އޯލެވެލް ނިންމައި އެތަންމިތަނުން އެއްޗެހި ހަމަކޮށްގެން އައިޒަން އަމިއްލައަށް ހެދީ ރޭސިން ކާރެއް

އޯލެވެލް ނިމުމާއެކު ގެމަނަފުށީ ސްކޫލުން ކިޔެވި އަޙްމަދު އައިޒަން އަމްޖަދު އަވަސްވީ ރޭސިން ކާރެއް ހަދއިގެން އޭނާގެ ދުވަސްވީ ހުވަފެނުގައި ކުލަޖައްސާށެވެ.

އޯލެވެލް ނިމުނީ މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. ކާރު ހެދުމުގެ މަސައްކަތް އައިޒަން ފެށީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހޭދަވީ 74 ދުވަހެވެ.

އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤު ހުންނަ އައިޒަން ކުޑައިރުއްސުރެ އޭނާ ގެންގުޅޭ ކުޅޭ ކާރުފަދަ ތަކެތި ރޫޅައިހަދައެވެ. އެފަދަތަކެތި މަސައްކަތް ކުރާގޮތް އަމަލީގޮތުން ދަސްކުރެއެވެ. އޭނާގެ އެ ޝައުޤުވެރި މަސައްކަތަށް އެހީ ހޯދަނީ ޔޫޓިއުބު ވީޑިއޯތަކުންނެވެ.

އަމިއްލަ ސްޕޯޓްސް ކާރެއް އުފެއްދުމުގެ ޚިޔާލު އައިޒަންގެ ހިތުތެރޭގައި ދައުރުވާން ފެށީ ގުރޭޑް 8ގައި ކިޔަވަމުން ދިޔައިރުއެވެ. އެ މަސައްކަތް ރާވަމުން ދިޔަ ނަމަވެސް އަމަލީ ގޮތުން މަސައްކަތް ކުރާނެ ފުރުޞަތެއް ލިބުނީ އޯލެވެލް އިމްތިޙާނަށްފަހުއެވެ.

އައިޒަން ބުނީ، ކާރު އުފެއްދުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ސާމާނު ހަމަކުރާށެވެ. އަމިއްލަ ޑިޒައިނަކަށް ހަދަން ޖެހުމުން ކުރަންޖެހުނު މަސައްކަތާއި ހޯދަން ޖެހޭ ސާމާނު ވެސް ތަފާތެވެ. ކާރުގެ އޮނިގަނޑު ހެދީ ދަނގަޑުން ވެލްޑްކޮށްގެންނެވެ. އެކަން ކުރީ ވެސް އަމިއްލައަށެވެ. ފުރަތަމަ ދަސްކުރީއެވެ.

"ފުރަތަމަ ފަހަރަށް ވެލްޑިންގ ޕްލާންޓެއްގައި އަތްވެސްލީ. ބޭބެއަކު ކައިރީގައި ހުއްޓަސް އަމިއްލައަށް ދަސްކޮށް، ވެލްޑްކޮށްގެން ކާރުގެ އޮނިގަނޑު ނިންމާލީ" އައިޒަންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ކާރުގައި ބޭނުންކުރަން ފުރޮޅު ނެގީ ހަލާކުވެފައި އޮތް ބަގީއަކުންނެވެ. އިންޖީނަކަށް ބޭނުންކުރީ، ގެމަނަފުށީ ގަރާޖެއްގެ ތެރޭގައި ރޫޅާލާފައި ހުރި ސައިކަލަކުންނެވެ. ބޭނުންވާ ގިނަ ސްޕެއަރޕާޓްސް ހޯދީ އެކިތަންތަނުންނެވެ. ކާރުގެ ކަވަރު ހެދީ ފައިބަރުސީޓުންނެވެ. އެ ހަރުކުރީ ރިވެޓްޖަހައިގެންނެވެ. އެންމެ މީހަކަށް އެރޭ، މި ކާރުގެ ދިގުމިނުގައި 10 ފޫޓް، ފުޅާމިނުގައި 4ފޫޓް ހުރެއެވެ. މި ރޭސިން ކާރު ހެދުމުގައި އައިޒަންއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކާރުގެ ފަހަތު ސާފްޓެވެ. އަމިއްލަ ޑިޒައިނަކަށް ހަދާ އެއްޗަކަށް ފިޓްވާނެ ސާފްޓެއް އޭނާއަކަށް ނުލިބުނެވެ. ރަށުޕިކަޕެއްގެ ސާފްޓެއް ނަގައިގެން އެއަށް ބައިތަކެއް އިތުރުކޮށްގެން ވެލްޑްކޮށް އަމިއްލައަށް އެއްޗެއް އެންމެ ފަހުން އުފެއްދީއެވެ. ކާބްރޭޓަރަކަށް ވެސް ލެއްވީ އެހެން ސައިކަލެއްގެ އެއްޗެކެވެ.

"އެކިތަންތަނުން އެއްޗެހި ހަމަކުރިއިރު ސީދާ އެއެއްޗަކާ ގުޅޭ އެއްޗެއް ނުލިބޭނެތާ. ރަށްފުށުވީމާ އެއްޗެއް ހޯދަން ވެސް ފަސޭހަ އެއް ނޫން. ވަރަށް އުނދަގުލުން، ގިނަ އެއްޗެއެއްސަށް އަމިއްލަ މޮޑިފިކޭޝަނެއް ގެނެސްގެން ނިންމާލެވުނީ" އައިޒަން ކިޔައިދިނެވެ.

އައިޒަން ބުނީ، އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ 4ގެ ކޯހެއްގައި ބައިވެރިވެފައިވާތި، ކޯހުގެ ކިޔެވުން ފެށުމުގެ ކުރިން މާލެދާން ޖެހުމުން ކާރުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަޔަރިންގ މަސައްކަތުގައި ބޭބެއެއްގެ އެހީތެރިކަން ހޯދަން ޖެހުނު ކަމަށެވެ.

ކާރުގެ މަސައްކަތް އައިޒަންއަށް ނިންމާލެބުނީ އިއްޔެވެ. ޓެސްޓަށް ދުއްވަން ނެރެން ޖެހެނީ ގެނަމަފުށީ މަގުތަކަށެވެ. އެހެންވެ އޭނާ އެދުނީ އެރަށުގައި ތިބި ފުލުހުންގެ އެހީތެރިކަމަށެވެ. ފުލުހުން އެ ހުއްދަ އޭނާއަށް ދިނީ ކުރި މަސައްކަތަށް ތައުރީފު ވެސް ކުރަމުންނެވެ.

"ވަރަށް އުފާވި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބި ދުއްވަން ފުރުޞަތު ދިނީމާ" އައިޒަން ބުންޏެވެ.

އައިޒަންގެ ގޭގައި ހުރި ގަރާޖުން ކާރު ނެރެ ފުރަތަމަ ޓެސްޓް ބުރުގައި މުޅި ރަށުގައި ބުރުޖެހިއެވެ. އެވަގުތު އޭނައަށް ކުރެވުނީ ބުނެދޭންވެސް ނޭނގޭ އިހުސާސެކެވެ.

"މުޅި ރަށުގައި ބުރުޖެހުމަށްފަހު، ގަރާޖަށް ކާރު ވައްދާފައި ކޯހުގައި ބައިވެރިވާން މިއަދު މިއައީ ފުރައިގެން މާލެއަށް" ރޭ ދަރިވަރު ނޫހަށް އައިޒަން ބުންޏެވެ.

އައިޒަން ބުނީ، އޭނާ ހެދި ރޭސިން ކާރުގައި އާ ކާބްރޭޓަރެއް ލައްވައިފިނަމަ ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނަށް ދުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އައިޒަންގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ މަންމައާއި ބައްޕައެވެ. ބޭނުންވާ ސާމާނެއް ހަމަކުރުމުގައި ވެސް އެމީހުންގެ އެހީތެރިކަން ލިބުނެވެ. އައިޒަންގެ އެ މަސައްކަތަށް ރަށުގެ ރައްޔިތުން ވެސް ދިނީ ބޮޑު ތަރުހީބެކެވެ. އޭނާގެ އެ މަސައްކަތަށް ތައުރީފު ނުކުރާ މީހަކު ނެތެވެ.

"މިއީ ފެށުމެއް އިރާދަކުރެއްވިއްޔާ ތަފާތު އުފެއްދުންތައް ފެންނާނެ" ހިތްހަމަޖެހިފައި ހުރެ އައިޒަން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *