސް ތަކުރާރުވީ ކުރިން ދިމާވި ގޮތެވެ.

ޓީޗަރުން އައިސް އަތުގައި ހިފައިގެން އެތައް ނަޞޭހަތެއް ދިން އިރުވެސް ސްކޫލަކަށް ވަންނަން ލައިސާ އެއްބަހެއް ނުވިއެވެ. ރޮއި ހަޅޭއްލަވަމުން އެއްޗެހިތަކެއް ކިޔަމުން އޭނާ ބޭނުންވަނީ ސްކޫލާ ދުރަށް ދާށެވެ.

"މަންމައާއި ބައްޕައަށް މިވާ އުނދަގޫ އެނގޭނަމަ ނުބުނާނެއޭ ވަންނާކަށް" މަންމައާއި ބައްޕައަށް ދަރިފުޅަށް ވަމުންދާ ގޮތުން ކަންބޮޑުވެ ހާސްވާގޮތްވިއެވެ.

"އައޫޒު ކިޔާފައި ވަންނަން އުޅުނީމާ ދެ ފިވަޅެއް ވަރު ކުރިއަށް އެޅޭ. ދެން ވެސް ހުއްޓެނީ. ވަންނަން ބޭނުންނުވެ ބާރުގަނޑެއް އަރައި ހަޅޭއްލަވައި ދުރަށް ދާން ބޭނުންވަނީ" ޞަފްޢަތު ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު ލައިސާ ގޮވައިގެން އައީ މާލެއަށެވެ. މާލެ އައި ފަހުން ލައިސާގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އަތްބުޅިވެ ހިނގަނީ ވެސް ފައިކުރުކޮށްގެންނެވެ. އެ ހާލަތުގައި ހޮސްޕިޓަލަށް ވައްދަނީ ވެސް ފޮރޮޅުލީ ގޮނޑިއެއްގައެވެ.

ރުޤްޔާކިޔަވައިގެން ރަނގަޅުވިއިރު އެ އަހަރު އޯލެލް އިމްތިޙާނު ގެއްލިއްޖެ

ލައިސާ ގޮވައިގެން ތެރަޕީނަގަން ކުލިނިކަށް ދިޔަރެއެއްގައި ތެރަޕީގެ ކަންތައްތަކުގައި އުޅުނު ޑޮކްޓަރު ޞަފްޢަތު ކައިރީގައި ބުނީ، ލައިސާއަށް ދިމާވެގެން އުޅެނީ ނަފްސާނީ ކަމެއްގެ ގޮތުގައި ފާހަގަ ނުވާ ކަމަށާއި ޑޮކްޓަރުން އެފަދަ ވާހަކައެއް ނުބުނާނެ ކަމަށެވެ. ނަފްސާނީ ކަމެއްގެ ގޮތުގައި ނުބަލައި ރޫހާނީ ކަމެއްގެ ގޮތުގައި ޞަފްޢަތުގެ ޚިޔާލު އެއްކޮށް ބަދަލުވީ އެހިސާބުންނެވެ.

އެ ރޭ ޞަފްޢަތު ނިންމީ ރުޤްޔާ ކިޔަވާނެ މީހަކު ހޯދާށެވެ.

ރައްޓެއްސެއްގެ އެހީއާއެކު ރުޤްޔާކުރާ މީހަކު ރަށަށް ގެނެސް ރުޤްޔާ ކިޔަވަން ފެށި ފަހުން ލައިސާ ރަނގަޅުވާން ފެށިއެވެ.

"ލައިސާއަށް ހަސަދަލި ބަޔަކު ހަދާފައި ހުރީ އެނާގެ ކުރިއެރުމަށާއި ކިޔެވުން ހަލާކުކޮށްލަން" ރުޤްޔާއިން ލައިސާ ރަނގަޅުވަމުން ދާން ފެށުމާއެކު ކުރީގެ ހަނދާންތަކެއް ޞަފްޢަތުއަށް ފާހަގަވާން ފެށިއެވެ.

ރުޤުޔާ ކިޔަވާމީހާ އައިސް ލައިސާގެ ފޮތްތައް ބަލައި އޭގެ ތެރެއިން އިސްލާމް ކުޑަފޮތުގައި ތަތްކޮށްފައި ހުރި "ހޭންޑް އައުޓްސްތައް" ނައްޓާލިއެވެ.

އިސްލާމް ފޮތުގައި އަތްލީމާ ވެސް އުނދަގޫ ގޮތްތަކެއް ލައިސާއަށް ކުރިން ވެއެވެ. ފޮތުގެ ބައެއް ސަފުހާތަކުގައި ތަތްކޮށް ފަތްޖާފައި ހުންނަ ހޭންޑް އައުޓްސްތައް ނިއުޅާއިރަށް ނޭވާ ހާސްވެ އާދަޔާ ޚިލާފަށް ހޮޑުލާ ކަމުގެ ހަނދާންތަކެއް އޭނާއަށް ވިއެވެ.

"އިސްލާމް ފޮތުގައި އަތްލީމާ ގޯސްވޭ. ހޮޑުލާލާ މީހާ ވަރުބަލިވޭ. އެ ފޮތުގައި ތަތްކޮށް ފަތްޖާފައި ހުންނަ ހޭންޑްއައުޓްސްތައް ނިއުޅާއިރަށް ގޯސްވޭ. ގަނޑުތައް ނިއުޅާ ވަރަކަށް ހޮޑުލާވަރު އިތުރުވޭ" ރުޤްޔާގެ ކަންތައް ކުރިއަށްދިޔަ ވަރަކުން ޞަފްޢަތަށް ކުރިން ދިމާވެފައި ހުރި ކަންތައްތައް އެކަމާ ގުޅުވާ ލެވެއެވެ.

ރުޤްޔާ ކިޔަވައިގެން ލައިސާ ރަނގަޅުވިއިރު، އޯލެވެލްއަށް ދެތިން ދުވަހަށް ވެއްޖެއެވެ. އިމްތިޙާނަށް ތައްޔާރުނުވެ ބައިވެރިވާނެ ވަގުތު އޮތްކަމަށް ލައިސާއަށް ވެސް ނުފެނުނެވެ. އެހެންވެ އެ އަހަރު އޯލެވެލް އިމްތިހާނު ދޫކޮށްލީ އާ ފެށުމަކުން ކިޔެވުމުގެ ބޭނުމުގައެވެ.

ލައިސާއަށް ދިމާވި ކަންތައްތަކުން އަރައިގަތުމަށް އެންމެ ބޮޑު އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިއައީ މަންމައާއި ބައްޕައާއި ކޮއްކޮ އަދި އާއިލާއާއި ބައެއް ރައްޓެހިންގެ ފަރާތުންނެވެ. ސުކޫލު ބަދަލުވިޔަސް ރަށު ސުކޫލުގެ ޕްރިންސިޕަލާއި ބައެއް ޓީޗަރުންގެ ފަރާތުން އަބަދު ވެސް ލައިސާއަށް ހިތްވަރުދީ އެހީތެރިކަން ދެމުންދިޔައެވެ.

އައު ފެށުމަކުން، އޯލެވެލްއިން އެއްވަނަ އެއީ ސަޕްރައިޒެއް

ލައިސާ ދެކުނު ހުވަފެނަކީ ރަށު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ސްކޫލު ނިންމާލުމެވެ. ހެދިހާ ސިހުރެއް ހެދިބަޔަކު ހެދީ އެ ފުރުޞަތު އޭނާއަށް ނުދޭން ވެގެންނެވެ.

ލައިސާއަށް ދިމާވި ކަންތައްތަކާ ހުރެ ރަށާއި ސްކޫލު ދޫކޮށް ގެނައީ މާލެއަށެވެ. ޖެހިގެން އައި އަހަރު ގުރޭޑް 10ގައި އަލުން ކިޔަވަން ފެށީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައެވެ. ރަށު ސްކޫލުގައި ކިޔެވިއިރު ހުރިހާ ހަރަކާތެއްގައި އުޅުނަސް ލައިސާގެ މިފަހަރުގެ ޓާގެޓަކަށްވީ ކިޔަވަން ހުސްވުމެވެ.

ލައިސާ ކިޔަވަނީ ރޭގަނޑާއި ފަތިހުއެވެ. ދަސްކުރަނީ ލިޔެގެންނެވެ. މުޅި ގޭގެ އެކިތަންތަނުގައި ތަތްކޮށްފައި ހުންނަނީ ލައިސާގެ ނޯޓްތަކެވެ. އެ ނޯޓްތަކުގައި އޭނާ ލިޔަނީ ކޮންމެ މާއްދާއެއްގެ ވެސް އެންމެ މުހިންމު ތަންތަންކޮޅެވެ. ނޯޓްތައް ފެންނަ ކޮންމެ ފަހަރަކު އޭގައި އެބުނާ އެއްޗެއް ހަނދާނަށް އާދެއެވެ. އެއީ ފިލާވަޅު ދަސްކުރަން އޭނާ ބޭނުން ކުރަމުން އައި އެންމެ ރަނގަޅު އެއް ފޯމިއުލާއެވެ. ދެން ވީހާވެސް ގިނައިން ޕާސްޓްޕޭޕަރު ހަދައި އަމިއްލައަށް ލިޔުނު ޖަވާބާއި މާކިން ސްކީމުގެ ޖަވާބު އަޅާކިޔަނީއެވެ.

ޑޮކްޓަރަކަށް ވުމުގެ އުއްމީދުގައި ހުރި ލައިސާ އެންމެ ކިޔަވާހިތްވަނީ ހިސާބެވެ. އެންމެ އުނދަގުލީ ދިވެއްސެވެ. ހަމައެކަނި ޓިއުޝަން ނެގި މާއްދާއަކީ ވެސް އެއީއެވެ.

ލައިސާ ބުނީ، ރެހެންދި ސްކޫލުގެ ޓީޗަރުންގެ ފަރާތުން އޭނައަށް ލިބުނީ އަޅާލުމާއި ކުރިއަށް ދިއުމަށް ދެމުން ދިޔަ ހިތްވަރު ކަމަށެވެ. އޭލެވެލްގެ ތިންވަނައަށް އޭނާ އުއްމީދު ކުރަމުން ދިޔައިރުވެސް މުދައްރިސުން އުއްމީދު ކުރީ އޭނާއަށް އެއަށްވުރެ މާ މަތިން ހޯދޭނެކަމަށެވެ.

"ކުރިއަށް ދިއުމުގެ ސަޕޯޓަކަށްވޭ މުދައްރިސުންގެ ފަރާތުން އެ ލިބޭ އެހީތެރިކަން. އެ ދޭ ހިތްވަރު. ވަކި މާއްދާއަކުން އޭ ސްޓާ ނުލިބޭނޭ ހިތަށް އަރާއިރު އޭ ސްޓާގެ މަތިން ހަނދާންކޮށްދެނީ މުދައްރިސުން" ރެހެންދި ސްކޫލުގެ މުދައްރިސުން ކޮށްދިން މަސައްކަތަށް ލައިސާ ޝުކުރުއަދާކުރިއެވެ.

އޯލެވެލްގެ ނަތީޖާ ބަލައި ދިޔައީ ލައިސާއާއި އޭނާގެ މަންމައެވެ. ނަތީޖާ ހިފައިގެން ގެއަށް އައީ އޭގައި އޮތް އެއްޗެއް ނުވެސް ބަލައެވެ. ނަތިޖާ ބަލަން އޭނާ ބޭނުންވީ ރާއްޖެއިން ބޭރުގައި އޭރު ހުރި އޭނާގެ ބައްޕައާއެކު ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ. ނަތީޖާ އިއުލާން ކުރަން ހަވާލުވީ އޭނާގެ ކޮއްކޮއެވެ. އެއްވަނަ އަށް އުއްމީދު ނުކުރާ ލައިސާގެ ހިތް އެވަގުތު ބާރަށް ތެޅެއެވެ.

"ނަތީޖާއަށް ބަލާފައި ކޮއްކޮ ބުނީ، ސަޕްރައިޒެކޭ"

އަށް އޭ ސްޓަރ އޭ ކޮއްކޮ ބުނާއިރަށް ލައިސާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވީއުފަލެއް ބުނެދޭން ވެސް ނޭގުނެވެ. މަންމައާއި ކޮއްކޮ ވެސް ލައިސާގެ ގައިގައި ބައްދައިގަތެވެ. ލައިސާގެ އެ އުފަލުގައި އާއިލާގެ އެންމެން ފަހުން ބައިވެރިވިއެވެ.

ލައިސާ ބުނީ ނަތީޖާ ބަލާ އޭނާ ނައިސްގެން މުދައްރިސުންނާއި ސްކޫލުގެ ޕްރިންސިޕަލް ވެސް އުޅުއްވި ކަމަށާއި ނަތީޖާ ހިފައިގެން ގެއަށް އައި ފަހުން ސްކޫލަށް އައުމަށް އެދުނު ކަމަށެވެ.

"ނަތީޖާ ނަގައިގެން އައި އިރު މުދައްރިސަކާވެސް ދިމާނުވެ އައީ. ސްކޫލުން ފަހުން ގުޅާފައި ގެންގޮސް މަރުޙަބާ ކިޔައި އެކަން ސެލަބްރޭޓް ކުރީ" ނަތީޖާއާއި ސްކޫލުން އެކަން ފާހަގަކުރުމުން ހިތްހަމަޖެހިފައި ހުރި ލައިސާ ބުންޏެވެ.

ލައިސާގެ އޭލެވެލްގެ މަންޒިލަކީ ސީއެޗްއެސްއީ ހުޅުމާލެއެވެ. އޭނާ ބޭނުން ވަނީ އޯލެވެލްގައި ލިބުނު ނަތީޖާ ތަކުރާރު ކުރުމެވެ. އަލުން ކުރީގެ ދިރިއުޅުމަށް އެނބުރިދާށެވެ. ނަގައި ކިޔާ ލީޑަރެއްގެ ގޮތުގައި ކުރިއަށް ދާށެވެ.

ލައިސާ އެންމެ ދެރަވީ އޭނާއާއެކު ރަށުގައި ކިޔެވި ބައެއް ކުދިން އޭނާ ދޫކޮށްލީމައެވެ. ފެންނަ ކަމަށް ނަހަދައި ބާކީކޮށްލީމައެވެ. އެއީ އޭނާއަށް ލިބުނު ހިތްދަތިކަމެކެވެ. އެމަކު އެއީ މާޒީއެވެ.

އެހެން ދަރިވަރުންގެ ކިބައިން ލައިސާ އެދޭ އެދުމެއްވެއެވެ. އެއީ ފަސްވަގުތު ބަރާބަރަށް ނަމާދުކޮށް ދުޢާ ކުރުން މަތީގައި ދެމިހުރުމެވެ. ބައެއް ކުދިންނަކީ ގުދުރަތުން ކިޔެވުމުގެ ހުނަރު ލިބިފައިވާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ގަދައަޅައި މަސައްކަތް ކޮށްގެން އަމިއްލައަށް އެ ހުނަރު ހޯދާ ކުދިންނެވެ. ދެ ހާލަތުގައި ވެސް މަސައްކަތް ކުރަން ޖެހެއެވެ. މަސައްކަތް ކުރަން ޖެހޭ މިންވަރު ތަފާތު ވިޔަސް މަސައްކަތަކާ ނުލައި ކާމިޔާބެއް ނުލިބޭނެއެވެ.

އެހެންވެ އޭނާ އެދުނީ ނާކާމިޔާބީން ހިތްވަރު ހޯދައި ބުރަކޮށް މަސައްކަތް ކުރުމަށެވެ. ކާމިޔާބު އަބަދުވެސް ބުރަވަނީ އެކަމަށް އެދިގެން ބުރަކޮށް މަސައްކަތް ކުރާ މީހަކާ ދިމާލަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *